Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު މިއަހަރުގެ ރާއްޖޭގެ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި، މިނިސްޓަރ ޒަހާ ވަހީދު ދެއްވި ޚިޠާބު

-

މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ ފަރާތުން




بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

އެންމެހާ ނިޢުމަތްތަކުގެ ވެރި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާ ޝުކުރު ކުރަން. އެނިޢުމަތްތައް އެންމެ ފައިދާ ހުރިގޮތުގައި ބޭނުން ކުރަން ދަސްކޮށް ދެއްވި ކައުއިތުރު ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިޙިވައްސަލަމް އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަން. އަދި މިޞަލަވާތުގައި އެކަލޭގެފާނުގެ އިތުރު އާލުންނާއި، މިތުރު ޞަޙާބީން ޝާމިލް ކުރަން.

މިއަހަރުގެ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހީވާގި ދަނޑުވެރިންނާއި ދަނޑުވެރި ޢާއިލާތަކަށް ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުމަކީ އަޅުގަނޑަށްލިބޭ ނުހަނު ބޮޑު އުފަލެއް. މި މުނާސަބަތުގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުންނަށާއި ދައުލަތުގެ އެންމެހާ ވެރިންނާ އަދި ލޮބުވެތި ރައްޔިތުންނަށް، ދުވަހުގެ ހެޔޮއެދުމާއި ތަހްނިޔާ އަރިސްކުރަން.

މިއަހަރުގެ ދަނޑުވެރިންގެ ދުވަހުގެ ޝިޢާރަކީ "ފަރުދީ ދަނޑުވެރިކަން – ކާނާގެ ޔަޤީންކަން." ދިވެހިރާއްޖެ ފަދަ ބިމުގެ ވަޞީލަތް ނިސްބަތުން ކުޑަ ޤައުމެއްގައި ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށް ފަރުދީ ޙައިޘިއްޔަތުން ދަނޑުވެރިން ކުރައްވަމުން ގެންދަވަނީ ތަޢުރީފް ޙައްޤު މަސައްކަތްތަކެއް. މިޝިޢާރަކީ ކޮވިޑް ނަވާރައިގެ ބަލިމަޑުކަމުގެ ޙާލަތާއެކު ފަރުދީ ފެންވަރުގައި ކުރާ ދަނޑުވެރިކަން ފުޅާކުރުމުގެ މުހިންމުކަމުގެ ވާހަކަ އިތުރުވެފައިވާ މިދަނޑިވަޅަށް ވަރަށް މުނާސަބު ޝިޢާރެއް.

ކޮވިޑް ނަވާރައިގެ ބަލިމަޑުކަމުގެ ޙާލަތާއި ގުޅިގެން ދަނޑުވެރިކަމުގެ މަސައްކަތަށް މީހުން ދިރިއުޅޭ ރަށްރަށުން ލިބެންހުރި ހުސްބިންތައް ކުއްޔަކާނުލައި 3 އަހަރުގެ މުއްދަތަށް ދޫކުރުމަށް ރައީސުލްޖުމްރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ނިންމަވާފަ. މި ނިންމެވުމަކީ ދިވެހިރައްޔިތުންގެ ކާނާގެ ޔަޤީންކަން ކަށަވަރުކުރުމާއެކު ދަނޑުވެރިކަންކުރާ ފަރާތްތަކަށް މަސައްކަތުގައި ދެމިތިބުމަށް ފަހި ގޮތްތަކެއް ހޯދާދިނުމުގެ މަޤްޞަދުގައި ނިންމަވާފައިވާ ނިންމެވުމެއް. އަޅުގަނޑު ގަބޫލު ކުރަނީ މި ނިންމެވުމުގެ ސަބަބުން ދަނޑުވެރިންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެން ދިޔަ ކަމަށް.

ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން އިތުރު ކުރެވޭނީ ދަނޑުވެރިކަމާއި މަސްވެރިކަން ޤައުމުގެ އިޤްތިޞާދުގައި އަދާކުރާ ދައުރު ބޮޑު ކުރެވިގެން. އަދި ވަކިން ޚާއްޞަކޮށް ދަނޑުވެރިކަމުގެ އުފެއްދުންތައް ފަތުރުވެރިކަމުގެ ސިނާޢަތަށް ވިއްކޭނެ ހަރުދަނާ އުޞޫލުތަކެއް ޤާއިމު ކުރެވިއްޖެނަމަ، ރަށު ފެންވަރުގައި އާމްދަނީ ހޯދުމުގެ ފުރުޞަތުތައް އިތުރުވެގެން ދާނެ.

