Skip to main content

 1. ފުރަތަމަ ޞަފްޙާ
 2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާއި ޤަވާއިދުގެ ދަށުން މިނިސްޓްރީއިން ހޯދަން އެދިފައިވާ މަޢުލޫމާތު ވަނީ އެފަރާތަށް ފޯރުކޮށްދެވިފައެވެ

މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާއި ޤަވާއިދުގެ ދަށުން މިނިސްޓްރީއިން ހޯދަން އެދިފައިވާ މަޢުލޫމާތު ވަނީ އެފަރާތަށް ފޯރުކޮށްދެވިފައެވެ

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޯލޮޖީ ގެ ފަރާތުން


މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީއިން ކުރަމުންގެންދާ މަސައްކަތްތައް

2018 ނޮވެމްބަރ – ޖޫން 2020

 1. އައިލެންޑްސް ޑޮޓް އެމްވީ

ރަށުގައި ފަތުރުވެރިކަމާގުޅޭ ކަންކަން ބެލެހެއްޓުމާ، ރަށުން ލިބެންހުންނަ ހުރިހާ ހިދުމަތެއް އެކުލެވޭ ރަށު ވެބްސައިޓް ބެލެހެއްޓުމާ، ރަށް މާކެޓްކުރާ ފަރާތަކީ ރަށު ކައުންސިލްގެ އިދާރާ (ރަށު ފްރަންޓް އޮފީސް) ކަމުގައި ކަނޑައެޅުމަށް، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލްކުރުމަށް ކަނޑައަޅުއްވާފައިވާ ވައުދު ފުއްދުމުގެ ގޮތުން މި މިނިސްޓްރީ އިން ވަނީ "އައިލެންޑްސް ޑޮޓް އެމްވީ" ނަމުގައި މަޝްރޫއު އެއް އެކުލަވާލައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މި މަސައްކަތުގެ ތެރޭގައި:

• “islands.mv”ގެ ނަމުގައި، ކޮންމެ ރަށެއްގެ ފަތުރުވެރިކަން ވަކިވަކިން ޕްރޮމޯޓް ކުރެވޭނޭ ޕޯޓަލް އެއް ގާއިމްކޮށް ވަނީ ނިންމާފަ.

• މި ޕޯޓަލް 25 މާރިޗު 2019 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އިފްތިތާހު ކޮށްދެއްވާފަ.

• މިހާތަނަށް 66 ރަށެއްގެ މަޢުލޫމާތު ފުރިހަމަކޮށް ޕޯޓަލްގައި ވަނީ ޝާއިއު ކުރެވިފަ. އަދި ބާކީ ހުރި ރައްތަކުގެ މަޢުލޫމާތު ފުރިހަމަކޮށް ޕޯޓަލްގައި ހިމެނުމުގެ މަސައްކަތް ދަނީ ކުރަމުން.

• ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ރަޖިސްޓަރީކޮއްފައިވާ ގެސްޓުހައުސްތަކުގެ މަޢުލޫމާތު މިޕޯޓަލްގައި ވަނީ ހިމަނާފަ.

• މީގެ އިތުރުން، އާސާރީ ބިނާ ތަކުގެ މަޢުލޫމާތު ފުރިހަމަ ކުރުމަށްޓަކައި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް އަށް ވަނީ އެކްސެސް ދީފަ.

 1. ގަވް ޑޮޓް އެމްވީ

ސަރުކާރުގެ ހުރިހާ މުވައްސަސާތަކެއްގެ ވެބްސައިޓްތައް އެއްހަމަކޮށް، އެއް ފެންވަރެއްގައި ފޯރުކޮށްދިނުމުގެ ގަސްތުގައި "ގަވް ޑޮޓް އެމްވީ" ގެ ނަމުގައި މަޝްރޫޢުއެއް ވަނީ ފަށާ ގިނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. މި މަސައްކަތުގެ ތެރޭގައި:

• 7 މިނިސްޓްރީ އާއި 2 އިދާރާ ވަނީ “www.gov.mv”އަށް މައިގްރޭޓް ވެފަ.

• އަދި އިތުރު 4 މިނިސްޓްރީއިން މި ޕްލެޓްފޯމްއަށް މައިގްރޭޓް ވުމުގެ މަސައްކަތް ކުރިއަށް ދަނީ.

މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި، ކޮންމެ ހިދުމަތަކަށް ވެސް، އެއްތާކުން، އޮންލައިންކޮށް އެދި، އެ ހިދުމަތެއް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ބަލާލެވޭ ގޮތަށް ގަވް ޑޮޓް އެމްވީ ތަރައްޤީ ކުރަން ވަނީ ރާވާފައެވެ.

 1. ނޭޝަނަލް ހެލްޕްޑެސްކް

ސަރުކާރުގެ އޮފީސްތަކުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކާއި ގުޅޭ މަޢުލޫމާތު ހޯދުމަށް ރައްޔިތުން ތަހައްމަލު ކުރަންޖެހޭ އުނދަގޫ ތަކާއި ގުޅިގެން ރައްޔިތުން ކުރަމުން ގެންދާ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ނޭޝަނަލް ހެލްޕްޑެސްކްއެއް ގާއިމް ކުރުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން މަޝަވަރާކޮށް، މި މަސައްކަތް ފުރިހަމަ ކުރުމަށް މިނިސްޓްރީއާއި ހަވާލުކުރެވިފައެވެ. މި މަސައްކަތުގެ ތެރޭގައި:

• މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، މައްސަލަ ފުންކޮށް ދެނެގަނެ އަމަލު ކުރެވޭނެ އެންމެ އެފިޝެންޓް އަދި އެންމެ ޚަރަދުކުޑަ ގޮތަކީ ކޮބައިތޯ ބެލުމަށް މި މިނިސްޓްރީންނާއި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ވަނީ ދިރާސާތަކެއް ކޮށްފަ.

• އަދި މި މަސައްކަތް 3 ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ދިއުންމަށް ރާވައި ކެބިނެޓް ކަރުދާހެއް ވަނީ އަކުލަވާލައިފަ.

• މި ކެބިނެޓް ކަރުދާސް ކެބިނެޓުގެ މަސައްކަތު ބައްދަލުވުމުގައި ވަނީ ހިއްސާ ކުރެވިފަ.

އޮކްޓޯބަރ 2019 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމު ކުރައްވައިފައިވާ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) 2019-2023 ގައި މި މަސައްކަތް ވަނީ 2021 ނިންމުމަށް ރާވައިފައެވެ.

 1. ފުވައްމުލައް ޓެކްނޯލޮޖީ ހަބް

އައި.ސީ.ޓީ ދާއިރާގެ ފަންނުވެރިން ބިނާކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައި އައު ފެކަލްޓީއެއް އުފައްދައި، އެ ފެކަލްޓީގެ މައި މަރުކަޒާއި ކެމްޕަސް ފުވައްމުލަކުގައި ގާއިމުކޮށް، ފުވައްމުލަކަކީ ރާއްޖޭގެ އައި. ސީ.ޓީ ސެންޓަރަކަށް ހަދައި، އައި.ސީ.ޓީ ދާއިރާއިން ފުވައްމުލަކުގައި އިންވެސްޓް ކުރާ ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ޚާއްސަ އިންސެންޓިވް ތަކެއް (އިންވެސްޓް ކުރުމަށް ލުއިފަސޭހަ އިންތިޒާމުތައް) ހަމަޖައްސައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފުވައްމުލަކުގައި ބޭއްވެވި ރިޔާސީ ކެންޕެއިން ރެލީއެއްގައި ކުރެއްވެވި ވައުދު ފުއްދުމުގެ ގޮތުން "ފުވައްމުލައް ޓެކްނޮލޮޖީ ހަބް" ގެ ނަމުގައި މި މިނިސްޓްރީ އިން މަޝްރޫއެއް ވަނީ އެކުލަވައިލާފައެވެ.

