Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު މިނިސްޓަރ އޮފް ޑިފެންސް އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި، މިއަދު ހެނދުނު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

މިނިސްޓްރީ އޮފް ޑިފެންސް ގެ ފަރާތުން
އިންޑިޔާ ސަރުކާރުގެ ދަޢުވަތަކަށް، މިމަހުގެ 3 އިން 8 އަށް ކުރެއްވި މި ދަތުރުފުޅުގައި، މިނިސްޓަރ މާރިޔާ ވަނީ އިންޑިޔާގެ މިނިސްޓަރ އޮފް ޑިފެންސް ރާޖްނާތު ސިންގާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ދެބޭފުޅުންވަނީ ދިވެހިރާއްޖެއާއި އިންޑިޔާ އާ ދެމެދު، ދިފާޢީ އަދި އަސްކަރީ ރޮނގުން އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން، ނުރައްކާތެރި ޙާލަތްތަކުގައި ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ބޭނުންކުރާ ޕްރޮޓެކްޓިވް ގިއަރ، ދިވެހި ޤައުމީ ދިފާޢީ ބާރުގެ ސިފައިންނަށް އިންޑިޔާއިން ފޯރުވައިދިނުމާ ބެހޭގޮތުން ދެބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ. އަދި ނޮވެލް ކޮރޯނާ ވައިރަސް ފެތުރެމުންދާ ޗައިނާގެ ވޫހާންގައި ތިބި ދިވެހިން އިވެކުއޭޓް ކުރުމުގައި އިންޑިޔާ ސަރުކާރުން ވެދެއްވި އެހީތެރިކަމަށްޓަކައި، އެޤައުމުގެ ސަރުކާރަށް މިނިސްޓަރ މާރިޔާ ވަނީ ޝުކުރުއަދާކުރައްވާފައެވެ. އިންޑިޔާއިން ކުރި ޓެސްޓުތަކުން ހާމަވާގޮތުގައި، މިހާތަނަށް ކޮރޯނާ ވައިރަސްއަށް އެއްވެސް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ. މި ދަތުރުފުޅުގައި، މިނިސްޓަރ މާރިޔާ ވަނީ އިންޑިއާ އަސްކަރިއްޔާގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރާވަތާވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި، ދެޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، މިނިސްޓަރ މާރިޔާ ވަނީ އިންޑިޔާގެ އަސްކަރިއްޔާގެ މެޑިކަލް ކޯގެ އިސް ޖެނެރަލުންނާއި ޑޮކްޓަރުންނާ ބައްދަލުކުރައްވާ، ނޮވެލް ކޮރޯނާ ވައިރަސްއާ ގުޅިގެން ޤާއިމްކުރާ އައިސޮލޭޝަން ސެންޓަރުންތައް ހިންގުމާ ބެހޭ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރސް (އެސްއޯޕީސް) އާ ބެހޭގޮތުންނާއި، ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ މީހުން އިވެކުއޭޓް ކުރުމުގައި ޙަރަކާތްތެރިވާ އެމްއެންޑީއެފްގެ ސިފައިންނަށް ޕްރޮޓެކްޓިވް ގިއަރ ހޯދުމާ ބެހޭގޮތުންނާއި، ސެނަހިޔާ ހޮސްޕިޓަލަށް އެހީތެރިކަން ފޯރުވައިދިނުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، މިނިސްޓަރ މާރިޔާ ވަނީ އިންޑިޔާގެ ލަކްނައުގައި އޮތް ޑިފެންސް އެކްސްޕޯގައި ބައިވެރިވެވަޑައިގެންފައެވެ. އިންޑިޔާގެ އެންމެ ފަހުގެ ދިފާޢީ އަދި އަސްކަރީ އުފެއްދުންތައް އެއްތަނަކުން ފެންނަ މި އެކްސްޕޯގެ ސްޓޯލްތަކަށް އެކަމަނާ ވަނީ ޒިޔާރަތްކުރައްވާފައެވެ. މި ދަތުރުފުޅުގައި، އިންޑިޔާގެ ތިން ޗެނަލަކަށް މިނިސްޓަރ މާރިޔާވަނީ ބަސްދީގަތުމެއް ދެއްވާފައެވެ. ދޫރުދަރްޝަން އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެކަމަނާ ވިދާޅުވީ، ވޭތުވެދިޔަ އަހަރަކީ ދިފާޢީ އަދި އަސްކަރީ ރޮނގުން ދެޤައުމަށް ވަރަށް ކާމިޔާބު އަހަރެއް ކަމަށާއި، ދެޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ވަރުގަދަކުރުމުގައި ދެޤައުމުގެ ވިސްނުން އެއްގޮތްކަމަށެވެ. ވިއޯން ނިއުސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، މިނިސްޓަރ މާރިޔާ ވަނީ، އެކަމަނާ އިންޑިޔާއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި، މިދިޔަ ޑިސެމްބަރުމަހު، އިންޑިޔާއިން ރާއްޖެއަށް ހަދިޔާކުރި "ސީޖީއެސް ކާމިޔާބު" ފަދަ އިތުރު އުޅަނދެއް ހޯދުމަށް ރާއްޖެއިން ޝައުޤުވެރިވާކަން އިންޑިޔާ ސަރުކާރާ ހިއްސާކުރައްވާފައިވާނެ ކަމަށެވެ. އަދި އިންޑިޔާ ސަރުކާރުގެ ފަރާތުން އެކަމަށް "ޕޮޒިޓިވް ސިގްނަލެއް" ލިބިވަޑައިގެންފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. ސްޓްރެޓްނިއުސް ގްލޯބަލްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، މިނިސްޓަރ މާރިޔާ ވިދާޅުވީ، ރާއްޖެއިން އެދެފި ކޮންމެ ކަމެއްގައި އެއްބާރުލުން ދޭން އިންޑިޔާއިން އޮންނަނީ ތައްޔާރަށް ކަމަށާއި، ނިމިގެންދިޔަ ޑިފެންސް އެކްސްޕޯގައި ފެނުނު ޑްރޯން ޓެކްނޮލޮޖީ ފަދަ މޮޅު އުފެއްދުންތައް ރާއްޖޭގެ ކަނޑުތަކުގައި ބޭނުންކުރުމަށް ރާއްޖެއިން ޝައުޤުވެރިވާކަމަށެވެ. މި ދަތުރުފުޅުގައި، މިނިސްޓަރ މާރިޔާގެ އަރިހުގައި، އެމްއެންޑީއެފްގެ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދާއި، ކާނަލް ޢަބްދުލް މަތީން އަޙްމަދާއި، ލެފްޓިނަންޓް ކާނަލް ހަސަން ޝާހިދުގެ އިތުރުން، އިންޑިޔާ ސަރުކާރުގެ ދަޢުވަތަކަށް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މެންބަރު، ހުސައިން ޝަހީމް ބައިވެރިވެވަޑައިގެންނެވިއެވެ.