Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރު ކުޅުމުގެ ފުރުސަތުތައް އިތުރުކުރުމަށް ޚާއްސަ ޕްރޮގްރާމެއް ފަށައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރު ކުޅުމުގެ ފުރުސަތުތައް އިތުރުކުރުމަށް ޚާއްސަ ޕްރޮގްރާމެއް ފަށައިފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިދާރާ




ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރު ކުޅުމުގެ ފުރުސަތުތައް އިތުރުކުރުމަށް ޚާއްސަ ޕްރޮގްރާމެއް ފަށައިފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ސްޕެޝަލް އޮލިމްޕިކްސް ކޮމިޓީ އަދި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރު ކުޅުމުގެ ފުރުސަތުތައް އިތުރުކުރުމަށް ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމްގައި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި، ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިތުރުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ މި ހުޅުވާލެވިގެން ދިޔަ ފުރުސަތުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ކޮވިޑާއި ގުޅިގެން މަސައްކަތް ފަށަން ޖެހިފައިވަނީ މާލޭ ސަރަހައްދުގައި ކަމަށާއި އެހެން ނަމަވެސް ޖާގަ ލިބެމުންދާ މިންވަރަކުން އަތޮޅު ތެރެއަށް ވެސް މި ހަރަކާތް ފުޅާކުރުމަށް ހަމަޖެހިފައިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ. ހަމައެހެންމެ އެއްވެސް ފައިސާއެއް މިކަމަށް ނުނަގާނެ ކަމަށާއި މިކަން ކުރުމަށް މިނިސްޓްރީގެ ފަރާތުން ހުރިހާ އެއްބާރުލުމެއް މިކަމަށް ލިބިގެންދާނެ ކަމަށެވެ.

މައިގަނޑު ހަތަރު ކުޅިވަރެއް މިވަގުތަށް އޮތް ނަމަވެސް އެހެން ކުޅިވަރުތައް ކުޅެން އެދޭ ކުދިންނަށް ވެސް އެ ފުރުސަތު ހޯދައިދެވޭނެ ކަމަށް ވެސް މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމް، ސްވިމިންގ އެސޯސިއޭޝަން، އެތުލެޓިކްސް އެސޯސިއޭޝަން އަދި ބެޑްމިންޓަން އެސޯސިއޭޝަނާއި މޯލްޑިވްސް ޕެރަލިމްޕިކް އޮތޯރިޓީގެ އިތުރުން ސްޕެޝަލް އޮލިމްޕިކްސް ކޮމިޓީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މި ޕްރޮގްރާމްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ޔޫތު އެކަމަޑޭޝަން ބްލޮކްގައި ހުންނަ ސްޕެޝަލް އޮލިމްޕިކް ކޮމިޓީގެ އޮފީހުން ފޯމް ލިބިލައްވާނެއެވެ. އަދި އޮންލައިންކޮށް ވެސް ފޯމް ފުރުމުގެ ފުރުސަތު އޮންނާނެއެވެ. މި ޕްރޮގްރާމްގައި ރަޖިސްޓްރީވާ ކުދިންގެ ޕްރެކްޓިސްތައް ފެށުމަށް ހަމަޖެހިފައިވަނީ އެޗްޕީއޭގެ ހުއްދަ ލިބުމާއެކު އެޗްޕީއޭއިން ކަނޑައަޅާ ގައިޑްލައިންތަކެއްގެ ދަށުންނެވެ.