Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު އދގެ ޢާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތަށް ދިވެހިރާއްޖެ އިންތިޚާބުކޮށްފި

އދގެ ޢާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތަށް ދިވެހިރާއްޖެ އިންތިޚާބުކޮށްފި

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިދާރާ




އދގެ ޢާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތަށް ދިވެހިރާއްޖެ އިންތިޚާބުކޮށްފިއެވެ. ޢާއްމު މަޖިލީހުގެ ރިޔާސަތުގެ ވޯޓު އޮތީ މިއަދު، ނިއުޔޯކްގައި ހުންނަ އދގެ މައި މަރުކަޒުގައެވެ.

މި އިންތިޚާބު، ދިވެހިރާއްޖޭގެ ކެންޑިޑޭޓް، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ކާމިޔާބު ކުރެއްވީ ވޯޓުގައި ބައިވެރިވި – ޤައުމުގެ ތެރެއިން 143 ޤައުމުގެ ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. 2021 ސެޕްޓެމްބަރު 14 ގައި ފެށޭ ޢާއްމު މަޖިލީހުގެ 76 ވަނަ ދައުރުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ފަރާތުން ރިޔާސަތު ބަލަހައްޓަން ފޮރިން މިނިސްޓަރ ޝާހިދު ނޮމިނޭޓްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހްއެވެ. މިއީ އދގެ ޢާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖެއިން ކުރިމަތިލި ފުރަތަމަ ފަހަރެވެ. އަދި ދިވެހިރާއްޖެ ވެގެން މިދިޔައީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން އދގެ ރިޔާސަތު ބަލަހައްޓާ 6 ވަނަ ޤައުމަށެވެ.

އދގެ ޢާއްމު މަޖިލީހަކީ އދގެ މައިގަނޑު 6 ގުނަވަނުގެ ތެރެއިން އެއް ގުނަވަނެވެ. އަދި މިއީ ސިޔާސަތު ކަނޑައެޅުމާއި މަޝްވަރާކުރުމުގެ މައިގަނޑު ގުނަވަންވެސްމެއެވެ. އދގެ ޢާއްމު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާނީ އެމަޖިލީހުގެ ރައީސްއެވެ. އަދި އާއްމު މަޖިލީހުގެ ރައީސް، ބައިނަލްއަޤްވާމީ ބައްދަލުވުންތަކާ ސަރަހައްދީ ބައްދަލުވުންތަކުގައި އދގެ މުޅި މެމްބަރޝިޕް ތަމްސީލްކުރައްވާނެއެވެ. ދިވެހިރާއްޖެއިން އދގެ މެމްބަރު ޤައުމަކަށްވީ މިނިވަންކަން ލިބުނުތާ ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭ، 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.