Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އިންޑިޔާގެ ޗީފް އޮފް ނޭވީ ސްޓާފް އެޑްމިރަލް ހަރީ ކުމާރާ ބައްދަލުކުރެއްވުން

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ދެފަރާތުންވަނީ މަޝްވަރާކުރައްވާފައި

މިނިސްޓްރީ އޮފް ޑިފެންސް އިދާރާ




މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، އިންޑިޔާގެ ޗީފް އޮފް ނޭވީ ސްޓާފް އެޑްމިރަލް ހަރީ ކުމާރާ ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ޑިފެންސްގައި މިއަދު އޮތް ބައްދަލުކުރެއްވުމުގައި، މެރިޓައިމް ސެކިއުރިޓީއާއި މެރިޓައިމް ޑޮމެއިން އެވެއަރނަސްއާއި އެމްއެންޑީއެފްގެ ޤާބިލްކަން އިތުރުކުރުމުގެ ރޮނގުން، އެމްއެންޑީއެފްއާއި އިންޑިޔާގެ ނޭވީއާ ދެމެދު އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެފަރާތުންވަނީ މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރ މާރިޔާ ވަނީ، އެމްއެންޑީއެފްގެ ސިފަވަރު ކޯސްޓް ގާޑު ބަނދަރާއި ޑޮކްޔާޑުގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓު އިންޑިޔާއިން ހުށަހަޅާފައިވާކަން ފާހަގަކުރައްވާ، އެރިޕޯޓުގެ ރިވިޔު ދާދި އަވަހަށް ނިމޭނެކަމަށް ވިދާޅުވެފައެވެ.

އިންޑިޔާއާއި ރާއްޖެއާ މެދު ދިފާޢީ އަދި ސަލާމަތީގޮތުން އޮތް ގުޅުން މީގެ ކުރިން ފެނިފައިނުވާ ވަރަށް ވަރުގަދަވެފައިވާކަން ފާހަގަކުރައްވާ، މިނިސްޓަރ މާރިޔާ ވަނީ ރާއްޖެއިން ބޭނުން ޖެހިއްޖެ ކޮންމެ ދަނޑިވަޅެއްގައި އިންޑިޔާއިން ފޯރުކޮށްދެމުންދާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މިގޮތުން، ކޯވިޑް-19 ގެ ތެރޭގައި ރާއްޖެއަށް ބޭހާއި ޞިއްޙީ އާލާތްތައް ފޯރުކޮށްދިނުމުގައި އިންޑިޔާގެ ނޭވީން ވެދިން އެހީތެރިކަމާއި އެމްއެންޑީއެފް ކޯސްޓް ގާޑުގެ އުޅަނދުތައް މަރާމާތުކޮށް ދިނުމުގައި ނޭވީން ވަމުން ގެންދާ އެހީތެރިކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

އެމްއެންޑީއެފް ކޯސްޓް ގާޑާއި އިންޑިޔާގެ ނޭވީއާ ދެމެދު ކުރިއަށްގެންދާ އެކަތަ ފަދަ ޖޮއިންޓް އެކްސަސައިޒް ތަކާއި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް އޮތް ތަނުގައި ފުޅާވެގެން ދާނެކަން ޔަޤީންކުރައްވާކަމަށް މިނިސްޓަރ މާރިޔާވަނީ ވިދާޅުވެފައެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ޑިފެންސްގެ އަރިހުގައި، ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ޒަކަރިއްޔާ މަންސޫރާއި، މިލިޓަރީ ސެކްރެޓަރީ ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދާއި ރާއްޖެއިން އިންޑިޔާއަށް ކަނޑައަޅާފައި ހުންނަވާ ޑިފެންސް އެޑވައިޒަރު ކާނަލް މުޙައްމަދު އިބްރާހީމާއި، ޑީއައިޑީސީގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް އަޙްމަދު ޝަރީފާއި ލެފްޓިނެންޓް ކާނަލް ޙަސަން ބުޝްރީއާއި ޑިރެކްޓަރ އޮފް އެންޓި-ހިއުމަން ޓްރެފިކިންގ ޢަލީ ޖައިޝަން ޢާމިރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.