ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން، 2.8 މިލިއަން ޑޮލަރުގެ އަގުހުރި، މެރިން ޕޮލިއުޝަން ރެސްޕޮންސް އިކުއިޕްމަންޓް އެމްއެންޑީއެފްގެ ކޯސްޓް ގާޑަށް ހަދިޔާކޮށްފިއެވެ. 17 އޯގަސްޓް 2020 ވީ ހޯމަދުވަހު، ހުޅުމާލޭގައި ހުންނަ ކޯސްޓް ގާޑްގެ ބަރތިންގ އޭރިޔާގައި ބޭއްވި ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ފަރާތުން މިއެހީއާ ޙަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ މި ދަތި އުނދަގޫ ޙާލަތުގައިވެސް، ޖަޕާން ސަރުކާރުން ދެއްވި މި ބޮޑު އެހީއަކީ، ޖަޕާނާއި ދިވެހިރާއްޖޭގެ ޒަމާންވީ ގާތް ގުޅުމުގެ ޗޭނަށް އިތުރުވި ބޮޅެއް ކަމަށާއި، މިކަމުން ހާމަވަނީ ޖަޕާނަކީ ދިވެހިރާއްޖޭގެ ބައިނަލްއަޤްވާމީ ޕާޓްނަރުންގެ ތެރެއިން، ނުހަނު ފާހަގަކޮށްލެވޭ ޕާޓްނަރެއް ކަމަށެވެ.