Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ޖޮއިންޓް އިންޓަރ އޭޖެންސީ އޮޕަރޭޝަން ސެންޓަރ (ޖަޔޮކް) ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ބައިވެރިވެވަޑައިގެންފި

މިސެންޓަރަކީ ޓެރަރިޒަމްގެ ޙަމަލާތައް ފަދަ ޤައުމީ ސަލާމަތަށް ނުރައްކާވާ ޙާލަތްތަކުގައި ޤައުމީ ފެންވަރުގެ ހުރިހާ މުއައްސަސާއެއް ގުޅުވައިދޭ މައި ހަބު

މިނިސްޓްރީ އޮފް ޑިފެންސް އިދާރާ




ޓެރަރިޒަމްގެ ޙަމަލާތައް ފަދަ ޤައުމީ ސަލާމަތަށް ނުރައްކާވާ ޙާލަތްތަކުގައި ޤައުމީ ފެންވަރުގެ ހުރިހާ މުއައްސަސާއެއް ގުޅުވައިދޭ މައި އޮޕަރޭޝަނަލް ހަބުގެ ގޮތުގައި މަސައްކަތްކުރުމަށްޓަކައި، ޖޮއިންޓް އިންޓަރ އޭޖެންސީ އޮޕަރޭޝަން ސެންޓަރ (ޖަޔޮކް)ގެ ނަމުގައި ޤާއިމްކޮށްފައިވާ ސެންޓަރ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވައިފިއެވެ.

މިކަމަށްޓަކައި ބަންޑާރަކޮށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި އެމް.އެން.ޑީ.އެފްގެ ލީޑަރޝިޕުގެ ބޭފުޅުންނާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޖަޔޮކްގެ މަސައްކަތަކަށްވާނީ، ޓެރަރިޒަމްގެ ޙަމަލާތައް ފަދަ ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލުމަށް ރާވަންޖެހޭ ރޭވުންތައް ރާވައި، ޕްލޭންތައް ފަރުމާކޮށް، އޮޕަރޭޝަންތައް ހިންގުމެވެ.

ޓްރާންސްނޭޝަނަލް ސެކިއުރިޓީ ތްރެޓްތައް ނުވަތަ ޤައުމެއްގެ ބޯޑަރު ފަހަނައަޅާ، މުޅި ސަރަޙައްދަށް އޭގެ ބިރާއި ނާމާންކަން ފެތުރިފައިވާ ނުރައްކާތަކުގެ ތެރޭގައި ހިމެނޭ ކްރޮސްބޯޑަރ ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ، ސަލާމަތީ ނަޒަރަކުން، ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. ރާއްޖޭގައި ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ މޫތައް އިތުރަށް ވަރުގަދަވެ، ޓެރަރިސްޓް ނެޓްވަރކްތައް އިތުރަށް ފުޅާވެ، ދިވެހި އެތައް ދަރިންނެއް، އުފަން ފަސްގަނޑު ދޫކޮށް، ހަނގުރާމަތަކުގައި ބައިވެރިވުމަށްޓަކައި ރާއްޖެއިން ބޭރަށް ފިލައިގެންދަނިކޮށް، 2019 ވަނަ އަހަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުންވަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ދިވެހި ޤައުމާއި ރައްޔިތުންނަށް އޮތް ނުރައްކަލެއްކަން ދެކެވަޑައިގެން، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާނީ "ޒީރޯ ޓޮލަރެންސް ޕޮލިސީ"އެއްކަން އިއުލާންކުރައްވާފައެވެ. ހަމައެއާއެކު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އިސްނަންގަވައިގެން، ޓެރަރިޒަމްގެ ޤާނޫނަށް އިސްލާޙުގެންނެވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅުއްވާފައެވެ.

މިއިސްލާޙުގައިވާ ކަންކަން ތަންފީޒުކުރަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރެއްވި ބުރަ މަސައްކަތްޕުޅުން، މުޅިން އަލަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ރެސްޕޮންސް ޕްލޭނެއް މިހާރުވަނީ އެކުލަވާލެވިފައެވެ. މިއަދު މިހުޅުވުނު "ސްޓޭޓް އޮފް ދަ އާރޓް" އަދި "ނެޓްވޯކް ސެންޓްރިކް ކަނެކްޓިވިޓީ" ޤާއިމްކުރެވިފައިވާ ޖޮއިންޓް އިންޓަރއޭޖަންސީ އޮޕަރޭޝަން ސެންޓަރ (ޖަޔޮކް) ވުޖޫދަށް ގެންނެވުމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ޚާއްޞަ އިސްކަމެއް ދެއްވާފައިވާކަން ޝުކުރާއެކީ ފާހަގަކުރަމެވެ.

އަދި މިސެންޓަރަކީ، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ "ޒީރޯ ޓޮލަރެންސް ޕޮލިސީ" ތަންފީޛުކޮށް، މިސިޔާސަތަށް ޢަމަލީ ސިފަ ގެންނެވުމަށް އެމަނިކުފާނުގެ ސަރުކާރުން ފަށްޓަވައިފައިވާ މަސައްކަތްޕުޅަށް ލިބުނު ކުރިއެރުމެއްކަމާއި، ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެމަނިކުފާނު ދެއްވާ ޚާއްޞަ އަޙައްމިއްޔަތު މިކަމުން ހާމަވާކަން ޝުކުރާއެކީ ފާހަގަކުރަމެވެ.