ދަނޑުވެރިން ކުރައްވާ މަސައްކަތްތަކުން އެންމެ އެދެވޭ މަންފާއެއް ލިބޭނީ، ދަނޑުވެރިންގެ ފަންނީ ޤާބިލުކަމާއި ހުނަރު އިތުރުވެގެން. ދަނޑުވެރިންނަކީ ދަނޑުވެރިކަމުގެ ޒަމާނީ ވައްޓަފާޅިއަށް ހޭނިފައިވާ، މަސައްކަތްތަކުގައި ދެމެހެއްޓެނިވި ގޮތްތައް އިޚްތިޔާރު ކުރާ ބަޔަކަށް ހެދުމަށް މިނިސްޓްރީން މިދަނީ މެދުކެނޑުމެއްނެތި މަސައްކަތްކުރަމުން. މިރިޔާސީ ދައުރު ފެށުނު ހިސާބުން ފެށިގެން މިއަހަރުގެ މިހާތަނަށް 22 ރަށެއްގައި ދަނޑުވެރިކަމުގެ ތަފާތު ތަމްރީނު ޕްރޮގްރާމްތައް ހިންގައި، މިތަމްރީނުތަކުން ޖުމްލަ 1191 (އެއްހާސް އެއްސަތޭކަ ނުވަދިހަ އެއް) ދަނޑުވެރީން ވަނީ ތަމްރީނުކުރެވިފައި.

ދަނޑުވެރިކަމުގެ މަޢުލޫމާތު ފޯރުކޮށްދެމުންދިޔަ ގޮތްތަކަށް، ޒަމާނީ ލުއި ފަސޭހަ ތަކާއެކު ބަދަލު ގެނެވި، މަޢުލޫމާތު ފެތުރުމުގައި އިންޓަނެޓާއި މީސް މީޑިއާގެ ބޭނުން ހިފާ މިންވަރު މިހާރު ވާނީ ކުރިޔަށްވުރެ އިތުރުކުރެވިފަ. އަދުގެ ޙާލަތާއި އެކު ދަނޑުވެރިކަމުގެ ތަމްރީނުތައް ފޯރުކޮށްދިނުމުގެ ވައްޓަފާޅިއަށް މިނިސްޓްރީންވެސް މިދަނީ ބަދަލު ގެންނަމުން. މިގޮތުން ދަނޑުވެރިކަމުގެ ތަމްރީނުތައް އިންޓަނެޓް މެދުވެރިކޮށް ފޯރުކޮށްދޭ މިންވަރު އިތުރު ކުރުމަކީ މިނިސްޓްރީގެ ވިސްނުމެއް. އަދި މިފަދަ ތަމްރީނު ޕްރޮގްރާމްތައް މިހާރު ހިންގަން ފަށާފައި ވާކަންވެސް ފާހަގަކޮށްލަން.

ރަށުގައި ތިއްބަވައިގެން ފޯނުން ގުޅުއްވައިގެން މަޢުލޫމާތު ސާފު ކުރުމަށް މިނިސްޓްރީގެ ޚާއްޞަ ހޮޓްލައިންއެއް މިއަހަރުތެރޭގައި ވާނީ ޤާއިމްކުރެވިފައި. ދަނޑުވެރިންގެ ފަރާތުން މި ޚިދުމަތަށް ވަރަށް ހޫނު ތަރުޙީބެއް ލިބެމުން އަންނަކަން މިފުރުޞަތުގައި އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. މިވަޞީލަތްތަކުގެ ޒަރީޢާއިން ފޯރުކޮށްދެމުންދާ މަޢުލޫމާތުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިއްޕަވައި، މުސްތަޤުބަލުގައި ރާއްޖޭގެ ދަނޑުވެރިކަމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އުންމީދު ކުރަން.

