Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ރާއްޖެއާއި ސައުދީ އަރަބިއްޔާގެ ގުޅުން އިތުރަށް ވަރުގަދަކުރެވޭނެ މަގުތައް ހޯދަންޖެހޭ - މިނިސްޓަރ މާރިޔާ

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގެ 91 ވަނަ ޤައުމީ ދުވަސް ފާހަގަކުރަން ބޭއްވި ޙަފްލާގައި

މިނިސްޓްރީ އޮފް ޑިފެންސް އިދާރާ
ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާގެ ގުޅުން އިތުރަށް ވަރުގަދަކުރެވޭނެ މަގުތައް ހޯދަންޖެހޭ ކަމަށާއި، ސައުދީ އަރަބިއްޔާއިން އިޞްލާޙަށް ފަށާފައިވާ މަސައްކަތަށް ދިވެހިރާއްޖެއިން ތައުރީފުކުރާ ކަމަށް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، ސައުދީ އަރަބިއްޔާގެ 91 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ބުރާސްފަތިދުވަހުގެ ރޭ، ހޮޓެލް ޖެންގައި ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި އެކަމަނާ ވަނީ، ދެޤައުމުގެ ގުޅުމަށް 40 އަހަރު ފުރިގެންގޮސްފައިވާކަން ފާހަގަކުރައްވައި، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާއިން ދީފައިވާ އަދި ދެމުންގެންދާ އެހީތެރިކަމަށްޓަކައި، އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މިގޮތުން، ސަރުކާރުގެ ހައުސިންގ ސްކީމަށާއި، މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމުގެ މަޝްރޫޢަށާއި، ވެލާނާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަށާއި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަޝްރޫޢުގެ އިތުރުން، ކިންގް ސަލްމާން މިސްކިތް ބިނާކުރުމުގެ މަޝްރޫޢަށް ސައުދީ ސަރުކާރުން ދެއްވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ.

ހަރުކަށި ފިކުރާއި ޓެރަރިޒަމާ ދެކޮޅަށް ސައުދީ އަރަބިއްޔާއިން އިސްނަގައިގެން އުފައްދާފައިވާ ބައިނަލްއަޤްވާމީ ކޯލިޝަނުން ރިޔާދުގައި ޤާއިމްކޮށްފައިވާ ކައުންޓަރޓެރަރިޒަމް ސެންޓަރުގައި ދިވެހި ސިފައިން ޙަރަކާތްތެރިވަމުންދާއިރު، ދިވެހިރާއްޖޭގެ ނެޝަނަލް ކައުންޓަރޓެރަރިޒަމް ސެންޓަރާއި ސައުދީ އަރަބިއްޔާގެ ނާއިފް ޢަރަބް ޔުނިވަރސިޓީ ފޮރ ސެކިއުރިޓީ ސައިންސަސްއާ ގުޅިގެން ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ފާހަގަކުރައްވައި، މިނިސްޓަރ މާރިޔާ ވިދާޅުވީ، މި ފިޔަވަޅުތަކަކީ، ރައީސް ޞާލިޙްގެ ސަރުކާރުން ހަރުކަށި ފިކުރާއި ޓެރަރިޒަމާ ދެކޮޅަށް ގެންގުޅުއްވާ "ޒީރޯ ޓޮލަރެންސް ޕޮލިސީ" އަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި މިއީ ސަލާމަތީގޮތުންނާއި ދިފާޢީގޮތުން ދެޤައުމުގެ ގުޅުން ވަރުގަދަކަން ހާމަކޮށްދޭ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި އެކަމަނާވަނީ ސައުދީ އަރަބިއްޔާއިން ފަށާފައިވާ އިސްލާޙީ މަސައްކަތުގެ ދަށުން، އަންހެނުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގައި ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވައި، އެކަމަށް ތައުރީފް ކުރައްވާފައެވެ.