Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ރައީސް ޞާލިޙްގެ ސަރުކާރުން ނުކުރުއްވާނެ - މިނިސްޓަރ މާރިޔާ

ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ރައީސް ޞާލިޙްގެ ސަރުކާރުން ނުކުރުއްވާނެ - މިނިސްޓަރ މާރިޔާ

މިނިސްޓްރީ އޮފް ޑިފެންސް ގެ ފަރާތުން
ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ނުކުރުއްވާނެ ކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. އާދިއްތަދުވަހުގެ ރޭ، ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި މިނިވަންކަން ދިފާޢުކުރުމާ ބެހޭގޮތުން ނޫސްވެރިޔާ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، މިނިސްޓަރ މާރިޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރާފަދަ އެއްވެސް ކަމެއް ރައީސް ޞާލިޙްގެ ސަރުކާރުން ނުކުރުއްވާނެ ކަމަށެވެ. މިނިސްޓަރ މާރިޔާ ވިދާޅުވީ، ދިވެހިރާއްޖެއަކީ އަބަދުވެސް ޑިޕްލޮމަސީގެ އުޞޫލާ އެއްގޮތަށް، ބޭރުގެ ޤައުމުތަކާ ވާހަކަދައްކައިގެން، ކަންކަން ޙައްލުކުރާ ޤައުމެއް ކަމަށެވެ. ބޭރުގެ ބާރުތަކުގެ އަތްދަށަށް ރާއްޖެ ގެންދަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް ދޮގުކުރައްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، ބޭރުގެ ޤައުމުތަކުން ދޭ އެހީގެ ސަބަބުން ރާއްޖޭގެ ސަރަޙައްދުގައި ހިނގާ ކަނޑުފޭރުމާއި، ސްމަގްލިންގާއި މަސްތުވާތަކެތީގެ ވިޔަފާރި ފަދަ ޖަރީމާތައް ހިނގާ ނުހިނގާގޮތް ބަލައި، އެކަން ހުއްޓުވުމަށް މެދުވެރިވުމަކީ، އެފަދަ ވިޔަފާރިތަކުން ފައިދާވާ ފަރާތްތަކަށް އެހާ ހިތްފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
މިނިސްޓަރ މާރިޔާ ވަނީ، އިންސާނީ ވަގުފާރިކުރުމާއި ސްމަގްލިންގާއި އިލީގަލް މައިގްރޭޝަންގައި ހުރި ތަފާތުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، އިންސާނީ ވަގުފާރިއަކީ ހަމައެކަނި މުސާރަ ނުދިނުން އޭގައި ހިމެނޭ ކަމެއް ނޫން ކަމަށާއި، އެއީ އޭގައި މަޖުބޫރުކުރުމާއި ނާޖާއިޒު ފައިދާ ނެގުން ހިމެނޭ އެހާމެ ބޮޑު އަދި ސީރިއަސް ކުށެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިނިސްޓަރ މާރިޔާ ވަނީ، ސިފައިންނަކީ މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަމްރީނު ލިބިފައިވާ، ވަރަށް "ޕްރޮފެޝަނަލް" އަދި ޤާބިލް ބައެއްކަން ފާހަގަކުރައްވާފައެވެ.