Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ތަޤްރީރު ދިވެހިރާއްޖޭގެ 77 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ދެއްވި ޚިޠާބު

ދިވެހިރާއްޖޭގެ 77 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ދެއްވި ޚިޠާބު

މިނިސްޓްރީ އޮފް ހޯމްއެފެއާޒް ގެ ފަރާތުން


` މިނިސްޓްރީ އޮފް ހޯމްއެފެއާޒް މާލެ، ދިވެހިރާއްޖެ

ދިވެހިރާއްޖޭގެ 77 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ދެއްވި ޚިޠާބު

اَلحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

ދިވެހިރާއްޖޭގެ 77 ވަނަ ފަޚުރުވެރި ޤައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި އެންމެހާ ދިވެހި ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން އަރިސްކުރަން.

އާދެ! ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އާންމު އުސޫލުން އަޅުގަނޑުމެން ކުރިއަށް ގެންދާ ގިނަ ހަރަކާތައް ދިމާވެފައިވާ ނުރައްކާތެރި ހާލަތުގެ ސަބަބުން ކުރިއަށް ނުގެންދެވުނު ނަމަވެސް އަޅުގަނޑުމެންނަށް ލިބޭ އުފަލަކީ ޤައުމީ ދުވަސް އެ ބޭފުޅަކަށް ނިސްބަތްކުރާ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގެ އުފަން ރަށުގައި މި ދުވަހުގެ އިހުތިފާލު މެދުނުކެނޑި ކުރިއަށް ގެންދެވޭކަން. އާދެ! އެކަމަށްޓަކައި މި ރަށުގެ ރައްޔިތުންނަށް ވަކިން ޚާއްސަކޮށް ޤައުމީ ދުވަހުގެ ތަހުނިޔާ ދަންނަވަން.

ނޮވެލް ކޮރޯނާ ވައިރަހުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިމިވާ ހިތާމަވެރި ދަތި އުނދަގޫ ހާލަތުގައި 77 ވަނަ ޤައުމީ ދުވަހާ އަޅުގަނޑުމެން ދިވެހިން ކުރިމަތިލާއިރު ފާހަގަކޮށްލަންޖެހޭ ބައެއް ކަންކަން އެބަހުރި. މިއަދު އަޅުގަނޑުމެން ހަނދާން އާކޮށްލަންވީ އެއްކަމަކީ މި ރާއްޖޭގެ މިނިވަންކަމާއި ޤައުމިއްޔަތު އަޅުގަނޑުމެންގެ މި ޖީލާހަމަޔަށް ދެމިގެން އައިސްފައި މިއޮތީ މިފަދަ އަދި މިއަށްވުރެ ދަތި އެތައް ހާލަތެއް މެދުވެރިވަމުންކަން. އަދި މިފަދަ ކޮންމެ ހާލަތެއްގައި ދިވެހި ކާބަފައިން ވަނީ އެއިރުގެ ހާލަތާއި ވަގުތާ ތަންދިން ކޮންމެ ގޮތަކަށް ދިވެހިންގެ މިނިވަންކަމާއި ދިވެހި ޤައުމިއްޔަތުގެ ބަހާތައް ޙިމާޔަތްކޮށް އަޅުގަނޑުމެންގެ މި ޖީލާހަމަޔަށް ފޯރުކޮށްދެއްވާފަ.

އެހެންކަމުން މިއަދު އަޅުގަނޑުމެން އަނެއްކާވެސް އަޒުމް ކަނޑައަޅަންވީ އެންމެ މުހިންމު ކަމަކީ އިގްތިސާދީގޮތުންނާއި އިޖްތިމާއީ ގޮތުންނާއި އަދި ސިޔާސީ މައިދާނުގައި ކުރިމަތިވަމުންއަންނަ ގޮންޖެހުންތަކާއި ބަވަނަވަމުންދާ ދުނިޔޭގައި ހިނގާ ކަންކަމުގެ އަސަރު ފޯރަމުން ދިއުމާއެކުވެސް ދިވެހީންގެ އެއްބައިވަންތަކާއި އެކުވެރިކަމާއި އަޅާލުމާއި އޯގާތެރިކާމާއި މެހެމާންދާރީ އަދާކުރުމުގެ މަތިވެރި ސިފަތައް ބީވިގެން ދިޔަނުދީ ދެމެހެއްޓުމާއެކު، ދިވެހި ޤައުމިއްޔަތުގެ އަސާސްތައް ކަމުގައި އަބަދުވެސް އަޅުގަނޑުމެން ޤަބޫލުކުރަމުން މިއަންނަ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ބަހާއި ދިވެހި ސަޤާފަތާއި ދިވެހިންގެ ޒަމާންވީ ތަރިކައާއި ދިވެހި ޙަޟާރަތު ހިމާޔަތްކޮށް މިނިވަން މުސްތަޤިއްލު ބައެއްގެ ގޮތުގައި މި ރާއްޖެ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް.

