Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ދިވެހިރާއްޖެއަށް ގުޅާލެވޭ ސަބްމެރިން ކޭބަލްތަކުގެ ޑައިވަރސިޓީ އިތުރުކުރަންޖެހޭ

ދިވެހިރާއްޖެއަށް ގުޅާލެވޭ ސަބްމެރިން ކޭބަލްތަކުގެ ޑައިވަރސިޓީ އިތުރުކުރަންޖެހޭ

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޯލޮޖީ ގެ ފަރާތުންޑަބްލިއު.އެސް.އައި.އެސްގެ 2020ވަނަ އަހަރުގެ މިނިސްޓީރިއަލް ރައުންޑް ޓޭބަލްގައި މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް މިއަދު ބައިވެރިވެވަޑައިގަންނަވައިފިއެވެ. މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ސައިންސް، ޓެކްނޯލޮޖީ އަދި ކޮމިއުނިކޭޝަން ދާއިރާގެ މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ޗެއަރމަން/މޮޑަރޭޓަރުގެ ހައިސިއްޔަތުން އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން (އައި.ޓީ.ޔޫ)ގެ ސެކްރެޓަރީ ޖެނެރަލް ހޫލިން ޒައު ބައިވެރިވެވަޑައިގެންނެވިއެވެ.

ޑަބްލިއު.އެސް.އައި.އެސްގެ ފަރާތުން ބޭއްވޭ މި ބައްދަލުވުމުގައި އައި.ސީ.ޓީ ވެއްޓެއް ޤާއިމުކުރުމަށް ކުރެވިފައިވާ މަސައްކަތްތަކާއި، ދިމާވެފައިވާ ގޮންޖެހުންތަކާއި، ދުނިޔޭގެ އެކި ޤައުމުތަކުގެ ބްރޯޑްބޭންޑް ޑިވައިޑް ކުޑަކޮށް، ހަރުދަނާކުރުމަށްޓަކައި ކުރެވެން ހުރި މަސައްކަތްތަކަށް އަލިއަޅުވާލެވުނެވެ. އަދި އައި.ސީ.ޓީ ދާއިރާގެ ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ކޮންމެ ޤައުމެއްގެވެސް ސަރުކާރުން ހަރުދަނާ އައި.ސީ.ޓީ ސްޓްރެޓެޖީއެއް ޤާއިމުކުރުމުގެ މުހިއްމު ކަމަށްވެސް އަލިއަޅުވާލެވުނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ދިވެހިރާއްޖޭގެ އައި.ސީ.ޓީ ދާއިރާ އާއި ބެހޭ މުހައްމު މައުލޫމާތުތައް ހިއްސާކުރެއްވިއެވެ. މިގޮތުން ދުނިޔެއަށް މިވަގުތު ދިމާވެފައި މިވާ ކޮވިޑް-19ގެ ހާލަތުގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، އުނގެނުމާއި، މަސައްކަތްކުރާ ގޮތް މިއަދު ބަދަލުކުރަން މަޖުބޫރުވެ، ޓެކްނޯލޮޖީގެ ދައުރު ކުރީ ސަފަށް ގެނެސްފިކަން ފާހަގަކޮށްލެއްވިއެވެ. އިންސާނުންގެ ކުރިއެރުމަށް ޑިޖިޓަލް ކަނެކްޓިވިޓީ މިއަދު މިވަނީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗަކަށްވެފައެވެ. މީގެ ސަބަބުން ޑިޖިޓަލް ޑިވައިޑު މިވަނީ ދިވެހިރާއްޖޭގައި ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވިފައެވެ. ދިވެހިރާއްޖެ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް ބިނާވެފައި އޮތް އޮތުމަކީ ކޮވިޑް-19ގެ މި ހާލަތުގެ ނަސީބެއްކަމުގައި ވީ ނަމަވެސް އެކަމުގެ ސަބަބުން ޑިޖިޓަލް ޑިވައިޑްގެ މައްސަލަ ހައްލުކުރުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އާއި ދިމާލަށް ދަތުރު ފެށިގެން އައި ގޮތާއި މިހާރު އޮތް ހިސާބު މިނިސްޓަރ ހިއްސާކުރެއްވިއެވެ. މިގޮތުން 1996ގައި އިންޓަރނެޓްގެ ޙިދުމަތް ތައާރަފް ވެގެންދިޔަކަމާއި، މޯބައިލް ޓެލެފޮނީ އަދި ޔުނިވަރސަލް ޓެލެފޮނީގެ ޙިދުމަތްވެސް 90ގެ ފަހުކޮޅު ފޯރުކޮށްދެވިގެންދިޔަ ކަމަށް ވިދާޅުވިއެވެ. އެއާއި އެކު 2000ވަނަ އަހަރު ޓެލެކޮމް ސެކްޓަރ ފުޅާވެ 2003ވަނަ އަހަރާއި، 2005ވަނަ އަހަރު 2 އައި.އެސް.ޕީއެއްގެ ޙިދުމަތް ރާއްޖޭގައި ދެވެންފެށިކަމަށް ފާހަގަކޮށްލެއްވިއެވެ.