• މިގޮތުން އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް އަދި ޓެކްނޯލޮޖީ ޕާކުގެ ކޮންސެޕްޓުގެ ތެރެއިން، ތަމްރީނާއި މަތީ ތައުލީމާއި އިންކިއުބޭޓަރ، އިނޮވޭޝަން ސެންޓަރ، ބިޒްނަސް ޑިވެލޮޕްމަންޓުގެ ހިދުމަތް، އަދި ސްޓާޓް-އަޕް ސަޕޯޓް ހިދުމަތް ފަދަ ޑިޖިޓަލް އިޤްތިސާދެއް ބިނާކުރުމަށް މުހިއްމު ހިދުމަތްތަކެއް އެއް އިސްނެގުމެއްގެ ތެރެއިން ލާމެހިގެން ފޯރުކޮށްދިނުމަށް މަގުފަހި ވާގޮތަށް ކޮންސެޕްޓެއް ވަނީ އެކުލަވާލައި ކޮންސެޕްޓް ޕޭޕަރ ގެ މަސައްކަތް ވަނީ ނިމިފަ.

• ފުވައްމުލައް ސިޓީ ކައުންސިލް އާއި ކުރެވުނެ މަޝްވާރާގެ މަތިން އެ ކައުންސިލުން މި މަޝްރޫއުއަށް ބިން ވަނީ ކަނޑައަޅާ ދެއްވައިފަ.

• ފުވައްމުލައް ސިޓީގައި ގާއިމް ކޮށްފައިވާ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ އިންކިޔުބޭޓަރ، ކޮންޕިއުޓަރ ލެބް އަދި ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ސެންޓަރ ތަރައްޤީކޮށް ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ވަނީ ފަށާފަ.

• މިގޮތުން، ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ސެންޓަރަށް ޕްރޮގްރާމަރުން ހޯދުމަށް އިއުލާނުކޮށް، އެއް ޕްރޮގްރާމަރ ނަގައި އޭނާ ފުވައްމުލައް ސިޓީގައި މަސައްކަތް ކުރުމަށް ބޭނުންވާ ތަމްރީނު ދަނީ ފުރިހަމަ ކުރަމުން.

• އަދި، މި މަޝްރޫއުގެ ތެރެއިން ޒުވާނުންނަށް ޓެކްނޯލޮޖީގެ ދާއިރާއިން އިޤްތިޞާދީ ގޮތުން ބާރުވެރިވެ، މަތީ ތަޢުލީމާއި ސްޓާޓް-އަޕް ފަދަ ކުދި ވިޔަފާރިތަކާއި، މެދުފަންތި އަދި ބޮޑެތި ވިޔަފާރިތަކާއި ލާމެހިގެން ޑިޖިޓަލް އިޤްތިޞާދަކާއި ދިމާލަށް ހަލުވިކަމާއިއެކު ތަރައްޤީގެ މިސްރާބު ހިފުމަށް މަގުފަހިކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި އެކު ވަނީ މަޝްވަރާކުރެވިފަ.

 1. ކޯޑް މޯލްޑިވްސް

21 ވަނަ ގަރުނަށް ތައްޔާރުވެފައިވާ، ޓެކްނޯލޮޖީ އާއި ދޯޅު ޖީލެއް ބިނާ ކުރުމަށް ކޯޑް މޯލްޑިވްސްގެ ނަމުގައި މި މިނިސްޓްރީއިން ވަނީ ޤައުމީ ހަރަކާތެއް ފަށާފައެވެ. މި މަސައްކަތުގެ ތެރޭގައި:

• ވޮލިންޓިއަރުންގެ ޤައުމީ ނެޓްވާރކެއް މެދުވެރިކޮށް ކޮންމެ ރަށެއްގެ ކޮންމެ ސުކޫލެއްގައި ކޯޑް ކްލަބް ގާއިމުކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ "ޕްރޮޖެކްޓް ބޭސްޑް"، "ލާނިންގް ބައި ޑުއިންގް" ކަރިކިއުލަމް ތަޢާރަފުކޮށް ހިންގުމުގެ މަސައްކަތް ވަނީ ފަށާފަ.

• މިގޮތުން މި މިނިސްޓްރީ ވަނީ ރާސްޕްބެރީ ޕައި ފައުންޑޭޝަނުން ހިންގާ ކޯޑް ކްލަބް އިންޓަރނޭޝަނަލްގެ ގްރޯތް ޕާޓްނަރއަކަށް ވެފަ.

• އަދި، ކޮމްޕިއުޓަރ ސައިންސް ތަޢާރަފުކޮށް، ޒުވާނުންގެ މެދުގައި ކޮމްޕިއުޓަރ ސައިންސް އަށް ހިތް ޖައްސުވައި، ކޮމްޕިއުޓިންގެ ދާއިރާއިން މީހުން ބިނާކުރުމަށް މަގުފަހި ކުރުމަށްޓަކައި ޤައުމީ ފެންވަރެއްގައި ދުނިޔޭގެ ކޮމްޕިއުޓަރ ސައިންސް ހަފްތާ ވަނީ ފާހަގަ ކޮށްފައެވެ. މިގޮތުން، 2019 ވަނަ އަހަރުގެ ދުނިޔޭގެ ކޮމްޕިއުޓަރ ސައިންސް ހަފްތާ ފާހަގަ ކުރުމަށް ބާއްވާ "އަވަރ އޮފް ކޯޑް" ޕްރޮގްރާމް ޑިސެމްބަރ 9 ން 15 ވަނީ މިނިސްޓްރީގައި ހިންގިފަ.

• "އަވަރ އޮފް ކޯޑް" ހިންގިފައިވަނީ ސަރުކާރުގެ ހުރިހާ އިދާރާތަކެއް، އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް އަދި މިނިވަން މުއައްސަސާތަކުގެ މުވައްޒަފުންގެ ދަރިން އަދި އާންމުކޮށް ހުޅުވާލައިގެންނެވެ. މި ޕްރޮގްރާމްގައި 207 ދަރިވަރުން "އަވަރ އޮފް ކޯޑް" ފުރިހަމަކުރި.

ކޯޑް މޯލްޑިވްސް ހަރަކާތުގެ ދަށުން 2021 ގެ ދިރާސީ އަހަރުގައި ބައެއް ސުކޫލްތަކުގައި ޕައިލެޓް ކޯޑް ކްލަބްތަކެއް ގާއިމްކޮށް ހިންގުމަށް ވަނީ ރާވާފައެވެ. އަދި މި ޕައިލެޓް ކްލަބްތަކުގެ ތަޖުރިބާގެ އަލީގައި 2022 ގެ ދިރާސީ އަހަރުގައި ކޮންމެ ރަށެއްގައި ކޯޑް ކްލަބް ގާއިމްކޮށް ހިންގުމުގެ މަސައްކަތްވަނީ ރާވާފައެވެ.

 1. ސައިޓެކް ލެކްޗަރ ސީރީޒް

ރާއްޖެއަށް އެންމެ ފައިދާކުރަނިވި ގޮތަށް ސައެންސާއި ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް މަގުފަހި ކޮށްދީ، މިދާއިރާއިން ދިރާސާތައްކުރުމާއި، އެފަދަ ދިރާސާތައްކުރުމަށް ހިތްވަރުދީ، އެކިއެކި ދާއިރާތަކުން ސައެންސާއި ޓެކްނޮލޮޖީއާއި ގުޅޭ ދިރާސާކުރާނެ ސައެންސްވެރިންނާއި ޓެކްނޮލޮޖިސްޓުން އުފައްދައި، ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގައި ކޮމިއުނިކޭޝަނާއި، ސައިންސާއި ޓެކްނޮލޮޖީގެ ދައުރު ފުޅާކޮށް، އެ ދާއިރާތަކަށް މީހުން އަހުލުވެރިކޮށް، ހޭލުންތެރިކުރުވުމަށް މި މިނިސްޓްރީއިން ވަނީ "ސައިޓެކް ލެކްޗަރ ސީރީޒް"ގެ ނަމުގައި ޕްރޮގްރާމެއް ފައްޓާފައެވެ. މި މަސައްކަތުގެ ތެރޭގައި:

• "ޑޫ އެލްގޮރިދަމްސް ހޭވް ޕޮލިޓިކްސް؟ އާޓިފިޝަލް އިންޓަލިޖަންސް، ސޮސައިޓީ އެންޑް ގަވަރނަންސް" ގެ ނަމުގައި އާއްމުންނަށް ހުޅުވާލައިގެން ޕަބްލިކް ލެކްޗަރ އެއް ވަނީ އިންތިޒާމު ކޮށްފަ.