މިދެންނެވި މަގުން އަޅުގަނޑުމެން ހިނގަމުންދާއިރު ވިސްނާލުން ކޮންމެހެން ލާޒިމު ބައެއް ކަންކަން އެބަހުރި. އާދެ! މިއަދު މިޒަމާނުގައި ދުނިޔެ ބަވަނަވެ ލާމެހިފައިވާ މިންވަރާއި، ދުނިޔޭގެ ހާލަތު އަންދާޒާކުރެވޭ ވަރަށްވުރެ ބާރުމިނުގައި ބަދަލުވަމުން އަންނަ އައުމާއި އަދި ދުނިޔޭގެ ޤައުމެއްގެ ގޮތުން އަޅުގަނޑުމެން ދިވެހީން މިދެންނެވި ބަދަލުތަކާއި ލޮޅުންތަކަށް ހުށަހެޅިފައިވާ މިންވަރާ މެދު ވިސްނާލުމުން ޔަގީންވާ ކަމަކީ މިއަދު މިޒަމާނުގައި އަޅުގަނޑުމެންގެ ދީނަށާއި މިނިވަންކަމަށާއި ޤައުމިއްޔަތަށް ކުރިމަތިމިވާ ގޮންޖެހުންތަކާއި ނުރައްކާތައް އިހުނާ އަޅާބަލާއިރު ވަރަށް ތަފާތުކަން. އަދި އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭކަމަކީ މިދެންނެވި އާ ގޮންޖެހުންތަކާ ކުރިމަތިލުމަށް އާ ޚިޔާލުތަކަކާއި އާ ވިސްނުންތަކެއް ނެރުން. އެހެންކަމުން އަޅުގަނޑު މިއަދު ކޮންމެ ދިވެހި ފަރުދަކަށް މި ގޮވާލަނީ ތަފާތު ވިސްނުންތަކާއި ޚިޔާލުތަކުގެ ތެރެއިން އަޅުގަނޑުމެންގެ ދީނާއި މިނިވަންކަމާއި ޤައުމިއްޔަތުގެ އެންމެހާ ބަހާތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް.

އާދެ! އަޅުގަނޑުމެންގެ 77 ވަނަ ޤައުމީ ދުވަސް އަޅުގަނޑުމެން ފާހަގަ ކުރަމުން ދާއިރު ޤައުމިއްޔަތަށް ދިމާވަމުން އަންނަ ބައެއް ގޮންޖެހުންތަކާމެދު ފުންކޮށް ވިސްނާ ކުރިން އަޅުގަނޑު މިދެންނެވިފަދަ އީޖާދީ މޭރުމަކުން އެކަންކަން ހައްލުކުރަން އެބަޖެހޭ. މި ދައިރާގައި ވިސްނުން ހިނގަމުންދާއިރު ވަރަށް ގިނަފަހަރަށް ސަމާލުކަން ދެވެނީ މާ ދުރުން އުފެދިގެންއަންނަ ނުވަތަ އުފެދިދާނެ ގޮންޖެހުމަކާ މެދު. އާދެ! ވަރަށް ގިނަފަހަރަށް އަޅުގަނޑުމެންގެ ގާތުގައި އަޅުގަނޑުމެންގެ ތެރޭގައި ފޮރުވިފައިވާ އަޅުގަނޑުމެންގެ ދުޝްމަނުން އަޅުގަނޑުމެންގެ ވިސްނުމުގެ ރާޑަރަށް ގެއްލިގެންދޭ. އާދެ! އަޅުގަނޑުގެ ނަޒަރުގައި ދިވެހި ޤައުމިއްޔަތަށް މިއަދު މިޒަމާނުގައި ދިމާވެފައިވާ ބޮޑެތި ބައެއް ގޮންޖެހުންތަކަކީ ދިވެހިންގެ މެދުގައި ވަކިން ޚާއްސަކޮށް ޒުވާނުންގެ މެދުގައި ފެތުރިފައިވާ މަސްތުވާތަކެތީގެ ވަބާ، އަޅުގަނޑުމެންގެ މައުސޫމް ކުޑަކުދިންނާއި އަންހެނުންނަށް ގޭތެރޭގެ ވެށިގައާއި މުޖުތަމައުގައި ދިމާވަމުން އަންނަ އަނިޔާއާއި ގޯނާ އާއި ފުރައްސާރަ. އަދި އިސްލާމްދީނުގެ ސައްހަ އަޤީދާ ދޫކޮށް ހަރުކަށި އަނިޔާވެރި މަގަށް ލެނބޭ ޒުވާނުން އަޅުގަނޑުމެންގެ ތެރޭގައި އިތުރުވަމުން ދިއުން. މިކަން ކަމަކީ އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކާއި ދުނިޔޭގެ މީހުން އަޅުގަނޑުމެން ސިފަ ކުރާނެގޮތް. އަދި މިކަން ކަމަކީ މިކަންކަން ހައްލުކޮށްގެން ނޫންގޮތަކަށް އަޅުގަނޑުމެންނަށް ތަރައްޤީއާއި ކުރިއެރުން ނުހޯދޭނެ ކަންކަން.

