Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ދަނޑުވެރިން އަހުލުވެރި ކުރުމުގެ ވޯކްޝޮޕް – އއ. ތޮއްޑޫ ( 11 - 12 ނޮވެންބަރ 2022 )

-

މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިދާރާ
މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ތޮއްޑޫ ކައުންސިލް އިދާރާ ގުޅިގެން ދަނޑުވެރިން އަހުލުވެރި ކުރުމުގެ ވޯކްޝޮޕްގެ ނަމުގައި އއ. ތޮއްޑޫގައި 2 ދުވަހުގެ ވޯކްޝޮޕެއް ހިންގައިފިއެވެ. މި މަހުގެ 11 އަދި 12 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި ދައުލަތުގެ އެކި މުޢައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ދަނޑުވެރިންނަށް އަމާޒުކޮށްގެން ދެމުން ގެންދާ ޚިދުމަތްތަކުގެ މައުލޫމާތު ވަނީ ދަނޑުވެރިންނާއި ޙިއްޞާކޮށްފައެވެ.

މިނިސްޓްރީގެ ފަންނީ މުވައްޒަފުންގެ އިތުރުން މި ވޯކްޝޮޕްގައި މައުލޫމާތު ފޯރުކޮށްދެއްވާފައިވާ ފަރާތްތަކުގެ ތެރޭގައި އެސް. އެމް. އީ ޑިވެލޮޕްމަންޓް ފައިނޭންސިންގ ކޯޕަރޭޝަން (އެސް. ޑީ. އެފް. ސީ)، އެގްރޯ ނެޝަނަލް ކޯޕަރޭޝަން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ދަނޑުވެރިކަމަށް ބޭނުންވާ ސާމާނު ވިއްކާ ފަރާތްތައް ހިމެނެއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި އެސް. އެމް. އީ ޑިވެލޮޕްމަންޓް ފައިނޭންސިންގ ކޯޕަރޭޝަން (އެސް. ޑީ. އެފް. ސީ) ގުޅިގެން ކުރިއަށް ގެންދާ "ދަނޑުވެރި ނަފާ" ލޯނު ޕްރޮގްރާމްގެ ދަށުން ލޯނު ނަންގަވަން ޝައުޤުވެރިވާ ފަރާތްތަކަށް ބޭނުންވާނެ މައުލޫމާތު އެސް. ޑީ. އެފް. ސީގެ ފަރާތުން ވަނީ ހުށަހަޅުއްވާދެއްވާފައެވެ.

ދަނޑުވެރިކަމުގެ ސާމާނު މާކެޓް ކުރުމުގައި ދިމާވާ މައްސަލަތައް ޙައްލު ކުރުމަށް އެގްރޯ ނެޝަނަލް ކޯޕަރޭޝަންއިން ކުރަމުން ގެންދާ މަސައްކަތްތަކާއި ތޮއްޑޫގެ ދަނޑުވެރިންނަށް ބޭނުންވާ ކަންކަމުގައި އެގްރޯނެޝަނަލް ކޯޕަރޭޝަންއިން ވެދެވޭނެ އެހީތެރިކަމާއި، އެކުންފުންޏާއެކު މަސައްކަތް ކުރުމަށް ހުރި ފުރުޞަތުތަކުގެ މައުލޫމާތު އެކުންފުނީގެ ފަރާތުން ވަނީ ޙިއްޞާކޮށްދެއްވާފައެވެ.

"މޯލްޑިވްސް ގުޑް އެގްރިކަލްޗަރ ޕްރެކްޓިސް" ގެ ނަމުގައި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި ގުޅިގެން ކުރިޔަށް ގެންދާ ސްކީމްއާއި ގުޅޭ މައުލޫމާތު ވެސް މި ވޯކްޝޮޕްގައި ވަނީ ފޯރުކޮށްދީފައިވެއެވެ. މި މައުލޫމާތުތައް ފޯރުކޮށްދެއްވާފައިވަނީ މިނިސްޓްރީއާއި MFDA ގެ ފަންނީ މުވައްޒަފުންނެވެ. ދަނޑުވެރިކަމުގެ އުފެއްދުންތަކަކީ ރައްކާތެރި ތަކެތިކަން ކަށަވަރު ކުރުމަށްޓަކައި އެމް. ގެޕް. ސްކީމްގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޭނުންކުރާ HACCP ފަދަ ބައިނަލްޢަޤްވާމީ މިންގަނޑުތަކުގެ މައުލޫމާތާއި ދަނޑުވެރިންގެ ފެންވަރުގައި މި މިންގަނޑުތަކަށް ބަލައިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާއި ބެހޭ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.

މީގެ އިތުރުން އއ. ތޮއްޑޫގެ ދަނޑުތަކަށް ފެންދިނުމަށް އެދެވޭ ޙައްލުތަކެއް ހޯދައި ދިނުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ އެހީގައި ފެށުމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގުޅިގެން މަސައްކަތް ކުރަމުން ގެންދާ މަޝްރޫޢުގެ މައުލޫމާތު ވަނީ ޙިއްޞާކުރައްވާފައެވެ.

ދަނޑުވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށްވެފައިވާ، ދަނޑުވެރިކަމަށް ބޭނުންވާ ސާމާނުގެ އަގު ބޮޑުވުމުގެ މައްސަލައަށް އެދެވޭ ޙައްލެއް ހޯދުމަށް އެފަދަ ވިޔަފާރިތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތުވެސް އެ ވިޔަފާރިތައް ހިންގަވާ ފަރާތްތަކުން ވަނީ މިވޯކްޝޮޕްގެ ތެރެއިން ބައިވެރިންނާއި ޙިއްޞާކޮށްދެއްވާފައެވެ.

ލިޔެކިޔުން