• އަދި ދައުލަތުގެ އިދާރާތަކަށް ހާއްސަކޮށްގެން "އާޓިފިޝަލް އިންޓެލިޖެންސް، ސޮސައިޓީ އެންޑް ގަވަރނަންސް ވޯކްޝޮޕް" ގެ ނަމުގައި ވޯކްޝޮޕްއެއް ވަނީ ބާއްވާފަ.

• ބައިނަލްއަގުވާމީ ވިމަން އެންޑް ގަރލްސް އިން ސައިންސް ދުވަސް ފާހަގަ ކުރުމުގެގޮތުން ސްކޫލް ކުދިންނަށް އަމާޒުކޮށްގެން "ވިމަން އެންޑް ގަރލްސް އިން ސައިންސް އިންދި މޯލްޑިވްސް" ގެ ނަމުގައި ޕެނަލް ޑިސްކަޝަންއެއް އިންތިޒާމުކޮށް، ޕީ.އެސް.އެމް މެދުވެރިކުށް ވަނީ އާންމު ކުރެވިފަ.

 1. ލީގަލް ފްރޭމްވަރކް ފޮރ އަ ޑިޖިޓަލް ނޭޝަން

ޑިޖިޓަލް ގަވަރމަންޓް، ޑިޖިޓަލް އިކޮނޮމީ އަދި ޑިޖިޓަލް ސޮސައިޓީއަކަށް މަގުފަހިކޮށްދީ، ސައިބަރ ވެއްޓަކީ ރައްކާތެރި، ޤައުމީ އަދި ބައިނަލްއަގުވާމީ ކުންފުނިތަކާއި އެހެނިހެން ޤައުމުތަކުގެ އިތުބާރު ލިބިފައިވާ މާޙައުލަކަށް ހަދާ، ދިވެހި ޒުވާނުން ޒަމާނީ ޓެކޮނޯލޮޖީ އިން ބާރުވެރިކުރުމަށް ބޭނުންވާ ޤާނޫނުތައް އެކުލަވާލައި ހިންގުމަށްޓަކައި "ލީގަލް ފްރޭމްވަރކް ފޮރ އަ ޑިޖިޓަލް ނޭޝަން"ގެ ނަމުގައި މި މިނިސްޓްރީއިން ވަނީ މަޝްރޫޢެއް ގާއިމްކޮށްފައެވެ. މި މަސައްކަތުގެ ތެރޭގައި:

• ވިޔަފާރިއާއި އެހެނިހެން މުޢާމަލާތްތަކުގައި އިލެކްޓްރޯނިކް ނުވަތަ ޑިޖިޓަލް ވަސީލަތްތައް ބޭނުން ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓް އިން ޑްރާފްޓް ކުރައްވަމުން ގެންދެވި "ޑިޖިޓަލް ޓްރާންސެކްޝަން" ގެ ޤާނޫނުގެ މަސައްކަތް ފުރިހަމަ ކުރުމަށް އެ މިނިސްޓްރީ އާއި އެކު މަސައްކަތްކޮށް މި ޤާނޫނުގެ ދެލި ކޮޕީ އެކުލަވާލުމުގެ މަސައްކަތްވަނީ ނިންމާފަ.

 1. ޕަބްލިކް ރެކޯޑްސް ޑިޖިޓަލައިޒޭޝަން

ދައުލަތުގެ ލިޔެކިޔުންތައް ސުމޭކު ކުރުމުގެ މަޝްރޫއެއް 2019 ވަނަ އަހަރު މި މިނިސްޓްރީއިން ވަނީ އެކުލަވާލާފައެވެ. މިގޮތުން:

• މި މަޝްރޫއު ފެށުމަށްޓަކައި ސަރުކާރު އޮފީސްތަކުގެ ލިޔެކިޔުންތަކުގެ ހާލަތު ހުރިނެތްގޮތް ބެލުމުގެ މަސައްކަތް ފެށިގެން ކުރިއަށް އެބަ ގެންދެވެ.

• މި މަސައްކަތުގެ ޕްރޮޖެކްޓް ޑޮކިޔުމެންޓް ވަނީ ތައްޔާރު ކުރެވިފަ.

• އަދި ޓެކްނިކަލް ޓީމު އެކުލަވާލުމުގެ މަސައްކަތާއި އެކި އެކި އޮފީސްތަކާއި ބައްދަލު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން. އެގޮތުން މިހާތަނަށް ބައްދަލު ކުރެވިފައިވާ އޮފީސްތަކުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، މިނިސްޓްރީ އޮފް އެންވައިރަންމަންޓް އަދި ނޭޝަނަލް އާކައިވްސް ހިމެނެއެވެ.

• މީގެ އިތުރުން ސިޓީ އަދި ރަށު ކައުންސިލް ތަކުން ބަލަހައްޓަމުން ދާ ރަށު އަދި ގޯތީގެ ރަޖިސްޓްރީ ޑިޖިޓަލައިޒް ކުރުމަށް "ގެމެން"ގެ ނަމުގައި ޑިޖިޓަލް ހިދުމަތެއް ތަޢާރުފުކޮށް، މާލޭ ސިޓީ ކައުންސިލާއި އެކު ވަނީ މަސައްކަތް ފެށިފަ.

އަދި މި މަޝްރޫއުގެ ދަށުން މާލެ ސިޓީ ކައުންސިލްގައި ކަރުދާހުގައި ރައްކާކުރެވިފައި ހުރި އެހެން ލިޔެކިއުންތައް ސުމޭކް ކުރުމުގެ މަސައްކަތް 2021 ވަނަ އަހަރު ފެށުމަށް ވަނީ ރާވާފައެވެ.

 1. މޯލްޑިވްސް އިންޓަނެޓް އެކްސްޗޭންޖް

އިންޓަނެޓްގެ ފެންވަރު ރަނގަޅު ކުރުމަށް މަގުފަހި ކުރުމަށްޓަކައި ރާއްޖޭގައި އިންޓަނެޓް އަދި އެހެނިހެން ޑިޖިޓަލް ހިދުމަތް ދޭ ފަރާތްތައް ގުޅުވާލައި ޑޭޓާ އެކްސްޗޭންޖް ކުރެވޭނެ މަގުފަހިކުރުމަށް މޯލްޑިވްސް އިންޓަރނެޓް އެކްސްޗޭންގެ ނަމުގައި ހިދުމަތެއް ގާއިމު ކުރުމުގެ މަސައްކަތް މި މިނިސްޓްރީއިން ވަނީ ފަށާފައެވެ. މިފަދަ ހިދުމަތެއް ގާއިމު ކުރެވުމުން، ކުދި އަދި މެދު ފަންތީގެ ޑިޖިޓަލް ވިޔަފާރިއަށް މަގުފަހިވެގެންދާނެއެވެ. އަދި މިއާއެކު ރާއްޖޭގައި ޑިޖިޓަލް ހިދުމަތުގެ ސިނާއަތު ތަރައްޤީވުމަށް މަގުފަހިވާނެއެވެ.

