Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ކޮމަންވެލްތް ޔޫތް ޓެކް އެންޑް އޭ.އައި ލީޑަރސް ސަމިޓް ގައި މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ބައިވަރިވެވަޑައިގަންނަވައިފި

ކޮމަންވެލްތް ޔޫތް ޓެކް އެންޑް އޭ.އައި ލީޑަރސް ސަމިޓް ގައި މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ބައިވަރިވެވަޑައިގަންނަވައިފި

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޯލޮޖީ ގެ ފަރާތުން
ކޮމަންވެލްތްގެ ފަރާތުން ބޭއްވި ޔޫތް ޓެކް އެންޑް އޭ.އައި ސަމިޓް ގައި މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ވަނީ މިއަދު ބައިވެރިވެވަޑައިގަންނަވާފައެވެ. މި ބައްދަލުވުމުގައި ނިއުޒިލޭންޑްގެ ކުރީގެ ޕްރައިމް މިނިސްޓަރ ރައިޓް އޮނޮރަބްލް ސަރ ޖޯން ކީ، ބުރުނައިގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އޮނޮރަބްލް މުއްތަލިބް ޔޫސުފް، ސައިޕްރަސްގެ ޑެޕިއުޓީ މިނިސްޓަރ އޮފް ރިސާޗް، އިނޮވޭޝަން އެންޑް ޑިޖިޓަލް ޕޮލިސީ އޮނޮރަބްލް ކައިރިއަކޮސް ކޮއްކިނޮސް އަދި ގްލޯބަލް ޕޮލިސީ އިންސައިޓްސްގެ ކޯ ފައުންޑަރ، އެގްޒެކެޓިވް ޕްރެޒިޑެންޓް / އޭ.އައި ޕޮލިސީ ލެބްގެ ފައުންޑަރ، ޑިރެކްޓަރ އުދޭ ނަގަރާޖޫ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ބައެއް މުހިއްމު ކަންތައްތަކަށް އަލިއަޅުވާލެއްވިއެވެ. މިގޮތުން ފާއިތުވި 10 އަހަރު ތެރޭގައި އަރޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އާއި މެޝިން ލަރނިންގ ކުރިއަރައިގެން އައިސްފައިވާ ކަމާއި، މި ޓެކްނޯލޮޖީތައް އުފެދިގެން އައިސްފައިވަނީ މީގެ ބައި ގަރުނު ކުރީގައި ކަމުގައި ވީ ނަމަވެސް މި ދާއިރާތަކުން މިހާރު ވުޖޫދުވެގެން އައިސްފައިވާ ކަންކަމުން މުޖުތަމައަށް ފައިދާ އަދި އޭގެ ނޭދެވޭ އަސަރުވެސް ކޮށްފައިވާކަމަށް ފާހަގަކޮށްލެއްވިއެވެ. އޭ.އައިގެ ދާއިރާ ކުރިއަރަމުންދާ ހަލުވިމިނާއި އެއްވަރަށް ދަތުރުކުރަން ސަރުކާރަށާއި މުޖުތަމައަށް މިވަނީ ގޮންޖެހުމަކަށްވެފައި ކަމަށްވެސް ފާހަގަކުރެއްވިއެވެ. މިގޮތުން ޕްރައިވެސީ އާއި އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންހެޖިފައިވާ ކަމާއި، އޭ.އައި އިން އިންސާނުންނަށް ކުރިން ހޯދަން އުދަގޫ މައުލޫމާތުތައް ފަސޭހައިން ހޯދައިގަނެވޭ ކަމާއި، މި މައުލޫމާތުގެ ބޭނުން ނޭދެވޭ ގޮތުގައި ކުރެވޭ ކަމަށްވެސް ފާހަގަކޮށްލެއްވިއެވެ. އަދި މިގޮތަށް ކުރެވޭ ކަންތައްތަކުގައި އާމުންނާއި ސަރުކާރުންވެސް އެއީ މެޝިންގެ މައްސަލައެއް ކަމަށް ހަދައި މައްސަލަތައް އޮށްބާލާކަމުގައި ފާހަގަކުރައްވާފައިވެއެވެ. މިހެންކަމުން މިއަދު އަޅުގަނޑުމެން މި މެޝިންތަކުގައި "އެތިކަލް" އަދި "މޯރަލް" އުސޫލަތައް އަށަގަނުވަންޖެހޭކަމަށް ވިދާޅުވިއެވެ. ރިސާޗް ހޯދުންތަކަށް ބަލާއިރުވެސް އޭ.އައި މޮޑެލްތައް އިންސާނުންގެ ޖިންސު، ދަރިފަސްކޮޅު އަދި ޤައުމަށް ބަލައި އިންސާނުންގެ މެދުގައި ތަފާތުރުކުރުން އުފެދޭގޮތަށް މަސައްކަތްކުރާ ކަމަށް ވަނީ ފާހަގަކުރެވިފައެވެ. އެމޭޒަން އިން އޭ.އައި ބޭނުންކޮށްގެން މުވައްޒަފުން ނެގުމުގައި އޭ.އައި އިން އަންހެނުން ތަފާތުކުރުން އެއީ މީގެ މިސާލެއް ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސަތޭކައަށް ވުރެން ގިނަ ކުންފުނިތަކާއި މުއައްސަސާތަކުން އޭއަ.އި ރެގިއުލޭޓް ކުރުމަށް ޤަވާއިދުތައް ކަނޑައަޅާފައިވި ކަމުގައި ވީނަމަވެސް މި ރެގިއުލޭޓަރީ ފްރޭމްވޯކުތަކުގައި އޭ.އައި ކުރިއަރަމުންދާ މިންވަރާ އަޅާ ބަލާއިރު ވަރަށް ގިނަ އުނި ކަންތައްތައް ހިމެނޭ ކަމަށް މިނިސްޓަރ ފާހަގަކޮށްލެއްވިއެވެ. މީގެ އިތުރުން އޭ.އައިގެ ސަބަބުން ކުރިމަތިވާ މައްސަލަތަކާއި ބެހޭ ތައުލީމީ ހޭލުންތެރިކަން ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ދެވިފައި ނެތުން އެއީ މިފަދަ މައްސަލަތައް ހައްލުކުރަން ދަތިވާ ސަބަބެއް ކަމުގައި ވިދާޅުވިއެވެ. ގިނަ ފަހަރު އޭ.އައި އާއި ގުޅޭ ޤާނޫނާއި ޤަވާއިދު ތަންފީޒުކުރުމުގައި މަސައްކަތްކުރާ މީހުންނަށް އޭ.އައި އާއި ބެހޭ އެންމެ ފުރިހަމަ މައުލޫމާތު ނޭނގޭކަމަށްވެސް ފާހަގަކުރެއްވިއެވެ.

