Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު މިނިސްޓަރ މާރިޔާ "ވިޔަވަތި ރާއްޖެ" ކޮންފަރެންސް ގައި ވާހަކަފުޅު ދައްކަވައިފި

"ހައްދުފަހަނަ އަޅައިދިޔުމާއި ހަރުކަށި ފިކުރަކީ ދިވެހިންގެ މާތް އަސާސީ ސިފަތަކާ ބީރައްޓެހި ކަންކަން" - މިނިސްޓަރ

މިނިސްޓްރީ އޮފް ޑިފެންސް ގެ ފަރާތުން




ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާއެކު ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށްދިޔަ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ބައިވެރިވެވަޑައިގަންނަވައިފިއެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭގޮތުން، "ވިއަވަތި ރާއްޖެ" ކޮންފަރެންސްގެ 2 ވަނަ ދުވަހު ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގެ ރިޔާސަތު ބަލަހައްޓަވަމުން، މިނިސްޓަރ މާރިޔާ ވިދާޅުވީ، ވަޔަލެންޓް އެކްސްޓްރީމިޒަމް އެންޑް ރެޑިކަލައިޒޭޝަން ނުވަތަ ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައިދިޔުމަކީ، ޒަމާނުއްސުރެ ދިވެހިންގެ ކިބައިގައި އަށަގެންފައިވާ މާތް، އަސާސީ ސިފަތައް ކަމުގައިވާ މެދުމިން އިޚްތިޔާރުކުރުމާއި، ޞުލްޙަޔާއި އަމާންކަމަށް ލޯބިކުރުމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމާ ބީރައްޓެހި ކަންކަން ކަމަށެވެ.

މިނިސްޓަރ މާރިޔާ ވަނީ، ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙާ އެކީ ކައުންސިލްތަކަށް ލިބިގެންދިޔަ ބާރާއި ބަޖެޓުގެ ބޭނުންކޮށްގެން، ރަށްރަށުގައި ވަޒީފާއެއް ނެތި އުޅޭ މީހުން ބާކީނުކޮށް، ރަނގަޅު ފުރުޞަތުތައް ފަހިކޮށްދީ، ހަރުކަށި ފިކުރާ ދިމާއަށް އެމީހުން ދިޔަ ނުދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކައުންސިލްތަކުން ކުރުމަށް އެދިވަޑައިގެންފައެވެ.

ޕެނަލް ޑިސްކަޝަންގައި މިނިސްޓަރ މާރިޔާ ވަނީ، ހަރުކަށި ފިކުރު ހުންނަ މީހުން ދެނެގަތުމަށްޓަކައި ކަމާބެހޭ އިދާރާތަކުން އެކުލަވާލާފައިވާ ގައިޑްލައިން ކައުންސިލަރުންނާ ހިއްސާކުރައްވާފައެވެ.

މި ޕެނަލް ޑިސްކަޝަންގައި މިނިސްޓަރ މާރިޔާގެ އިތުރުން، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ﷲޢަބްދު އާއި، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ﷲޢަބްދު ޝަމާލާއި، އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.