Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު "އެކްސަސައިޒް ދޯސްތީ" އިން ރަމްޒުކޮށްދެނީ ރާއްޖެ، އިންޑިޔާ އަދި ސްރީލަންކާގެ މެދުގައިވާ ޒަމާންވީ އެކުވެރިކަމުގެ ރޫޙު: މިނިސްޓަރ މާރިޔާ

މިނިސްޓަރ މާރިޔާވަނީ 15 ވަނަ "ޓްރައިލޭޓަރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ"ގެ އިފްތިތާޙީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި

މިނިސްޓްރީ އޮފް ޑިފެންސް އިދާރާ




ދިވެހިރާއްޖެ، އިންޑިޔާ އަދި ސްރީލަންކާގެ ކޯސްޓް ގާޑު ސެއިލަރުން ހިމެނޭހެން، ކޮންމެ 2 އަހަރުން 1 އަހަރު، ބާއްވަމުން އަންނަ "ޓްރައިލޭޓަރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ" އިން ރަމްޒުކޮށްދެނީ 3 ޤައުމުގެ މެދުގައިވާ ޒަމާންވީ އެކުވެރިކަމުގެ ރޫޙުކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، 15 ވަނަ "ޓްރައިލޭޓެރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ" އިފްތިތާޙުކުރުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

1991 ވަނަ އަހަރު، ރާއްޖެއާއި އިންޑިޔާއާ ގުޅިގެން، ފެށި މި އެކްސަސައިޒް، 2014 ވަނަ އަހަރު، ސްރީލަންކާގެ ބައިވެރިވުމާއެކު ފުޅާވެ، މިއަދު "ދޯސްތީ" އަށް 30 އަހަރު ފުރިގެންދާއިރު، މެދުކެނޑުމެއްނެތި މިޙަރަކާތް ކުރިއަށް ގެންގޮސްފައިވާކަމުން ދޭހަވަނީ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން 3 ޤައުމުގެ ސަރުކާރުން ދެއްވާ ޚާއްޞަ އަޙައްމިއްޔަތުކަން ކަމުގައި، މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.

މިއެކްސަސައިޒްގެ ނަމުން ރަމްޒުކޮށްދޭ އެކުވެރިކަމުގެ މާނައަށް އަލިއަޅުއްވާލައްވަމުން، މިނިސްޓަރ މާރިޔާ ވިދާޅުވީ، މިފަދަ އެކްސަސައިޒްތަކުގެ ސަބަބުން، ދޭދޭ ސޯލްޖަރުންނާއި ސެއިލަރުންގެ މެދުގައި، ބަދަލުކުރެވޭ ޢިލްމާއި ހުނަރާ އެކުއެކީގައި، އެތައް އަހަރަކަށް ދެމިގެންދާހެން، އުފެދޭ އެކުވެރިކަމާއި ގާތް، ބަދަހި ގުޅުންތަކަކީ، މިފަދަ އެކްސަސައިޒްތަކާއި ޓްރެއިނިންގ ޕްރޮގްރާމްތަކުގެ މައިގަނޑު ރޫޙާއި އަސާސް ކަމަށެވެ.

އިންޑިޔާ ކަނޑު ހިމެނޭ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަަަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަންނަން ސަރަޙައްދީގޮތުން ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަކުރުމަށް ހިންގޭ މިފަދަ ޕްރޮގްރާމްތަކަށް ރާއްޖެއިން ފުރިހަމަ އެއްބާރުލުން ދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްެރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ، ދުރުވިސްނޭ ސިޔާސަތުގެ ތެރެއިންވާ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ދައުލަތުގެ ވަޒިރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ހައި ކޮމިޝަނަރުންނާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލާއި، ސްރީލަންކާ ކޯސްޓްގާޑުގެ ޑިރެކްޓަރ ޖެނެރަލް ރެއަރ އެޑްމިރަލް އަނުރާ އެކަނަޔަކެއާއި އިންޑިޔާގެ ކޯސްޓްގާޑުގެ އެޑިޝަނަލް ޑިރެކްޓަރ ޖެނެރަލް ވީ.އެސް ޕަތާނިޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިއެކްސަޒައިޒްގައި ސީޝެލްސާއި ބަންގްލަދޭޝުންވަނީ އޮބްޒަރވަރުންގެ ގޮތުގައި ބައިވެރިވެފައެވެ.