• މި ހިދުމަތް ގާއިމު ކުރުމަށްޓަކައި "އޭޝިއާ ޕެސިފިކް ނެޓްވޯކް އިންފޮމޭޝަން ސެންޓަރ" (އޭ.ޕީ.ނިކް) އާއި އެކު މަޝްވަރާކޮށް އޭ.ޕީ.ނިކްގެ ފަންނީ އަދި މާލީ އެހީ މި ހިދުމަތް ގާއިމު ކުރުމަށް ލިބޭގޮތަށް ވަނީ ހަމަޖެހި އޭ.ޕީ.ނިކް އާއި މި މަސައްކަތް ވަނީ ފަށާފަ.

• ކޯވިޑް-19 ޕެންޑެމިކާއި ގުޅިގެން ވަގުތީ އެކްސްޗޭންޖެއް ވަނީ ގާއިމުކުރެވިފަ.

• މިގޮތުން، ރާއްޖޭގެ އައި.އެސް.ޕީ ތަކާ ވާހަކަ ދެއްކުމަށްފަހު، ސަރުކާރުން ނޭޝަނަލް ޑޭޓާ ސެންޓަރގައި ހޯސްޓް ކޮށްފައިވާ އެޕްލިކޭޝަންތަށް އިންޓަނޭޝަނަލް އިންޓަރނެޓް ޓްރެފިކްއިން ބޭރުން ލޯކަލް އިންޓަރނެޓް ޓްރެފިކްގައި ލިބޭގޮތް ހަދާދެވިފައިވާނެ.

މި ހިދުމަތުގެ ސިޔާސަތު އަދި ފަންނީ ޑިޒައިން އަދި އިންސްޓޮލޭޝަންގެ މަސައްކަތް 2020 ވަނަ އަހަރު ނިންމައި 2021 ވަނަ އަހަރު މި ހިދުމަތް ތަޢާރުފު ކުރުމަށް ރާވާފައިވެއެވެ.

 1. ދިވެހިބަސް ޒަމާނީ ވަސީލަތް ތަކާއިއެކު ބޭނުން ކުރުން

ދިވެހިބަސް ޒަމާނީ ވަސީލަތް ތަކާއިއެކު ބޭނުން ކުރެވޭނެގޮތް ހަމަޖެއްސުމުގެ ގޮތުން މަޝްރޫޣުއެއް އެކުލަވާލައި މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. މިގޮތުން:

• ގޫގްލް ގައި ދިވެހިބަސް ބޭނުން ކުރެވޭނެގޮތް ހަމަޖެއްސުމަށްޓަކައި ދިވެހިބަހުގެ އެކެޑެމީ އާއިއެކު ބައްދަލުވުން ތަކެއް ބޭއްވިފަ.

• އަދި މިކަމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ބޭނުންވާ ލިޔެކިޔުންތަކާއި ކަމާގުޅޭ ފޮތްތައް ސްކޭން ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް އެބަގެންދޭ.

• މި ޕްރޮޖެކްޓްއަށް ބޭނުންވާ 5 މިލިއަން ސޮފުހާގެ ތެރެއިން 4 މިލިއަން ސޮފުހާ މިހާރުވަނީ ދިވެހި ބަހުގެ އެކެޑެމީ އަދި ނެޝަނަލް އާކައިވްސް މެދުވެރިކޮށް ހޯދިފަ.

ދިވެހި ބަސް ގޫގްލްގެ އެކި ހިދުމަތްތަކުގައި ފުރިހަމައަށް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް 2020 ވަނަ އަހަރު ގޫގްލް އާއިއެކު އިތުރު މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފައެވެ.

 1. ސައިންސާއި ޓެކްނޯލޮޖީ އަދި އިނޮވޭޝަނާއި ގުޅުންހުރި ޤައުމީ ހަރަކާތްތައް ބަލައިގަތުން

ސައިންސާއި ޓެކްނޮލޮޖީ އަދި އިނޮވޭޝަން ރާއްޖޭގައި ކުރިއެރުވުމަށް އިންތިޒާމުކުރާ ބައްދަލުވުން ތަކާއި ކޮންފަރެންސް އަދި އެކްޒެބިޝަން ފަދަ ހަރަކާތްތަކަށް ހިތްވަރުދީ ތަރުޙީބު ދިނުމުގެ ގޮތުން މި މިނިސްޓްރީން މިފަދަ ހަރަކާތްތައް އެންޑޯސް ކުރެވޭނެ ސިޔާސަތަކާއި މިންގަނޑެއް ގާއިމްކުރެވުނެވެ.

• މި ސިޔާސަތުގެ ދަށުން ޤައުމީ ފެންވަރުގެ މިފަދަ 4 އިވެންޓަކަށް ވަނީ މި މިނިސްޓްރީގެ އެންޑޯސްމެންޓު ދީ އެއިވެންޓުތަކުގައި މި މިނިސްޓްރީން ބައިވެރިވެފަ.

• މީގެ ތެރޭގައި ލިކަމެކް ޕްރައިވެޓް ލިމިޓެޑް އިން އިންތިޒާމު ކުރައްވައިގެން ހިންގެވި 'މޯލްޑިވްސް އައި.ސީ.ޓީ އެކްސްޕޯ އެންޑް ކޮންޒިއުމަރ އިލެކްޓްރޯނިކްސް ފެއަރ'، ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކުރައްވައިގެން ހިންގެވި 'މޯލްޑިވްސް މެރިން އެކްސްޕޯ 2019: މެރިން ޓެކްނޮލޮޖީ'، ވިލާ ކޮލެޖްއިން އިންތިޒާމު ކުރައްވައިގެން ހިންގެވި 'އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސަރޗް އެންޑް އިނޮވޭޝަން 2019'، އަދި ވިމެން އިން ޓެކް މޯލްޑިވްސް އިން އިންތިޒާމު ކުރައްވައިގެން ބޭއްވެވި 'ސްޓެމް ފެސްޓް 2019' ހިމެނެ.

 1. ޤައުމީ މަންހަޖުގައި ސްޓެމް ހަރުދަނާ ކުރުން

ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސް (ސްޓެމް) ގެ ތައުލީމް ރަސްމީ މަންހަޖުގައި ހިމަނައި، ސްކޫލް ނިންމާ ކޮންމެ ކުއްޖަކީ 21 ވަނަ ޤަރުނުގެ މަތީ ތަޢުލީމަށާއި ވަޒީފާގެ ބާޒާރަށް ތައްޔާރުވެފައިވާ ކުއްޖަކަށް ހެދުމުގެ މަޤްސަދުގައި މަސައްކަތްތަކެއް ވަނީ ކުރަން ފަށާފައެވެ.

• މިގޮތުން މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އެކުލަވާލުމުގެ މަރުހަލާގައި ކަމާއި ގުޅުންހުރި ދާއިރާތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ކުރެވުނު މަޝްވަރާގެ އަލީގައި ސްޓެމް ތަޢުލީމު ޤައުމީ މަންހަޖުގައި ހިމެނުމަށް ވަނީ މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) 2019-2023 ގައި އެކަށައަޅާފަ.

• އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސް ވެރިންނާއިއެކު މި ކަމާއި ގުޅިގެން މަޝްވަރާ ބައްދަލުވުންތަކެއް ވަނީ ބާއްވާފަ. ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) 2019-2023 ގައި މި މަސައްކަތް ވަނީ 2021 އަދި 2022 ނިންމުމަށް ރާވައިފައެވެ.

 1. ސްޓެމްގެ ދާއިރާތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުން

ސްޓެމްގެ ތަޢުލީމު ކުރިއަރުވައި ހޭލުންތެރިކަން އިތުރުކޮށް ސްޓެމްގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ މިންވަރު ދެނެގަނެ މި ދާއިރާތަކަށް އަންހެން ކުދިންގެ ޝައުޤުވެރިކަން އިތުރުކޮށް ސްޓެމްގެ ތަޢުލީމުގައި ބައިވެރިވާ އަންހެން ކުދިންގެ ނިސްބަތް އިތުރުކުރުމަށް މަސައްކަތްކުރުމަށް ވަނީ މަސައްކަތްތަކެއް ފަށާމައެވެ. މިގޮތުން:

• މި މަސައްކަތް ވިލަރެސްކުރުމަށް ސައިންސާއި ޓެކްނޯލޮޖީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ޤައުމީ ވާރކިން ގްރޫޕް އެކުލަވާލުމަށް މަސައްކަތް ވަނީ ފަށާފަ.

