Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ތަފާތު ވިސްނުންތަކާއި ޚިޔާލުތަކުގެ ތެރެއިން ދީނާއި މިނިވަންކަމާއި ޤައުމިއްޔަތުގެ އެންމެހާ ބަހާތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ހޯމް މިނިސްޓަރ ގޮވާލައްވައިފި.

ދުރުން ބޭރުން އަރައިގެން އައިސް އަޅުގަނޑުމެން އަޅުވެތިކޮށްފާނެ ބައެއްގެ ބިރަށްވުރެ މިވަގުތު އަޅުގަނޑުމެން އަޅުވެތިވެފައި މިވަނީ އިޖުތިމާއީ އަޚުލާޤީ ވަބާ ތަކަށް

މިނިސްޓްރީ އޮފް ހޯމްއެފެއާޒް ގެ ފަރާތުން
ތަފާތު ވިސްނުންތަކާއި ޚިޔާލުތަކުގެ ތެރެއިން އަޅުގަނޑުމެންގެ ދީނާއި މިނިވަންކަމާއި ޤައުމިއްޔަތުގެ އެންމެހާ ބަހާތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުالله ގޮވާލައްވައިފިއެވެ. އެމަނިކުފާން މިކަމަށް ގޮވާލެއްވީ ޤައުމީ ދުވަސް ފާހަގަކުރުމަށް އުތީމްގައި ބޭއްވި ޚާއްޞަ ޖަލްސާ މެދުވެރިކޮށް ފޮނުއްވި ޚިޠާބުގައެވެ. މިނިސްޓަރގެ ހިޠާބުގައި ވިދާޅުވީ ނޮވެލް ކޮރޯނާ ވައިރަހުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިމިވާ ހިތާމަވެރި ދަތި އުނދަގޫ ހާލަތުގައި 77 ވަނަ ޤައުމީ ދުވަހާ އަޅުގަނޑުމެން ދިވެހިން ކުރިމަތިލާ އިރު ފާހަގަކޮށްލަންޖެހޭ ބައެއް ކަންކަން އެބަހުރިކަމަށެވެ. އެގޮތުން އެމަނިކުފާން ފާހަގަކުރެއްވީ މިއަދު މި ރާއްޖޭގެ މިނިވަންކަމާއި ޤައުމިއްޔަތު މި ޖީލާހަމަޔަށް ދެމިގެން އައިސްފައި އޮތީ މިފަދަ އަދި މިއަށްވުރެ ދަތި އެތައް ހާލަތެއް މެދުވެރިވަމުންކަމެވެ. މިފަދަ ކޮންމެ ހާލަތެއްގައި ދިވެހި އެއިރުގެ ހާލަތާއި ވަގުތާ ތަންދިން ކޮންމެ ގޮތަކަށް ދިވެހި ކާބަފައިން ދިވެހިންގެ މިނިވަންކަމާއި ދިވެހި ޤައުމިއްޔަތުގެ ބަހާތައް ޙިމާޔަތްކޮށް އަޅުގަނޑުމެންގެ މި ޖީލާހަމަޔަށް ފޯރުކޮށްދެއްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން މިއަދު އަޅުގަނޑުމެން އަނެއްކާވެސް އަޒުމް ކަނޑައަޅަންވީ އެންމެ މުހިންމު ކަމަކީ އިގްތިސާދީގޮތުންނާއި އިޖްތިމާއީ ގޮތުންނާއި އަދި ސިޔާސީ މައިދާނުގައި ކުރިމަތިވަމުންއަންނަ ގޮންޖެހުންތަކާއި ބަވަނަވަމުންދާ ދުނިޔޭގައި ހިނގާ ކަންކަމުގެ އަސަރު ފޯރަމުން ދިއުމާއެކުވެސް ދިވެހީންގެ އެއްބައިވަންތަކާއި އެކުވެރިކަމާއި އަޅާލުމާއި އޯގާތެރިކާމާއި މެހެމާންދާރީ އަދާކުރުމުގެ މަތިވެރި ސިފަތައް ބީވިގެން ދިޔަނުދީ ދެމެހެއްޓުމަށްކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ ދިވެހި ޤައުމިއްޔަތުގެ އަސާސްތައް ކަމުގައި އަބަދުވެސް އަޅުގަނޑުމެން ޤަބޫލުކުރަމުން އަންނަ މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހި ބަހާއި ދިވެހި ސަޤާފަތާއި ދިވެހިންގެ ޒަމާންވީ ތަރިކައާއި ދިވެހި ޙަޟާރަތު ހިމާޔަތްކޮށް މިނިވަން މުސްތަޤިއްލު ބައެއްގެ ގޮތުގައި މި ރާއްޖެ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އަޒުމްކަނޑައަޅަން ޖެހޭކަމަށް ހޯމް މިނިސްޓަރުގެ ހިޠާބުގައި ވިދާޅުވިއެވެ. މިޒަމާނުގައި ދުނިޔެ ބަވަނަވެ ލާމެހިފައިވާ މިންވަރާއި، ދުނިޔޭގެ ހާލަތު އަންދާޒާކުރެވޭ ވަރަށްވުރެ ބާރުމިނުގައި ބަދަލުވަމުން