Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ހުޅުމީދޫ ފަޔަރ ސްޓޭޝަނަކީ ސަރުކާރުގެ ސިޔާސަތުގެ ދަށުން ހޯދި އިތުރު ކުރިއެރުމެއް – މިނިސްޓަރ މާރިޔާ

ހުޅުމީދޫ ފަޔަރ ސްޓޭޝަނަކީ ރާއްޖޭގެ 31 ވަނަ އަދި ސަދަން އޭރިޔާގެ 4 ވަނަ ސްޓޭޝަން

މިނިސްޓްރީ އޮފް ޑިފެންސް އިދާރާ
ހުޅުމީދޫގައި އަލިފާން ނިއްވާ ސްޓޭޝަނެއް ހުޅުވައި، މިއަދުން ފެށިގެން، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދެވިގެން ދިޔުމަކީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަލިފާން ނިއްވުމުގެ ޚިދުމަތް ދިނުމަށް ރައީސް ޞާލިޙުގެ ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމުގައި ހޯދި އިތުރު ކުރިއެރުމެއް ކަމަށް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ އަށް، އެކަމަނާ މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ހުޅުމީދޫގައި އަލަށް ޤާއިމްކުރި ފަޔަރ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތު، ޝަރަފުވެރިކޮށްދެއްވައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. ހުޅުމީދޫ ފަޔަރ ސްޓޭޝަނަކީ ދިވެހިރާއްޖޭގައި ހުޅުވުނު 31 ވަނަ އަދި ސަދަން އޭރިޔާގައި ހުޅުވުނު 4 ވަނަ ފަޔަރ ސްޓޭޝަނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ މާރިޔާ ވަނީ، އެއްވެސް ރަށަކަށް، އަތޮޅަކަށް، ކުލަޔަކަށް ބެލުމެއްނެތި ރައްޔިތުންނާ ވީހާވެސް ގާތުން، ސިފައިންގެ ޚިދުމަތް ފޯރުވައިދީ، ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވާ ޚާއްޞަ އިސްކަން ފާހަގަކުރައްވާފައެވެ.

ހުޅުމީދޫއަކީ އައްޑޫ އަތޮޅުގެ އެހެން ރަށްރަށާ ވަކިން، އެކަހެރިކޮށް އަދި ދިގު ފަރެއް އޮތުމުގެ ސަބަބުން ވަދެނުކުމެ އުޅެން ފަސޭހަ ރަށެއްކަން ފާހަގަކުރައްވައި މިނިސްޓަރ މާރިޔާ ވިދާޅުވީ، ހުޅުމީދޫގައި މީގެ ކުރިން އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، ދުރުގައި އޮތް ހިތަދޫއިން ފަޔަރފައިޓަރުން ދިގު ދަތުރެއް ކޮށްފައި އެރަށަށް އަންނަން ޖެހުނަސް، މިހާރު ވަރަށް އަވަހަށް ހާދިސާތަކަށް އިޖާބަދެވޭނެކަމަށެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ، ހުޅުމީދޫގައި ފަޔަރ ސްޓޭޝަނެއް ނެތުމަކީ އެރަށުގެ ރައްޔިތުންގެ ވަރަށް ދުވަސްވީ ކަންބޮޑުވުމެއް ކަމަށާއި، އަލަށް ހުޅުވި ފަޔަރ ސްޓޭޝަންގެ ސަބަބުން، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލެއް ލިބިގެންދިޔަ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. މިނިސްޓަރ މާރިޔާ ވިދާޅުވީ، މިސްޓޭޝަންގެ ސަބަބުން، ރަށުގެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށެވެ.

މިރަސްމިއްޔާތުގައި، މިނިސްޓަރ މާރިޔާގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ ޢަބްދުﷲ ސާދިޤާއި، މިނިސްޓަރ އޮފް ޑިފެންސްގެ މިލިޓަރީ ސެކްރެޓަރީ ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން ޢަހްމަދާއި، ފަޔަރ އެންޑް ރެސްކިޔު ސަރވިސް ޔުނިޓުގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ޝަރީފާއި، ކޮމާންޑަރ ސަދަރން އޭރިޔާ ކާނަލް އިބްރާހީމް ރަޝީދުގެ އިތުރުން، ހުޅުމީދޫގައި ހުންނަ ދަޢުލަތުގެ މުއައްސަސާތަކާއި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގެ ހަވާސާގައި، އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤް ވަނީ، މިނިސްޓަރ މާރިޔާއަށް، ނެޝަނަލް ޑިޒާޒްޓަރ މެނޭޖްމަންޓް އޮތޯރިޓީން އެޕްރޫވްކުރަައްވާފައިވާ "އައްޑޫ ޑިޒާޒްޓަރ އެކްޝަން ޕްލޭން" ހަދިޔާކުރައްވާފައެވެ.