Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު އިންޑިޔާގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރާވަތު އަވަހާރަވުމާ ގުޅިގެން މިނިސްޓަރ އޮފް ޑިފެންސް ތަޢުޒިޔާ ވިދާޅުވުން

ޖެނެރަލް ބިޕިން ރާވަތާއި އޭނާގެ އަނބިކަނބަލުންގެ އިތުރުން އިންޑިޔާގެ އަސްކަރިއްޔާގެ 11 ސިފައިންވަނީ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި ނިޔާވެފައި

މިނިސްޓްރީ އޮފް ޑިފެންސް އިދާރާ


ބުދަދުވަހު، އިންޑިޔާގެ ތަމިލްނާޑޫގައި ހެލިކޮޕްޓަރެއް ވެއްޓި ހިނގި ހާދިސާގައި އެޤައުމުގެ އަސްކަރިއްޔާގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރާވަތާއި އޭނާގެ އަނބިކަނބަލުން މަދޫލިކާ ރާވަތާއި، އަސްކަރިއްޔާގެ 11 ސިފައިން ނިޔާވި ހާދިސާޔާ ގުޅިގެން، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި، ޖެނެރަލް ބިޕިން ރާވަތާ މިނިސްޓަރ މާރިޔާ އެކި ފަހަރުމަތިން ބައްދަލުކުރައްވާފައިވާއިރު، އިންޑިޔާއާއި ރާއްޖެއާ ދެމެދުގައިވާ ޑިފެންސް ކޯޕަރޭޝަން ޕާޓްނަރޝިޕް އިތުރަށް ހަރުދަނާކޮށް، ކުރިއަށްގެންދިޔުމުގައި ޖެނެރަލް ބިޕިން ރާވަތު އަދާކުރައްވާފައިވާ ދައުރުގެ މުހިންމުކަން އެކަމަނާވަނީ ފާހަގަކުރައްވާފައެވެ.

ޖެނެރަލް ބިޕިން ރާވަތާއި އަނބިކަނބަލުން މަދޫލިކާ ރާވަތާއި މިހާދިސާގައި ދުނިޔެ ދޫކުރި ސިފައިންގެ އާއިލާތަކަށާއި އެކުވެރިންނަށް، މިނިސްޓަރ މާރިޔާވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ.

ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި ޑިފެންސް މިނިސްޓަރ ރާޖުނާތު ސިންގަށާއި އެޤައުމުގެ ސަރުކާރަށާއި އަސްކަރިއްޔާގެ އިތުރުން، އަވަށްޓެރި އިންޑިޔާގެ ރައްޔިތުންނަށް މިނިސްޓަރ މާރިޔާވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ.

އަދި މިހާދިސާގައި ޒަޚަމްވެ، ފަރުވާ ހޯދަމުންދާ ޖީޕީ ކެޕްޓަން ވަރުން ސިންގަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާކަމަށް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.