Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ދިވެހި ދައުލަތުން ދެއްވާ އިނާމުތައް ދެއްވުމަށާއި ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ ބާއްވާއިފި

ދިވެހި ދައުލަތުން ދެއްވާ އިނާމުތައް ދެއްވުމަށާއި ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ ބާއްވާއިފިއެވެ.

މިނިސްޓްރީ އޮފް ހޯމްއެފެއާޒް އިދާރާ




ދިވެހި ދައުލަތުން ދެއްވާ އިނާމުތައް ދެއްވުމަށާއި ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ ބާއްވާއިފިއެވެ. މި ޖަލްސާ އޮތީ ޖުމްހޫރީ މައިދާނުގައެވެ. މި ޖަލްސާގައި ދެ ބޭފުޅަކަށް އިއްޒަތް އެރުވުނެވެ. އެބޭފުޅުންނަކީ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް ލިބިވަޑައިގެންފައިވަނީ މާފަންނު މަޚްމާވިލާ އިބްރާހީމް އިސްމާޢީލާއި ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް ލިބިލެއްވީ މައްޗަންގޮޅި ވިލުވެލި ބަދުރުއްނަޞީރެވެ. މީގެ އިތުރުން މިރަސްމިއްޔާތުގައި 14 ބޭފުޅަކަށް ޝަރަފުގެ ގައުމީ އިނާމާއި 24 ބޭފުޅަކަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމް ވަނީ ދީފައެވެ

މި ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ޤައުމީ ބޮޑެތި މައްސަލަތައް ޙައްލުކުރުމުގައި ވެސް ޢަޒުމް ކަނޑައަޅައި އިސްކުރަންވީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިޘާގައި ދިވެހިން ސާބިތުކޮށްދިން ފަދަ އެކުވެރިކަމާއި، އެއްބައެއްވަންތަކަމުގެ ރޫޙުކަމުގައި ވިދާޅުވިއެވެ. އަދި މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި މަސްވެރިކަމާއި ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.

މިޖަލްސާގާއި ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅޭގޮތުން މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ސުނާމީ ކާރިސާގައި ދިވެހި ރައްޔިތުންގެ ފަރާތުން ވިދާބަބުޅާލި ރިވެތި ސިފަތަކަކީ މިގައުމު ފަޚުރުވެރިވާފަދަ ސިފަތަކެއް ކަމަށާއި އެއީ އަޅުގަނޑުމެންގެ ކާބަފައިންގެ ފަރާތުން އަޅުގަނޑުމެންނަށް ވާރުތަވި ވަރަށް ރިވެތި ސިފަތަކެއް ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި އެދުވަހު ދިވެހި ރައްޔިތުން ދެއްކި އެކަކު އަނެކަކަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި އޯގާތެރިކަމަކީ މިއަދުގެ ދަރިވަރުންނަށް ސުކޫލްތަކުގައި އުގަންނައިދޭންޖެހޭ ކަމެއްކަމަށްވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ސުނާމީ ކާރިސާއެކޭ އެއްފަދައިން މިހާރު ރާއްޖެ އަދި މުޅި ދުނިޔެ ތަޖުރިބާކުރަމުންދާ ކޮވިޑް-19ގެ ހާލަތަކީވެސް ހިތްދަތި ކަންތައްތަކެއް ކުރިމަތިވި، ހާލަތެއްކަން ފާހަގަކުރައްވާ، އަދިވެސް ކޮވިޑް-19ގެ ނުރައްކާތެރި ހާލަތުން ދުނިޔެ އަރައިގަނެވިފައިނުވާއިރު، ރާއްޖޭގެ ހާލަތުވެސް ވަރަށް ނާޒުކުވެގެންދިޔަކަން ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19ގެ ނުރައްކާތެރި ހާލަތުން އަރައިގަތުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ ޚިދްމަތް ޚާއްޞަ ގޮތެއްގައި މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި ސިއްޚީ ހިދްމަތްތެރިންގެ އިތުރުން ދިވެހި ސިފައިންނާއި ފުލުހުން، ދިވެހި ރެޑްކްރެސެންޓް، ސްކައުޓާއި ގާލްގައިޑް އެސޯސިއޭޝަން އަދި ކަމާބެހޭ އެންމެހާ ފަރާތްތަކުން ގުޅިގެން ކުރި މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް މިނިސްޓަރ ވަނީ ޝުކުރުއަދާ ކުރައްވާފައެވެ. ހާއްސަ ގޮތެއްގައި މާލެ ސަރަހައްދު ލޮކްޑައުންކުރުމާއި ގުޅިގެން ދިމާވި ދަތި އުނދަގޫ ކަންތައްތަކުން އަރައިގަތުމަށް ދިވެހި އެންމެހާ ރައްޔިތުންގެ ކިބައިން ފެނިގެންދިޔަ އެއްބާރުލުމާއި އެއްބައިވަންތަކަމަކީ ސުނާމީ ކާރިސާގައި ވެސް ދިވެހިން ދެއްކި ނަމޫނާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.