• ސައިންސާއި ޓެކްނޯލޮޖީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ޤައުމީ ވާރކިން ގްރޫޕްގެ އުސޫލު އަދި ސިލެކްޝަން ކްރައިޓީރިއާ ވަނީ ގެޒެޓް ކޮއްފަ.

• އަދި މި ވާރކިން ގްރޫޕަށް މެންބަރުން ހޮވުމަށް އިއުލާނު ކުރެވި، ކަމާ ގުޅުންހުރި ފަރާތްތަކަށް ސިޓީ ވަނީ ފޮނުވިފަ.

 1. ސްކޯލަރޝިޕްގެ ފުރުސަތު ހޯދުން

މި މިނިސްޓްރީގެ ދާއިރާތަކަށް މީހުން ބިނާކުރުމަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ މަތީ ތަޢުލީމާއި، ތަމްރިނާއި ރީސަރޗްގެ ފުރުސަތުތަކަށް މަގުފަހިކޮށްދިނުމަށްޓަކައި މި މިނިސްޓްރީއިން ރާއްޖެއާއި ރާއްޖޭން ބޭރުގެ މަތީ ތަޢުލީމު ފޯރުކޮށްދޭ ޔުނިވަރސިޓީތަކާއި މަޝްވަރާކޮށް ސްކޮލަރޝިޕްގެ ފުރުސަތު ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިގޮތުން:

• މި މިނިސްޓްރީއާއި ތައިލޭންޑްގެ 'އެސަމްޕްޝަން ޔުނިވާސިޓީ' އާއި ކުރެވުނު މުޢާމަލާތްތަކުން، ދިވެހިރާއްޖެއަށް ކޮމިއުނިކޭޝަން، ސައިންސް އަދި ޓެކްނޮލޮޖީ ގެ ދާއިރާއިން މީހުން ބިނާކުރުމަށް މާސްޓަރސް އަދި ޑިގްރީ ފެންވަރަށް ކިޔެވުމަށް 5 ސްކޮލާރޝިޕް ހަމަޖެހިފަ.

• މި ސްކޮލަރޝިޕްތައް 2020 ވަނަ އަހަރު ޣިއުލާން ކުރުމަށް ދަނީ މަސައްކަތް ކުރަމުން.

 1. ނޭޝަނަލް ޑޭޓަރ ސެކިއުރިޓީ ހަރުދަނާކުރުން

ނޭޝަނަލް ޑޭޓަރ ސެންޓަރގައި ދައުލަތުން ރައްކާކޮށްގެން ބަލަހައްޓާ ޑޭޓާގެ ރައްކާތެރިކަން އިތުރު ކުރުމަށްޓަކައި 2019 ވަނަ އަހަރު ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. މިގޮތުން:

• ޤައުމީ ޑޭޓާ ސެންޓަރގައި ބޭނުންކުރަމުންދާ ޔޫ.ޕީ.އެސް ސިސްޓަމް ދުވަސްވެ އައު ކުރަންޖެހިފައި ވުމުން ޑޭޓަރގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި މި މިނިސްޓްރީ އުފެއްދެވިއިރު އެން.ސީ.އައި.ޓީ އިން ގަނެފައިވާ ސިސްޓަމް މި މިނިސްޓްރީގެ އިސްނެގުމުގެ ދަށުން އިންސްޓޯލްކޮށް ވަނީ ކޮމިޝަންކޮށްފަ.

• އަދި މި ސެންޓަރަށް އިތުރު ކަރަންޓު ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމްކުރުމަށް ސްޓެލްކޯ އާއެކު މަޝްވަރާކޮށް މި ސެންޓަރާއި ސްޓެލްކޯ އާއި ދެމެދު ސީދާ ކަރަންޓު ފޯރުކޮށްދެވޭނެ ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް 2020 ވަނަ އަހަރު ކުރުމަށް ވަނީ ރާވާފަ.

• އަދި ޤައުމީ ޑޭޓަރ ސެންޓަރަކީ ދައުލަތުގެ ހުރިހާ މުޢާމަލާތެއްގެ ޑޭޓަރ އާއި ކުންފުނިތަކުގެ މަޢުލޫމާތާއި އެނޫންވެސް ދައުލަތުން ބަލަހައްޓާ، ރައްޔިތުންނާއި ދައުލަތުގެ މަސްލަހަތު ހިމެނޭ އެތަކެއް ޑޭޓަރ ރައްކާކުރެވޭ ތަން ކަމަށް ވުމުން މި ސެންޓަރުގައި ރައްކާކުރެވޭ ޑޭޓަރގެ ބެކަޕްކޮށް، ރައްކާތެރި ގޮތެއްގައި އެހެން ތަނެއްގައި ބެލެހެއްޓޭނެ އިންތިޒާމު ވަނީ ގާއިމުކޮށްފަ.

• މީގެ އިތުރުން ޤައުމީ ޑޭޓަރ ސެންޓަރގައި މައުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމުގައި ބޭނުންކުރާ 'އިންފޮމޭޝަން ސެކިއުރިޓީ މެނޭޖްމަންޓް ސިސްޓަމް' ބައިނަލްއަގުވާމީ މިންގަނޑަށް ސެޓިފައިކުރުމަށްޓަކައި ވަނީ މަސައްކަތް ފެށިފަ.

• އަދި ނޭޝަނަލް ޑޭޓާ ސެންޓަރުގައި އެޕްލިކޭޝަން މޮނިޓަރިންގ ސްޓެކެއް ވަނީ ގާއިމްކުރެވިފަ. އަދި ދާއިމީ ކުރުމަށް ބޭނުންވާ ސޮފްޓްވެއަރ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން.

• އަދި ނޭޝަނަލް ޑޭޓާ ސެންޓަރުގެ ކޯ އިކުއިޕްމަންޓް ވަނީ އަޕްގްރޭޑް ކުރެވިފަ.

 1. ޤައުމީ ކޮމްޕިއުޓަރ ވިއުގަ ތަރައްޤީކުރުން

ޤައުމީ ކޮންޕިއުޓަރ ވިއުގާ ބޭނުންކުރާ ޓެކްނޮލޮޖީ އަޕްގުރޭޑްކޮށް، ހަރަދު ކުޑަވާ ގޮތަށް، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި ވިއުގައިގެ ހިދުމަތް، މެދުނުކެނޑި، ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މި އަހަރު ވަނީ މިނިސްޓްރީގެ އިސްނެގުމާއެކު ފަށާފައެވެ. މޮގޮތުން:

• ޤައުމީ ކޮމްޕިއުޓަރ ވިއުގަ އާއި އަތޮޅުތެރޭގައި މީހުން ދިރިއުޅޭ ރަށްތައް ގުޅާލުމަށް މުއާސަލާތީ ކުންފުނިތައް މެދުވެރިކޮށް ބޭނުންކުރަމުންދާ ކަނެކްޝަންތައް އިތުރަށް ހަރުދަނާކޮށް، ރިޑަންޑަންސީ ގާއިމުކޮށް، ހަރަދު ކުޑަކޮށް އިތުރު ޑޭޓަރ ކެޕޭސިޓީއާއެކު ތަރައްޤީ ކުރުމަށް އެލް.ޖީ.އޭ އާއި މުއާސަލާތީ ކުންފުނިތަކާއި އެކު މަޝްވަރާކޮށް، އައު ނިޒާމެއް ފަރުމާކޮށް ވަނީ ނިމިފަ.