އޭ.އައި އެތިކްސް އާއި ބެހޭ ނޭޝަނަލް އަދި ސަބްނޭޝަނަލް ޕޮލިސީ ކަރުދާސްތައް ކިތަންމެ ގިނަކަމުގައި ވީނަމަވެސް ދިވެހިރާއްޖެ ފަދަ ކުޑަ ޖަޒީރާ ޤައުމެއްގެ ކަންބޮޑުވުންތަކުގައި ގޮތް ކަނޑައެޅިފައި މިފަދަ ޕޮލިސީތަކުގައި ނުވެއެވެ. އެހެންކަމުން ރާއްޖޭގެ މާހައުލާއި ގުޅޭ މިފަދަ ޕޮލިސީ ޕްރޭމްވޯކް އެއް ހެދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް މިނިސްޓަރ ހިއްސާކުރެއްވިއެވެ.

ކޮވިޑް-19ގެ މި ހާލަތުގައިވެސް އާއްމުންގެ ސިއްހީ ހާލަތާއި ޒައަތީ މައުލޫމާތު ރައްކާތެރިކުރުން ވަރަށް މުހިއްމުވެފައިވާކަން މިނިސްޓަރ ވިދާޅުވިއެވެ. އޭ.އައިގެ އެހީގައި މުޖުތަމައަށް މަންފާ ހުރި ކަންތައްތައްވެސް ކުރެވެން އެބަހުރި ކަމަށް މި މޭރުމުން ވާހަކަދައްކަވަމުން މިނިސްޓަރ ފާހަގަކޮށްލެއްވިއެވެ. މިގޮތުން ދިވެހިރާއްޖޭގެ ސަރުކާރުން އޭ.އައިގެ އެހީގައި ހަކުރު ބަލީގެ ހައި ރިސްކް ޕޭޝަންޓުން ފަސޭހައިން ހޯދޭނެ ގޮތުގެ މުހިއްމު މަސައްކަތް ފަށާފައިވާކަން ހިއްސާކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ސަރުކާރުން ކުރިއަރަމުންދާ ޓެކްނޯލޮޖީތަކަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިގޮތުން އޭ.އައި އާއި މެޝިން ލަރނިންގ އަށް ހާއްސަކޮށްގެން 2 ޓްރެއިނިންގ މަރުކަޒު ޤާއިމު ކުރުމަށް ރާއްޖޭގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ތަނުގައި ދިވެހިރާއްޖޭގެ ކުރިއެރުމަށް އޭ.އައިގެ ދައުރު ވަރަށް މުހިއްމު ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ރައްކާތެރިކަމުން ފެށިގެން ހަކަތައިގެ ބޭނުންތަކަށްވެސް މި ޓެކްނޯލޮޖީ މުހިއްމު ކަމާއި މޫސުމަށް އަންނަ ބަދަލުތަކުގައިވެސް އޭ.އައި ފަދަ ޓެކްނޯލޮޖީތަކުގެ އެހީގައި ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރެވިދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު އޭ.އައި ހަލުވިކަމާއެކު އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައި ބޭނުންކުރެވޭ އެއްޗަކަށް ވަމުން އެބަދެއެވެ. މިނިސްޓަރ ގެ އުއްމީދަކީ އޭ.އައިގެ އެހީގައި އާއްމު މީހާގެ އަޑު ހަރުވެ، އިންސާނީ ހައްގުތަކުގެ އިމުގެ ތެރެއިން އޭ.އައިގެ ޙިދުމަތްތައް ފޯރުކޮށްދެވިގެންދިއުމެވެ. މި އުއްމީދު ހާސިލްކުރުމަށް މިވަގުތު ގޮންޖެހުންތައް ހުރިކަމުގައި ވީނަމަވެސް އެންމެން ގުޅިގެން މި އުއްމީދަށް ވާސިލިވުމަށް މަސައްކަތް ކުރަން ޖެހިފައިވާކަމަށް މިނިސްޓަރގެ ވާހަކަ ކުރުކޮށްލަމުން ފާހަގަކޮށްލެއްވިއެވެ.