އާދެ! ދުރުން ބޭރުން އަރާގެން އައިސް އަޅުގަނޑުމެން އަޅުވެތިކޮށްފާނެ ބައެއްގެ ބިރަށްވުރެ މިވަގުތު އަޅުގަނޑުމެން އަޅުވެތިވެފައި މިވަނީ މިދެންނެވި އިޖުތިމާއީ އަޚުލާޤީ ވަބާ ތަކަށް. އެހެންކަމުން އަޅުގަނޑު އެންމެހާ ފަރާތްތަކުގެ ކިބައިން މިއެދެނީ މިކަމާމެދު ވިސްނާ ފިކުރުކޮށް މިމައްސަލަތައް ހައްލުކުރުމަކީ އަމިއްލަ ފަރުދީ، ޤައުމީ ޒިންމާއެއްކަމުގައި ޤަބޫލުކޮށްގެން އެމަގަމަށް މަސައްކަތް ކޮށްދެއްވުމަށް.

މި މައްސަލަތައް ޙައްލުކޮށް ދިވެހި ޤައުމިއްޔަތާއި މިނިވަންކަން ރައްކާތެރިކޮށް ދިވެހިން އެދޭ ދިވެހިންނަށް ޙައްޤުވާ ދިރިއުޅުން ކަށަވަރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކުރައްވަމުންގެންދަވާ މަސައްކަތް ޕުޅު މިފުރުސަތުގައި ފާހަގަކުރަން. އަދި އެމަނިކުފާނުގެ ކެބިނެޓާއި ސަރުކާރުގެ އެހެން މުއައްސަސާތަކުގެ އެހީތެރިކަމާއެކު ކުރައްވަމުންގެނދަވާ މިންނެތް މަސައްކަތްޕުޅަށް ޝުކުރު ދަންނަވަން. އަޅުގަނޑު ޔަޤީންކުރަނީ މިހާރު ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން އަޅުގަނޑުމެން ތަންފީޒު ކުރަމުން މިދާ ސިޔާސަތުތަކުގެ ތެރެއިން އަޅުގަނޑުމެން ދިވެހިންނަށް އުފާވެރިކަމާއި އުޖާލާ މުސްތަގުބަލެއް ހޯދޭނެކަން. ވަކިން ޚާއްސަކޮށް މިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލް ރައްކާތެރިކޮށް، އިޤްތިސާދު އާރާސްތުކޮށް، ފޭރާންހެޔޮ މުޖުތަމައެއް ބިނާކުރުމަށާއި، ބައިނަލްއަޤުވާމީ މައިދާނުގައި ޝަރަފާއި އިހުތިރާމް ލިބިގެންވާ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. އަދި އެކަން ކަމުގައި މާތް ﷲ ހެޔޮތައުފީޤު ދެއްވުން އެދި ދުޢާ ދަންނަވަން.

އާދެ! ޤައުމީ ދުވަސް އަޅުގަނޑުމެން ފާހަގަކުރާއިރު އަޅުގަނޑަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަލް ޣާޒީ މުހައްމަދު ތަކުރުފާނުގެ ކިބައިން ހިތްވަރުލިބިގެން މި ރާއްޖެ އަށް ދިމާވާ ކޮންމެ ގޮންޖެހުމަކާވެސް ކުރިމަތިލާ، ޤާނޫނުގެ ވެރިކަން ދަމަހައްޓާ އަދި ޤާނޫނީ ގޮތުން އުފެދިފައިއޮތް ސަރުކާރު ހިމާޔަތްކުރާނެ ފުލުހުންނާއި ސިފައިންގެ ހީވާގި އަދި ޤާބިލު ދެ މުއައްސަސާ ތައްޔާރަށް ތިބިކަން.

އަޅުގަނޑުގެ ދުޢާ އަކީ މިރާއްޖެ މާތްވެގެންވާ އިސްލާމް ދީނުގެ އަލިކަމުގެ މަތީގައި މިނިވަން ޤައުމެއްގެ ގޮތުގައި އަބަދަށް ލެހެއްޓެވުން. އަދިވެސް އެއްފަހަރު 77 ވަނަ ޤައުމީދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން.