Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު އެމްއެންޑީއެފްގެ ކޮމާންޑަރސް ކޮންފަރެންސްގެ އިފްތިތާޙީ ޖަލްސާގައި މިނިސްޓަރ އޮފް ޑިފެންސް ވާހަކަފުޅު ދައްކަވައިފި

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) ގެ ކޮމާންޑަރސް ކޮންފަރެންސްގެ އިފްތިތާޙީ ޖަލްސާގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވާހަކަފުޅު ދައްކަވައިފިއެވެ.

މިނިސްޓްރީ އޮފް ޑިފެންސް ގެ ފަރާތުން
މިއަދު ހެނދުނު، އެމްއެންޑީއެފްގައި ބޭއްވި މި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި، ކޮމާންޑަރސް ކޮންފަރެންސް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، އިބްރާޙިމް މުޙައްމަދު ޞާލިޙެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ މާރިޔާ ވިދާޅުވީ، މިފަދަ މުހިންމު ކޮންފަރެންސެއްގެ އަމާޒަކަށް ވާންވާނީ، ހަމައެކަނި ކޮމާންޑަރުންނަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، އެގޮންޖެހުންތަކަށް ޙައްލެއް ހޯދުމަށްޓަކައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ނަތީޖާ ނެރުމަށް ވީހާވެސް ބޮޑު އިސްކަމެއް ދިނުން ކަމަށެވެ. މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި އެކަމަނާ ވަނީ، ވޭތުވެދިޔަ 1 އަހަރުދުވަހުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ އަދި ކޮމާންޑަރ-އިން-ޗީފް އިބްރާޙިމް މުޙައްމަދު ޞާލިޙުގެ އިރުޝާދާއި ލަފާފުޅުގެ ދަށުން، ދިވެހި ޤައުމީ ދިފާޢީ ބާރަށް އައިސްފައިވާ ކުރިއެރުންތަކުގެ މައްޗަށް ބައްލަވާލައްވާފައެވެ. އަދި ދިވެހި ސިފައިންނަކީ "ޕްރޮފެޝަނަލް"، ޤާބިލް އަދި ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ލިބިފައިވާ ހަރުދަނާ ބަޔަކަށް ހެއްދެވުމަށާއި، ރައްޔިތުންނާއި ފުރާނަޔާއި މުދާ ސަލާމަތްކުރުމުގައި ސިފައިންނަކީ ނުހަނު ޒިންމާދާރު ބައެއްކަން ދެނެވަޑައިގެން، ސިފައިންގެ ތަރައްޤީއާ ގުޅޭ އެންމެހާ ކަންކަން ނުހަނު ގާތުން ބައްލަވަމުން ގެންދަވާތީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބޭރުގެ ސަފީރުންނާއި އިއްޒަތްތެރިންނަށްވެސް މިނިސްޓަރ މާރިޔާ ވަނީ ޝުކުރުއަދާކުރައްވާފައެވެ. މި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރ އޮފް ޑިފެންސް އިތުރުން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް ޢަބްދުﷲ ޝާހިދާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން ޢަބްދުﷲ އާއި އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހިމް ރިފްޢަތާއި، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ބައިވެރިވެވަޑައިގެންނެވިއެވެ.