Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ކާރިސާތަކުން ރައްކާތެރިވުމާއި ދިވެހިރާއްޖޭގެ ދިފާޢަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރާ ވަނީ ގުޅިލާމެހިފައި – މިނިސްޓަރ މާރިޔާ

މިނިސްޓަރ މާރިޔާ ވަނީ އެޗް.އޭ.ޑީ.އާރު ވަރކްޝޮޕް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި

މިނިސްޓްރީ އޮފް ޑިފެންސް އިދާރާ




ކާރިސާތަކުން ރައްކާތެރިވުމާއި، ދިވެހިރާއްޖޭގެ ދިފާޢަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރާ ގުޅިލާމެހިފައިވާ ކަމަށާއި، މިތަޞައްވުރު ޙަޤީޤަތަކަށް ހެދުމުގައި ބައިނަލްއަޤްވާމީ ޕާޓްނަރުންގެ އެހީތެރިކަން ރާއްޖެއަށް ބޭނުންވާކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާއި ހަވާއީގެ ސެންޓަރ ފޮރ އެކްސެލެންސް އިން ޑިޒާސްޓަރ މެނޭޖްމަންޓް އެންޑް ހިއުމެނިޓޭރިއަން އެސިސްޓަންސް (ސީ.އެފް.އީ.ޑީ.އެމް) އާ ގުޅިގެން، 3 ދުވަހުގެ މުއްދަތަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށްގެންދާ ވަރކްޝޮޕް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި، އެކަމަނާ ވަނީ، މޫސުމަށް އަންނަ ބަދަލާއި ޖައްވު ހޫނުވުމާ ގުޅިގެން، އުދައެރުމާއި، ވައިގަދަވުމާއި، ފެންބޮޑުވުން ފަދަ ކަންކަން އިތުރުވެ، ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި، ކެމިކަލް ގުދަންތަކުގައި އަލިފާންރޯވުމާއި، ރާއްޖެ އަންނަ ބޮޑެތި މަނަވަރުތައް ފަރަށް އެރުން ފަދަ ހާދިސާތަކުގެ ސަބަބުން، ރާއްޖޭގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކާއި ރާއްޖޭގެ ނާޒުކު ޤުދުރަތީ ވެށްޓަށް ނޭދެވޭ އަސަރު ފޯރާކަން މިނިސްޓަރ މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ. މިފަދަ ހާދިސާތަކާއި ކާރިސާތަކަށް އިޖާބަދިނުމުގަޔާއި އެކަންކަމުން ލިބޭ ގެއްލުން ކުޑަކުރުމުގައި، ކަމާބެހޭ ހުރިހާ މުއައްސަސާޔަކާއި އޭޖެންސީއަކުން ގުޅިގެން، އެއް ރޫޙެއްގައި، މަސައްކަތްކުރުމުގެ މުހިއްމުކަން މިނިސްޓަރ މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ މާރިޔާ ވަނީ، ޤާނޫނަށް ގެނައި ބަދަލާ ގުޅިގެން، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އުފައްދަވާ، އަމިއްލަ ބަޖެޓާއި މިނިވަންކަމާއެކު، ވަކި އޮތޯރިޓީއެއްގެ ޙައިސިއްޔަތުން އެން.ޑީ.އެމް.އޭ އަށް ޒިންމާ އަދާކުރެވޭނެ މަގުފަހިކޮށްދެއްވިކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ޝުކުރު އަދާކުރައްވާފައެވެ.

މިވަރކްޝޮޕްގެ ހުރިހާ ކަމެއް، ރާއްޖެއިން އެދުނުތާ 6 މަސްދުވަހުގެ ތެރޭގައި ހަމަޖައްސަވާ ދެއްވާ، މިހާ ކުރު މުއްދަތެއްގެ ތެރޭގައި ވަރކްޝޮޕް އިންތިޒާމްކޮށްދެއްވި ކަމަށްޓަކައި، މިނިސްޓަރ މާރިޔާވަނީ އެމެރިކާ ސަރުކާރަށާއި، ޔޫ.އެސް އިންޑޯ-ޕެސިފިކް ކޮމާންޑާއި، ހަވާއީގެ ސީ.އެފް.އީ.ޑީ.އެމްއަށް ޝުކުރު އަދާކުރައްވާފައެވެ.

ކާރިސާތަކާ ގުޅިގެން އިސްނާނީ އެހީ ފޯރުކޮށްދިނުމުގަޔާއި ކާރިސާތަކަށް އިޖާބަދިނުމުގައި ޙަރަކާތްތެރިވާ މުއައްސަސާތަކާއި އޭޖެންސީތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މިވަރކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި، ރާއްޖޭގައި ހުންނަ އެމެރިކާގެ މިޝަންގެ ޗާޖްޑޭ އެފެއަރޒް އެންޑްރިއާ އެޕެލްއާއި، އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއި، ސީ.އެފް.އީ.ޑީ.އެމްގެ ރީޖަނަލް ހިއުމެނިޓޭރިއަން ސިވިލް-މިލިޓަރީ އެޑްވައިޒަރ ޖޯޝް ޒިމޮނިސްއާއި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލާއި އެން.ޑީ.އެމް.އޭގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަންވަނީ ބައިވެރިވެވަޑައިގެންފައެވެ.