• މި ނިޒާމުގެ ދަށުން ރަށްތައް ގުޅާލުމުގެ މަސައްކަތް 2020 ވަނަ އަހަރު ކޮށް ނިމުމުން ދައުލަތުން ކުރާ ހަރަދު ކުޑަވެ ޤައުމީ ކޮމްޕިއުޓަރ ވިއުގައިގެ ހިދުމަތް ރަށްތަކަށް ލިބޭ މިންވަރާއި ފެންވަރު އިތުރަށް ފުޅާވެގެން ދާނެ.

• އަދި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހިންގާ ދައުލަތުގެ ކޮންމެ އިދާރާއެއް އަދި ދައުލަތް ހިއްސާވާ ކުންފުނިތައް ގުޅާލުމަށް ބޭނުންވާ ރަށު ނެޓްވޯކު އެޅުމުގެ މަސައްކަތްވެސް ވަނީ ފަށާފަ.

• މިގޮތުން މިނިސްޓްރީ އޮފް ހެލްތާއި ގުޅިގެން ސިއްޚީ ހިދުމަތް ފޯރުކޮށްދޭ ހުރިހާ މަރުކަޒުތަކެއް ގުޅާލުމުގެ މަސައްކަތް ވަނީ ފަށާފަ.

• އެހެންނަމަވެސް ޤައުމީ ކޮމްޕިއުޓަރ ވިއުގަ ބަލަހައްޓާ ތަރައްޤީ ކުރުމަށް ބޭނުންވާ ފަންނީ މުވައްޒަފުން ހޯދުމުގައި ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން މި މަސައްކަތް އެކަށީގެންވާ ހަލުވި ދުވެއްޔެއްގައި ވަނީ ކުރިއަށް ނުގެންދެވިފަ.

• ހުޅުމާލެގައި ގާއިމު ކޮއްފައިވާ ޤައުމީ ކޮމްޕިއުޓަރ ވިއުގައިގެ ފައިބަރ ނެޓްވަރކާއި މާލެއާއި ސިނަމާލެ ބްރިޖް މެދުވެކޮށް ފައިބަރއިން ގުޅާލުމުގެ މަސައްކަތް ވަނީ ފަށާފަ. މިގޮތުން ކަމާއި ގުޅުންހުރި އިދާރާތަކާއި ވަނީ މަޝްވަރާކޮށް މި މަސައްކަތްކުރާނެ އިންތިޒާމު ހަމަޖައްސާފަ. އަދި މި މަސައްކަތަށް ބޭނުންވާ ފައިބަރ ކޭބަލް ވަނީ ގަނެވިފަ. މި ކޭބަލް ވަޅުލުމުގެ މަސައްކަތް ކުރިއަށްދަނީ ސްޓެލްކޯގެ އެހީތެރިކަމާއި އެކު.

• އަތޮޅު ތަކާއި ރައްތަށް ވަޔަރލަސް ޓެކްނޮލޮޖީ ބޭނުން ކޮށްގެން ގުޅާ ލުމުގެ ޕައިލެޓް ޕްރޮޖެކްޓެއް އެކުލަވާލައި، ނެޓްވަރކް ޑިޒައިންގެ މަސައްކަށް ވަނީ ނިމިފަ އަދި ޕައިލެޓް ކުރުމަށް ދަނީ ތައްޔާރުވަމުން.

 1. ޤައުމީ ބޯޑަރ ކޮންޓްރޯލް ނިޒާމު އަޕްގްރޭގް ކުރުން

މި މިނިސްޓްރީގެ ބެލުމުގެދަށަށް ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޯލޮޖީ ބަދަލުވިއިރު އެ އިދާރާއިން ބަލަހައްޓަމުން އައި ޤައުމީ ބޯޑަރ ކޮންޓްރޯލް ނިޒާމު (ޕައިސިސް ސިސްޓަމް)ގެ ހާޑްވެއަރ ޑިޓީރިއޮރޭޓްވެ ދޭތެރެއަކުން މައްސަލަ ދިމާންވާން ފަށާފައި ހުންނަތާ އަހަރުތަކެއް ވަނީ ވެފައެވެ. އަދި މިކަމަށް ކުރީގެ ސަރުކާރުން ގޮތެއް ނިންމާފައެއް ނުވެއެވެ. މި މައްސަލަތަށް ހައްލުކުރުމަށާއި ހާޑްވެއަރ ފެއިލިއަރ ތަކަށް އެޓެންޑްކުރަން އެން.ސީ.އައި.ޓީގެ މަދު މުވައްޒަފުން 24 ގަޑިއިރު ތިބެނީ އެލަރޓްގައެވެ. އަދި ހާޑްވެއަރ ފެއިލިއަރ އަކުން ރިކަވަރވާނެ ކަމުގެ ފުރުސަތު ހުރީ 50/50 ޗާންސްގައެވެ. މިކަމުގެ ސަބަބުން ސިސްޓަމް އަޕް ނުކުރެވިއްޖެނަމަ ބޯޑަރ ފެއިލްވެ އެއަރޕޯޓް ހުއްޓޭ ފަދަ ހާދިސާއެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ހާލަތެއްގައެވެ.

• މި މައްސަލައިގެ ސީރިއަސްކަން މިނިސްޓަރ ކެބިނެޓާއި ހިއްސާކުރެއްވި އަދި މި ސިސްޓަމް އަޕްގްރޭޑް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވި.

• ރާއްޖޭގެ ބޯޑަރ ނިޒާމު ބެލެހެއްޓުމަށް ބޭނުންވާ ހުރިހާ ސާމާނެއް އެއަރ ފްރެއިޓްކޮށް އެމެރިކާ ސަރުކާރުން ދިވެހިރާއްޖެ ފޮނުވި. އަދި އެން.ސީ.އައި.ޓީ އިން ހަވާލުވެ، އެމެރިކާ އަދި އެން.ސީ.އައި.ޓީގެ ޓީމުން ރާއްޖޭގެ ހުރިހާ ބައިނަލްއަގުވާމީ ވައިގެ އަދި ކަނޑުގެ ބަނދަރުތަކުގައި އައު ހާޑްވެއަރ އިންސްޓޯލްކޮށް، ސޮފްޓްވެއަރ ވަނީ އަޕްގްރޭޑް ކޮށް ނިންމައިފަ.

• އިމިގްރޭޝަނުން ބޭނުންވި އިތުރު ފީޗާރސް އާއި ބަދަލުތައް ގެނައުމަށް އެމެރިކާ ސަރުކާރާއިއެކު މަޝްވަރާކުރެވި އެކަންކަން ކުރެވުނު.

• ފިންގަރޕްރިންޓް ސަރޗްކުރުމާއި އެކްސްޕެޓް ސިސްޓަމާއި އިންޓަގްރޭޓް ކުރުމަށް ޕައިސިސް ޑިވެލޮޕްމަންޓް ޓީމާއި އެކު ވަނީ އެއްބަސްވެފަ.

• މާފަރު އިންޓަނޭޝަނަލް އެއަރޕޯޓްގައި ބޯޑަރ ކޮންޓްރޯލް ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ.

 1. ދައުލަތުގެ އެކި އިދާރާތަކަށް ބޭނުންވާ ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުން

މި މިނިސްޓްރީގެ ބެލުމުގެދަށުން ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޯލޮޖީއިން ދައުލަތުގެ އެކި އިދާރާތަކަށް ބޭނުންވާ ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމަށް ވަނީ ގިނަ މަސައްކަތްތަކެއް ކުރެވިފައެވެ. މި މަސައްކަތްތަކުގެ ތެރޭގައި:

• މި ސަރުކާރުން އަލަށް އުފެއްދި މިނިސްޓްރީތަކަށް ބޭނުންވާ ވަގުތީ ވެބްސައިޓް ތަކާއި، ޖެމްސް ގެ ހިދުމަތް ދިނުމާއި އީމެއިލް ސިސްޓަމް ސެޓަޕްކޮށްދީ ނިންމުނު.

