Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ނޫސް ބަޔާން މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީގެ ދަޢުވަތަކަށް އިންޑިއާގެ މިނިސްޓަރ އޮފް ޑިފެންސް ހިޒް އެކްސެލެންސީ ރާޖްނާތު ސިންގ ދިވެހިރައްޖެއަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެންދޭ ޕްރެސް ސްޓޭޓެމަންޓް

.

މިނިސްޓްރީ އޮފް ޑިފެންސް އިދާރާ


  1. މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީގެ ދަޢުވަތަކަށް އިންޑިއާގެ މިނިސްޓަރ އޮފް ޑިފެންސް ހިޒް އެކްސެލެންސީ ރާޖްނާތު ސިންގ ވަނީ 2023 މޭ 01 ވަނަ ދުވަހު ގައި ރާއްޖެ ވަޑައިގަންނަވާފައެވެ.

  2. މިޒިޔާރަތުގައި، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީ އާއި އިންޑިއާގެ މިނިސްޓަރ އޮފް ޑިފެންސް ހިޒް އެކްސެލެންސީ ރާޖްނާތު ސިންގ ބޭއްވެވި ބައްދަލުވުމުގައި، އިންޑިއާ އާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ޒަމާންވީ ގުޅުން ދަމަހައްޓައި އިތުރަށް ބަދަހިކުރުމަށާއި ދިފާޢީ ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި ގުޅޭގޮތުން ވާހަކަ ދެކެވިފައިވެއެވެ. އަދި މީގެ އިތުރުން، ސަރަޙައްދީ ގޮތުންނާއި އަދި ބައިނަލްއަޤްވާމީ މަޝްރަޙުގައި ސަލާމަތީގޮތުން ކުރިމަތިވާ އެކިއެކި ކަންތައްތަކަށް އަލިއަޅުވާލާ، އެކަންތައްތަކާއި ކުރިމަތިލުމުގައި ދިފާޢީ ދާއިރާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެއްބަސްވެވުނެވެ.

  3. މިސަރަޙައްދުގެ އަމާންކަމާއި ސުލްހަ މަސަލަސްކަން އަދި ރައްކާތެރިކަން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ، ސަލާމަތީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކަށް ގުޅިގެން ހައްލު ހޯދުމަށް މަސައްކަތް ކުރަންޖެހޭކަން ދެ ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ. އަދި ބައިނަލް އަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމްކޮށް ނެގެހެއްޓުމުގެ މުހިއްމުކަންވެސް ފާހަގަކުރެއްވިއެވެ.

  4. ފާއިތުވެ ދިޔަ ދުވަސްތަކުގައި ދެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގިފައިވާ ހަރަކާތްތަކާއި އަސްކަރީ ވަފުދުތަކުގެ ޒިޔާރަތްތަކުން، ދެ ޤައުމުގެ ދެމެދުގައި އޮންނަ ދިފާޢީ ގުޅުން އިތުރަށް ބަދަހިވެ ކުރިއަރައި ގޮސްފައިވާކަން ރިޢާޔަތްކޮށް ދެ ބޭފުޅުންވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ކައުންޓަރ ޓެރަރިޒަމް، ޑިޒާސްޓަރ މެނޭޖްމަންޓް، ސައިބަރ ސެކިއުރިޓީގެ އިތުރުން މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތަކުން ތަޖުރިބާއާއި ބެސްޓް ޕްރެކްޓިސްތައް ހިއްސާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

  5. ޑިފެންސް، ޓްރޭޑް އަދި މީހުން ބިނާކުރުމާއި ގުޅިގެން ހިންގާ އަސްކަރީ ޙަރަކާތްތައް ހިމެނޭހެން، ދިފާޢި ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލާ ދެނެގަތުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންނެވިއެވެ. އަދި ދެ އަސްކަރިއްޔާ ދެމެދުގައި ހިންގާ ޙަރަކާތްތަކާއި މުޢާމަލާތް ކުރިއަށްދާއިރު ހުރިހާ ފަންތިއެއްގައިވެސް ފަރުދީ ގުޅުންތަކާއި މުޢާމަލާތްތައް އިތުރުކޮށް ބަދަހިކުރުމަށް އަންހަންމިއްޔަތުކަން ދިނުމުގެ މުހިންމުކަމަށްވެސް އަލިއަޅުވާލެއްވިއެވެ.

