Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ޗައިނާ ސަފީރުގެ ވަދާއީ ހަފްލާގައި މިނިސްޓަރ ޝާހިދު ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެންފި

އެމްބެސެޑަރ ޖަންގް ލިޖޮންގްއަކީ ދިވެހިރާއްޖޭގައި ޗައިނާގެ އެމްބަސީއެއް 2011 ގައި ހުޅުވިފަހުން ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި 3 ވަނަ ސަފީރެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިދާރާ
ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޖަންގ ލިޖޮންގްގެ ސަފީރުކަމުގެ ދައުރު ފުރިހަމަކުރެއްވުމާ ގުޅިގެން ބޭއްވި ވަދާއީ ހަފްލާގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެންފިއެވެ.

ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ޗައިނާއާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެއްވި މަސައްކަތަށާއި، ޗައިނާ ސަރުކާރުގެ އެހީގައި ދިވެހިރާއްޖޭގައި ހިންގުނު އެތަކެއް މަޝްރޫތަކަށް ދެއްވި އެއްބާރުލުމަށް އެމްބެސެޑަރ ލިޖޮންގްއަށް ޝުކުރުދަންނަވާފައެވެ.

އެމްބެސެޑަރ ލިޖޮންގްއަކީ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް ކޯރގައި ވަރަށް ހަރަކާތްތެރި ބޭފުޅެއްކަމާއި، ބައިނަލްއަގުވާމީ މައްސަލަތަކުގައިއާއި، ޚާރިޖީގޮތުން ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހިކުރުމަށް ދިވެހި ސަރުކާރާއި ވަރަށް ގާތުން ގުޅިގެން މަސައްކަތްކުރެއްވި ބޭފުޅެއްކަމަށް މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ފާހަގަކުރައްވިއެވެ. އަދި އެމްބެސެޑަރ ލިޖޮންގގެ މަސައްކަތް ދިވެހިން ހަނދާން ހުންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެމްބެސެޑަރ ޖަންގް ލިޖޮންގްއަކީ ދިވެހިރާއްޖޭގައި ޗައިނާގެ އެމްބަސީއެއް 2011 ގައި ހުޅުވިފަހުން ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި 3 ވަނަ ސަފީރެވެ. އެމަނިކުފާނު ސަފީރުކަމާއި ހަވާލުވީ އޮގަސްޓް 2017 ގައެވެ.

ޗައިނާ އެމްބަސީއިން އިންތިޒާމުކުރި ވަދާއީ ހަފްލާގައި ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ޑިޕްލޮމެޓިކް ކޯރގެ މެމްބަރުން، އަދި ސަރުކާރާއި ޕްރައިވެޓް ސެކްޓަރގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.