• ސަރުކާރުގެ ސަތޭކަ ދުވަހުގެ ވައުދުގައި ހިމެނޭ ހައުސިންގް މިނިސްޓްރީގެ ކިޔުގައި ނުޖެހި ފްލެޓައް އެޕްލައިކުރެވޭ އޮންލައިން ޕޯޓަލް ހަދާދެވި ހައުސިންގ މިނިސްޓްރީ އާއި ވަނީ ހަވާލުކުރެވިފައި.

• ސަރުކާރުގެ ސަތޭކަ ދުވަހުގެ ވައުދުގައި ހިމެނޭ ޔޫތް މިނިސްޓްރީގެ ހަފްތާރެސް ޕްރޮގްރާމް މެނޭޖްކޮށް ކުރިއަށް ގެންދިއުމަށް އޮންލައިން ޕޯޓަލްއެއް ހަދާދެވެނު.

• ޖެމްސް 2.0 ގެ މަސައްކަތް ފެށުނު.

• ހިލޭ ޑިގްރީއަށް ޕްރޮގްރާމް މެނޭޖްކުރުމައްޓަކައި ހަޔަރ އެޑިއުކޭޝަން ސިސްޓަމްގެ ޕޯޓަލް އަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ބޭނުންކުރަން ފެށުނު.

• ވިހާ މަރުވާ މީހުންނާއި ގޯތި ގެދޮރުގެ ރަޖިސްޓްރީއާއި ރަށްވެހިންގެ ރަޖިސްޓްރީ ބެލެހެއްޓުން ޑިޖިޓަލައިޒް ކުރުމަށްޓަކައި، މި ކަމުގައި ހަރަކާތްތެރިވާ ހުރިހާ އިދާރާ އަކާއި ކޯޑިނޭޓްކޮށް މިހާރު ވަނީ ސިސްޓަމް އަމަލީގޮތުން ބޭނުންކުރަން ވަނީ ފަށާފަ.

• ކައިވެނި ރަޖިސްޓްރީ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ވަނީ ފެށިފަ.

• 5 އިދާރާއެއްގެ އިންފޮމޭޝަން ސެކިއުރިޓީ އޯޑިޓް ވަނީ ހަދާދީ، އެކި މައްސަލަތައް ހައްލުކުރުމަށް އެހީތެރިކަން ފޯރުކޮށް ދެވުނު.

• ކޯވިޑް-19 އާއި ގުޅިގެން ފޯރުކޮށްދެވުނު ސަޕޯޓް

o ކޯވިޑް އާއި ގުޅިގެން މާލެ ސިޓީ އާއި ރަށްތައް ލޮކްޑައުންކޮށްފި ހާލަތެއްގައި ގޭގައި މަސައްކަތް ކުރެވޭނެ ގޮތަށް އިންތިޒާމުކުރުމަށް، އައި.ޓީ ޓެކްނިކަލް ސަޕޯޓް ފޯރުކޯށްދިނުމަށްޓަކައި އައި.ޓީ ޓާސްކްފޯހެއް އެކުލަވާލެވި މިނިސްޓްރީ ތަކުގެ އައި.ޓީ ޑިޕާޓްމަންޓްތަކާއި ކޯޑިނޭޓްކުރަން ފެށުނު.

o މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ބޭނުންވާ ކޯލް ސެންޓަ ގާއިމްކޮށްދިނުނު.

o ވިހި އަތޮޅު ހޮސްޕިޓަލެއްގައި ޓެލެމެޑިސިން އަށް ފަހިވާގޮތަށް ވީޑިއޯ ކޮންފަރެންސް ފެސިލިޓީ ގާއިމްކުރެވުނު.

o ޝަރީއަތްތައް ކުރިއަށްގެންދިމަށްޓަކައި ނޭޝަނަލް ކޮމްޕިއުޓަރ ނެޓްވޯކް މެދުވެރިކޮށް ޕީޖީ އޮފީހާއި ޖުޑީޝިއަރީ އާއި ދެމެދު ވީޑިއޯ ލިންކް ގާއިމްކުރެވުނު.

o ގޭގައި ތިބެގެން ދައުލަތުގެ އޮފީސްތަކުގެ ނެޓްވޯކަށް ވަދެވޭ ވީޕީއެން ސަރވިސް އެއް އޮފީސްތަކަށް ފޯރުކޮށްދެވުނު. މިގޮތުން 208 އިދާރާއެއްގެ 551 މުވައްޒަފުންނަށް އެކްސެސް ދެވިފަ.

o ސަރުކާރުގެ ބައެއް ހިދުމަތްތައް އޮންލައިން ކުރުމަށް ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްދެވުނު. މީގެ ތެރޭގައި އެކްސްޕެޓް އަދި މަކުޑި ސިސްޓަމް ހިމެނޭ.

o ކޯވިޑް އަށް އުފެއްދެވި އައި.ޓީ ޓާސްކްފޯސަށް ވަނީ 18 މާރިޗް އިން 1 ޖުލައި 2020 ގެ ނިޔަލަށް 764 މައްސަލަ ހުށަހެޅިފަ. އެދި މިތަނުން 750 މައްސަލަ ވަނީ ހައްލުކޮށްދެވިފަ.

• އެން.އެސް.އައި.ޓީ އިން މިވަގުތު ސަރުކާރުގެ 55 އެޕްލިކޭޝަނެއް ހޯސްޓްކޮށްދީފައިވޭ. މީގެތެރެއިން 18 އިންފޮމޭޝަން ސިސްޓަމެއް އެން.ސީއައި.ޓީ އިން ޑިވެލޮޕްކޮށްފައިވާއިރު، 13 ސިސްޓަމް އިދާރާތަކުން ދަނީ ބޭނުންކުރަމުން.

 1. މިނިސްޓްރީ ގާއިމުކުރުން

2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު 17 ވަނަ ދުވަހު އުފެދުނު ސަރުކާރާއިއެކު މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ އައު މިނިސްޓްރީއެއްގެ ގޮތުގައި އުފައްދަވައި، މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީގެ މަގާމަށް މުޙައްމަދު މަލީހް ޖަމާލް އައްޔަން ކުރެއްވިއެވެ. އަދި ވަގުތީ ޕާމަނަންޓް ސެކްރެޓަރީގެ ގޮތުގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލަޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަޙްމަދު ހަމަޖައްސައި މިނިސްޓްރީ ގާއިމު ކުރުމުގެ މަސައްކަށް ފެށުނެވެ. މިގޮތުން:

• ފުރަތަމަ ކަމަކަށް މިނިސްޓްރީގެ އޮނިގަނޑުގެ އިދާރީ ޑިވިޝަން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ މުވައްޒަފުންގެ އެހީއާއިއެކު ފަރުމާކޮށް ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅާ ވަނީ ފާސްކޮށްދެއްވާފަ.

• މި އޮނިގަނޑުގެ ދަށުން މި މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއެއް ވަނީ އައްޔަނު ކުރެވިފަ. އަދި މިނިސްޓްރީގެ އިދާރީ މުވައްޒަފުން ނެގުމުގެ މަސައްކަތް އެންސީއައިޓީގެ އެހީއާއިއެކު ފެށުނު.

• މިގޮތުން މިނިސްޓްރީގެ އިދާރީ މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުން ހަމަވުމުން، މިނިސްޓްރީގެ ކޯރ ފަންކްޝަންސްތަކަށް ބޭނުންވާ މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލައި ސިވިލް ސާވިސް ކޮމިޝަނުން މި މިނިސްޓްރީގެ އޮނިގަނޑު ވަނީ ފާސްކޮށްދެއްވައިފަ. • މިނިސްޓްރީގެ އޮނިގަނޑުގައި ހިމެނޭ މުވައްޒަފުން ހަމަކުރުމަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިވުމުގެ ސަބަބުން މުވައްޒަފުން ވަނީ ހަމަކުރެވޭގޮތް ނުވެފަ. އެހެންކަމުން، މިނިސްޓްރީގެ މަސައްކަތަށް ބޭނުންވާ 53 ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން މިހާތަނަށް މިނިސްޓްރީއަށް ނެގިފައި ވަނީ 17 މުވައްޒަފުން.