އަންނަ އައުމާއި އަދި ދުނިޔޭގެ ޤައުމެއްގެ ގޮތުން އަޅުގަނޑުމެން ދިވެހީން މިދެންނެވި ބަދަލުތަކާއި ލޮޅުންތަކަށް ހުށަހެޅިފައިވާ މިންވަރުވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެކަންކަމާމެދު ވިސްނާލުމުން ޔަޤީންވާ ކަމަކީ މިއަދު މިޒަމާނުގައި އަޅުގަނޑުމެންގެ ދީނަށާއި މިނިވަންކަމަށާއި ޤައުމިއްޔަތަށް ކުރިމަތިމިވާ ގޮންޖެހުންތަކާއި ނުރައްކާތައް އިހުނާ އަޅާބަލާއިރު ވަރަށް ތަފާތުކަންކަމަށް ވިދާޅުވިއެވެ. 77 ވަނަ ޤައުމީ ދުވަސް ފާހަގަ ކުރަމުން ދާއިރު ޤައުމިއްޔަތަށް ދިމާވަމުން އަންނަ ބައެއް ގޮންޖެހުންތަކާމެދު ފުންކޮށް ވިސްނާ ކުރިމަތިވެފައިވާ ގޮންޖެހުންތަކާމެދު ވިސްނާ އީޖާދީ މޭރުމަކުން އެކަންކަން ހައްލުކުރަން ޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ގިނަފަހަރަށް ސަމާލުކަން ދެވެނީ މާ ދުރުން އުފެދިގެންއަންނަ ނުވަތަ އުފެދިދާނެ ގޮންޖެހުމަކާ މެދުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ގިނަފަހަރަށް އަޅުގަނޑުމެންގެ ގާތުގައި އަޅުގަނޑުމެންގެ ތެރޭގައި ފޮރުވިފައިވާ އަޅުގަނޑުމެގެ ދުޝްމަނުން އަޅުގަނޑުމެންގެ ވިސްނުމުގެ ރާޑަރަށް ގެއްލިގެންދާކަމަށެވެ. ދިވެހި ޤައުމިއްޔަތަށް މިއަދު މިޒަމާނުގައި ދިމާވެފައިވާ ބޮޑެތި ބައެއް ގޮންޖެހުން ތަކަކީ ދިވެހިންގެ މެދުގައި ވަކިން ޚާއްސަކޮށް ޒުވާނުންގެ މެދުގައި ފެތުރިފައިވާ މަސްތުވާތަކެތީގެ ވަބާއާއި، އަޅުގަނޑުމެންގެ މައުސޫމް ކުޑަކުދިންނާއި އަންހެނުންނަށް ގޭތެރޭގެ ވެށިގަ އާއި މުޖުތަމައުގައި ދިމާވަމުން އަންނަ އަނިޔާއާއި ގޯނާ އާއި ފުރައްސާރަކަން ފާހަގަކުރެއްވިއެވެ. އިސްލާމްދީނަށް ތައުހީނުކުރުމުގެ މައްސަލަތައް އަޅުގަނޑުމެންގެ ތެރޭގައި އިތުރުވަމުން އަންނަ އައުމާއި އަދި އިސްލާމް ދީނުގެ ސައްހަ އަޤީދާ ދޫކޮށް ހަރުކަށި އަނިޔާވެރި މަގަށް ލެނބޭ ޒުވާނުން އަޅުގަނޑުމެންގެ ތެރޭގައި އިތުރުވަމުން ދިއުންމަކީ ގޮންޖެހުމެއްކަމަށް ވިދާޅުވިއެވެ. މިކަން ކަމަކީ މިކަންކަން ހައްލުކޮށްގެން ނޫންގޮތަކަށް އަޅުގަނޑުމެންނަށް ތަރައްޤީއާއި ކުރިއެރުން ނުހޯދޭނެ ކަންކަންކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުاللهގެ ހިޠާބުގައި ވިދާޅުވިއެވެ. " ދުރުން ބޭރުން އަރައިގެން އައިސް އަޅުގަނޑުމެން އަޅުވެތިކޮށްފާނެ ބައެއްގެ ބިރަށްވުރެ މިވަގުތު އަޅުގަނޑުމެން އަޅުވެތިވެފައި މިވަނީ މިދެންނެވި އިޖުތިމާއީ އަޚުލާޤީ ވަބާ ތަކަށް. އެހެންކަމުން އަޅުގަނޑު އެންމެހާ ފަރާތްތަކުގެ ކިބައިން މިއެދެނީ މިކަމާމެދު ވިސްނާ ފިކުރުކޮށް މިމައްސަލަތައް ހައްލުކުރުމަކީ އަމިއްލަ ފަރުދީ، ޤައުމީ ޒިންމާއެއްކަމުގައި ޤަބޫލުކޮށްގެން އެމަގަމަށް މަސައްކަތް ކޮށްދެއްވުމަށް." މިނިސްޓަރ ވިދާޅުވިއެވެ. މި މައްސަލަތައް ޙައްލުކޮށް ދިވެހި ޤައުމިއްޔަތާއި މިނިވަން ކަން ރައްކާތެރިކޮށް ދިވެހިން އެދޭ ދިވެހިންނަށް ޙައްޤުވާ ދިރިއުޅުން ކަށަވަރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކުރައްވަމުންގެންދަވާ މަސައްކަތް ޕުޅު މިނިސްޓަރ ޢިމްރާން ފާހަގަކުރެއްވިއެވެ.