2010ވަނަ އަހަރާއި ހަމަޔަށް އާދެވުނުއިރު ކުޑަ ރަށްތަކުގައި ކުރިމަތިވެފައި އޮތް ކަނެކްޓިވިޓީ މައްސަލަ ހައްލުކުރެވި އިންޓަރނޭޝަނަލް ގޭޓްވޭ ސެޓެލައިޓްއިން ސަބްމެރިން ކޭބަލް އަށް ބަދަލުކުރެވުނުކަމާއި، ބޭރުގެ 2 ސަބްމެރިން ކޭބަލް އެއް އެޅި އަމިއްލަ ސަބްމެރިން ކޭބަލް އެއްވެސް އެޅިގެންދިޔަ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި 3ޖީ އިންޓަރނެޓް އާއި އޭ.ޑީ.އެސް.އެލް ބްރޯޑްބޭންޑްގެ ޙިދުމަތް ކާމިޔާބު ކަމާއިއެކު ފޯރުކޮށްދެވެންފެށިކަމާއި، 2010ވަނަ އަހަރުން ފެށިގެން ބްރޯޑްބޭންޑް ސަރވިސް އިތުރަށް ޙަރުދަނާ ކުރުމަށް މަސައްކަތް ކުރެވުނުކަމާއި، މިގޮތުން 2015ވަނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށްތަކަށް 3ޖީ މޯބައިލް ބްރޯޑްބޭންޑްގެ ޙިދުމަތް ފޯރުކޮށްދެވުނުކަމާއި، 2017ވަނަ އަހަރުގެ ނިޔަލަށް 4ޖީ / އެލް.ޓީ.އީ ކަވަރޭޖު ދެވެންފެށިކަމަށް ފާހަގަކޮށްލެއްވިއެވެ. މީގެ އިތުރުން 2015ގައި ގޭގެއަށް ފައިބަރ ބްރޯޑްބޭންޑް ޙިދުމަތް ފޯރުކޮށްދެވެން ފެށިކަމާއި މިއަދު ރާއްޖޭގެ 75 އިންސައްތަ މީހުންނަށް އެ ޙިދުމަތް ފޯރުކޮށްދެވިފައިވާކަމަށް ވިދާޅުވިއެވެ. އަދި 2019ގައި 5ޖީ ތައާރަފްކުރެވިގެންދިޔަކަމަށްވެސް ފާހަގަކުރެއްވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން މިއަދު މިވަނީ ޑިޖިޓަލް އިކޮނޮމީއެއްގެ މުހިއްމުކަން އަޅުގަނޑުމެންނަށް އިހުސާސްކޮށްދީފައިކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޤައުމުގެ ރައްޔިތުންނަށް ޙިދުމަތްކުރުމުގައި އާއި ސަރުކާރުގެ ޙިދުމަތްތައް ހަރުދަނާކުރުމަށް ޑިޖިޓަލް ޓްރާންސްފޮމޭޝަން ވަރަށް މުހިއްމު ކަމާއި، މިއަދު ޑިޖިޓަލް އިކޮނޮމީއެއްގެ ދެމެހެއްޓެނިވި ތަރައްޤީ އާއި ކުރިއެރުމަށް ޑިޖިޓަލް ސަރުކާރެއްގެ ރޯލު ވަރަށް މުހައްމުކަމަށް ވިދާޅުވިއެވެ. އައި.ޓީ.ޔޫގެ ދިވެހިރާއްޖޭގެ އައި.ސީ.ޓީ ޑިވޮލޮޕްމަންޓް އިންޑެކްސް އަކީ 5.25އެވެ. ގިނަ ގޮންޖެހުންތަކާއި ދިމާވެފައި އޮތް ޤައުމެއް ކަމުގައި ވީ ނަމަވެސް ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު ރާއްޖޭ ވަނީ އެންމެ ކުރީގައި ކަމަށް މިނިސްޓަރ ބަޔާންކުރެއްވިއެވެ.

21ވަނަ ޤަރުނުގެ ރައްޔިތުންގެ އުއްމީދުތައް ފުރިހަމަކުރުމަށްޓަކައި ޑިޖިޓަލް ޓްރާންސްފޮމޭޝަން އަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ މަގު ހޯދަން ޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން ކޮލިޓީ ނެޓްވޯކު ކަވަރޭޖް އާއި، އައި.ސީ.ޓީ ލީގަލް ފްރޭމްވޯކް އާއި، ސަބްމެރިން ކޭބަލްތަކުގެ ޑައިވަރސިޓީ އިތުރުކުރަންޖެހިފައިވާ ކަމަށް މިނިސްޓަރ ވާހަކަކޮޅު ނިންމާލުމުގެ ކުރިން ފާހަގަކުރެއްވިއެވެ.