• މިނިސްޓްރީގައި ގުޑް ގަވަރނަސް ކުރިއެރުމުގެ ދޮތުން ބިޑް ކޮމިޓީ ފަދަ ކޮމިޓީ ތަކުގައި ސިޔާސީ މުވައްޒަފުންގެ ބަދަލުގައި ސިވިލް ސަރވިސް މުވައްޒަފުން ހިމަނައި ސިވިލް ސަރވިސް މުވައްޒަފުން ބާރުވެރި ކުރުވައި މިނިސްޓްރީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން "ކްލައުޑް" ޕްލެޓްފޯމެއް ކަމައްވާ "މައިކްރޯސޮފް 365" ތަޢާރުފު ކޮށް، ޕްރިންޓް ކުރުން މަދުކޮށް، ވަރކް ފްލޯ ހަލުއިކޮށް ހަރުދަނާ ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން.

 1. މިނިސްޓްރީގައި މަސައްކަތް ކުރެވެވޭނެ އިންތިޒާމު ގާއިމުކުރުން

މި މިނިސްޓްރީ ގާއިމުކޮށްފައިވަނީ އެން.ސީ.އައި.ޓީގެ ހިންގަމުންދާ އިމާރާތުގައި ކަމުން، މި އިމާރާތައް ގެންނަންޖެހޭ ބަދަލު ގެނެސް މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސްކޮށް، ޒަމާނީ މަސައްކަތުގެ މާހައުލެއް ގާއިމުކުރުމުގެ މަސައްކަތް 2019 ގައި ވަނީ ހިންގާފައެވެ. މިގޮތުން:

• މި އިމާރާތުގެ 2ވަނަ ފަންގިފިލާ 'އޯޕަން އޮފީސް' ކޮންސެޕްޓަށް ފަރުމާކޮށް، މިނިސްޓްރީގެ އިދާރީ މުވައްޒަފުންނާއި އެން.ސީ.އައި.ޓީގެ މުވައްޒަފުން މަސައްކަތް ކުރެވޭވަރަށް ވަނީ ނިންމާފަ.

• އަދި މި އިމާރާތުގެ 3 ވަނަ ފަންގިފިލާގައި މީޓިންގ އަދި ޓްރޭނިންގ ރޫމަކާއި ސިޔާސީ މުވައްޒަފުން މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން.

• މީގެ އިތުރުން، މި މިނިސްޓްރީ އުފެއްދެވިއިރު އެން.ސީ.އައި.ޓީގެ ގިނަ މަސައްކަތްތައް ކުރަމުންދާ މިނިސްޓްރީގެ އިމާރާތާއި އިންވެގެން ހުންނަ އިމާރާތަކަކީ މުވައްޒަފުން މަސައްކުރުމަށް އެކަށީގެންވާ އިމާރާތަކަކަށް ނުވާތީވެ، މި އިމާރާތާއި މި މިނިސްޓްރީގެ އިމާރާތާއި ގުޅުވާލައި، އެން.ސީ.އައި.ޓީގެ ޑިވަލޮޕްމަންޓް، ހެލްޕްޑެސްކް، ޕްރޮޖެކްޓްސް، އަދި، އިދާރީ މަސައްކަތްތަކަށް އެކަށީންގެންވާ ޒަމާނީ މާހައުލެއް ގާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފަ.

• އަދި މި މަސައްކަތުގެ ތެރެއިން ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތްކުރައްވާ ޖަމިއްޔާ ޖަމާއަތްތަކާއި ސްޓާޓަޕްތައް ފަދަ ފަރާތްތަކަށް ހާއްސަ ކޮށްގެން ތަރައްޤީ ކުރާ ޓްރެއިނިންގ، މީޓިންގ އަދި އިވެންޓްސް ފެސިލިޓީސްވެސް ގާއިމު ކުރެވޭނެ.

އެން.ސީ.އައި.ޓީ ގެ އިދާރީ ހިންގުން ހަރުދަނާކުރުން

• އެން.ސީ.އައި.ޓީ ގެ އިދާރީ ހިންގުން ސިވިލް ސަރވިސް އިން ކަނޑައަޅާފައިވާ މިންގަނޑާއި އަދި މާލިއްޔަތާއި ބެހޭ ގާނޫނުގައިވާ ކަންކަން ފުރިހަމާވާގޮތަށް ބަދަލުކޮށް އައު އިދާރީ އޮނިގަނޑު އެކުލަވާލައި މުވައްޒަފުން ނެގުގުމުގެ މަސައްކަތް ފެށިފައި.

• ޓެކްނިކަލް މަޤާމްތަކަށް މީހުން ނެގުމަށް 2012 ވަނަ އަހަރު އެކުލަވާލާފައިވާ އޮނުގަނޑަށް މުވައްޒަފުން ނެގުމަށް ދަތިވާތީ އެ އޮނިގަނޑުގެ ބައެއް މަޤާމުތަކުގެ ޝަރުތު ބަދަލުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅިފައި.

 1. އިންޓަނެޓް އަގު ހެޔޮކުރުން

އިންޓަނެޓް ހިދުމަތުގެ އަގުހެޔޮ ކުރުމަކީ ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވައުދެކެވެ. މި ވައުދު ފުރިހަމަ ކުރުމުގެ ގޮތުން، 2019 ވަނަ އަހަރު ފެށުނީސްސުރެ ގިނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. މި މަސައްކަތުގެ ތެރޭގައި:

• ދުނިޔޭގެ 26 ޤައުމެއްގެ އިންޓަނެޓް ހިދުމަތްތަކާއި ބެހޭ ދިރާސާ ރިޕޯޓެއް އެކުލަވާލައި ހިދުމަތްދޭ ކުންފުނިތަކާއި ހިއްސާކުރެވުނު.

• އަދި ހިދުމަތްދޭ ކުންފުނިތަކާއި އެކު އެކިފަހަރު މަތިން އެތައް މަޝްވަރާ ބައްދަލުވުން ތަކެއް ބާއްވައި އިންޓަނެޓް ހިދުމަތުގެ އަގުހެޔޮ ކުރުމަށް ޕްރޯޕޯޒަލްތަކެއް އެކުލަވާލެވުނު.

• އިންޓަނެޓް ހިދުމަތުގެ އަގު ހެޔޮކުރުމާގުޅޭ ގޮތުން މި މިނިސްޓްރީއިން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިންމައި މިކަމާ ގުޅޫ މުއައްސަސާތަކާއި ހިއްސާކުރެވުނު.

އޮކްޓޯބަރ 2019 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމު ކުރައްވައިފައިވާ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) 2019-2023 ގައި އިންޓަނެޓް ހިދުމަތުގެ އަގުހެޔޮކޮށް ފެންވަރު މަތިކުރުމަށް ތިން އެކްޝަންއެއް ވަނީ 2021 އަދި 2022އަށް ތައާވަލު ކުރައްވާފައެވެ. މިގޮތުން 2021ވަނަ އަހަރު ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް މެދުވެރިކޮށް ބްރޯޑްބޭންޑް ކޮލެސިފިކޭޝަންގެ ރެގިއުލޭޓަރީ ނިޒާމު ހަރުދަނާކޮށް، އިންޓަނެޓް ހިދުމަތް ފޯރުކޮށްދިނުމުގައި ވާދަވެރިކަން އިތުރުކުރުމަށް ފިޔަވަޅުއެޅުން ހިމެނެއެވެ. އަދި 2022 ވަނަ އަހަރު އިންޓަނެޓް ހިދުމަތް ފޯރުކޮށްދިނުމުގައި ހިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ހިމެނެއެވެ.

ލިޔެކިޔުން


20 July 2020 - Mr

ފޯމެޓް : PDF
ސައިޒް: KB 391.24 KB