  6. މިޒިޔާރަތުގައި، އިންޑިއާގެ ޑިފެންސް މިނިސްޓަރ ހިޒް އެކްސެލެންސީ ރާޖްނާތު ސިންގ ވަނީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙްގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްފާޟިލް ޢަބްދުﷲ ޝާހިދު އާއިވެސް ބައްދަލުކުރައްވާފައެވެ.

  7. މީގެ އިތުރުން، އިންޑިއާއިން ދެއްވި އުޅަނދުގެ ކޮމިޝަން ކުރުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެ ވަޒީރުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މިއުޅަނދަކީ ރައީސުލްޖުމްހޫރިއްޔާ އެންމެ ފަހުން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރާއްޖޭގެ ކޯސްޓްގާޑްގައި ބޭނުންކުރި ޝިޕް ހުރަވީ ދުވަސްވެ ބައުވެފައިވާތީ، އެ އުޅުނަދުގެ ބަދަލަށް ދެއްވާނެ ކަމަށް އެޤައުމުގެ ބޮޑު ވަޒީރު ވިދާޅުވެފައިވާ އުޅަނދެވެ.

  8. މިއުޅަނދުގެ އިތުރުން އިންޑިއާ އިން ހަދިޔާކުރައްވާ ލޭންޑިންގ ކްރާފްޓް ވެސެލް ރަސްމީ ގޮތުން އިންޑިއާގެ ޑިފެންސް މިނިސްޓަރ ހިޒް އެކްސެލެންސީ ރާޖްނަތް ސިންގ ވަނީ އެމް.އެން.ޑީ.އެފް އާއި ހަވާލުކުރައްވާފައެވެ. މިއުޅަނދުތަކަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ސުލްޙަ މަސަލަސްކަން ޤާއިމްކުރުމުގައި އަވަށްޓެރި ޤައުމުތަކުގެ އެއްބާރުލުން ހޯދުމާއި އެޤައުމުތަކުގެވެސް ޤާބިލްކަން ތަރައްޤީކުރުމުގެ ވިސްނުން ކުރިއަށް ނެރެގެން މަސައްކަތްކުރުމަށް އިންޑިއާ ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ކަމުގައިވާ 'ސެކިއުރިޓީ އެންޑް ގްރޮތް ފޮރ އޯލް އިން ދަ ރީޖަން (ސާގަރ)" ގެ ތެރެއިން ދެއްވާފައިވާ އުޅަނދުތަކެކެވެ.

  9. މިޒިޔާރަތުގައި، ކ. ސިފަވަރުގައި އިންޑިއާ ސަރުކާރުގެ އެހީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ބޮޑު ޕްރޮޖެކްޓް ކަމުގައިވާ ކޯސްޓްގާޑްގެ ހާބަރ އެންޑް ރިޕެއަރ ފެސިލިޓީ ކަމުގައިވާ "އެކަތަ ހާބަރ" ގެ ބިންގާ ދެ ދިފާޢީ ވަޒީރުން ވަނީ އަޅުއްވާދެއްވާފައެވެ.

  10. މިޒިޔާރަތުގައި އެމަނިކުފާނަށާއި ވަފުދުގެ ބޭފުޅުންނަށް ދެއްވި ފުރިހަމަ މެހެމާންދާރީއަށްޓަކައި އިންޑިއާގެ ޑިފެންސް މިނިސްޓަރ ހިޒް އެކްސެލެންސީ ރާޖްނާތް ސިންގ ވަނީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އަށް ޝުކުރު އަދާކުރައްވާފައެވެ.

  11. އަދި ދެ ފަރާތުންވެސް ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އަރުވައި، ކުރިއަށް އޮތް ތަނުގައި ވެސް ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކަމާއެކު ދަމަހައްޓާނެކަން ހާމަކުރައްވާފައެވެ.

  12. މިޒިޔާރަތުގެ ސަބަބުން ދެޤައުމާއި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމާއި ކުރިއެރުން ކަށަވަރުކުރުމަށް ދެޤައުމުންވެސް ދޭ އަހަންމިއްޔަތުކަމާއި ސާބިތުކަން އިތުރަށް އާވެ އާލާވެގެން ދިޔައެވެ.

މާލެ، 03 މޭ 2023