ދަނޑުވެރިކަމުގެ މަސައްކަތުގައި އުޅޭ އަމިއްލަ ފަރާތްތަކަށް މާލީ އެހީތެރިކަން ލިބޭނެ މަގު ތަނަވަސް ކުރުމަށް "ދަނޑުވެރި ނަފާ" ގެ ނަމުގައި މިނިސްޓްރީ އާއި އެސް.ޑީ.އެފް.ސީ ގުޅިގެން ފަށާފައިވާ ލޯނު ޕްރޮގްރާމްގެ ދަށުން މިއަހަރުގެ މިހާތަނަށް 5.4 މިލިޔަން ރުފިޔާގެ ލުއި ލޯނު ވާނީ ދޫކޮށްފައި.

ދަނޑުވެރިކަމުގެ ސިނާޢަތު އިތުރު ހަރުފަތަކަށް ގެންދިއުމަށް އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި ދަނޑުވެރިކަމުގެ ބޮޑު މަޝްރޫޢު ފެށުމަށް މަޝްރޫޢުގެ އެއްބަސްވުމުގައި މިހާރު ސަރުކާރުން ވަނީ ސޮއި ކުރައްވާފަ.އި. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އުތުރުގެ 3 އަތޮޅެއްގައި، ދަނޑުވެރިންނަށް ބޭނުންވާނެ މައިގަނޑު އިންފްރާސްޓްރަކްޗަރތައް ކަމަށްވާ ކޯލްޑްސްޓޯރޭޖްތަކާއި ކާނާ ބަންދު ކުރާ ފެސިލިޓީތައް، ޤާއިމުކުރެވޭނެ. އަދި ދަނޑުވެރި އުފެއްދުންތައް މާކެޓަށް ނެރުމަށް ގްރޭޑްކުރުމާއި ތަކެތީގެ ފެންވަރު ވަކި މިންގަޑެއްގައި ހިފެހެއްޓުމަށް ބޭނުންވާނެ ވަޞީލަތްތައްވެސް ޤާއިމްކުރެވިގެންދާނެ.

އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ މިމަޝްރޫޢުގެ މަސައްކަތްވެސް ފެށި ދަނޑުވެރިންނަށް މަޝްރޫޢުގެ ސީދާ މަންފާ ލިބެން ފަށާނެ. ދަނޑުވެރިން އުފައްދާ ތަކެތި މާކެޓު ކުރުމަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތައް ނައްތާލައި ދަނޑުވެރިންނާއި ގުޅިގެން، ދަނޑުވެރިންނަށް އެންމެ އެދެވޭ މަންފާއެއް ލިބިދެވޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ ނަމުގައި ސަރުކާރުގެ ސަތޭކަ ޕަސެންޓް ޙިއްޞާވާ ކުންފުންޏެއް ރައީސުލްޖުމްޙޫރިއްޔާ މިއަހަރު ވަނީ އުފައްދަވާފައި. މިކުންފުނިން ކޮންޓްރެކްޓް ފާރމިންގެ ޒަމާނީ ވައްޓަފާޅި ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތަށް ތަޢާރަފް ކުރުމަށް ހަމަޖެހިފައިވޭ. މިކުންފުނީގެ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ދެކުނުގައި ދަނޑުވެރިން އުފައްދާ ތަކެތި މާކެޓު ކުރުމަށް ބޭނުންވާނެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ތަކާއި ތަކެތި މާކެޓް ކުރުމަށް ބޭނުންވާނެ އެހެނިހެން އިންތިޒާމުތައްވެސް ހަމަޖެހިގެންދާނެ.

ވިޔަފާރީގެ އުޞޫލުން ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރުމަށް ފަޅުރަށްތަކެއް ދިގުމުއްދަތަށް ކުއްޔަށް ދޫކޮށްފައިވީ ނަމަވެސް ރަށްތައް ނަންގަވާފައިވާ ބައެއް ފަރާތްތަކުން ރަށް ނަންގަވާފައިވާ މަޤްޞަދުތަކާއި އެއްގޮތަށް މަސައްކަތް ނުކުރައްވާކަން ހިތާމަޔާއެކު ފާހަގަކުރަން. އަދި ރަށްތައް ދޫކުރުމުގެ މަޤްޞަދު ޙާޞިލްވަމުން ނުދާނަމަ ރަށްތައް ނަންގަވާފައިވާ ފަރާތްތަކާއި މިނިސްޓްރީއާއި ދެމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ޤާނޫނުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަން އަރުވަން. ކަންމިހެންހުރި ކަމުގައިވީނަމަވެސް، ފަޅުރަށްތައް ނަންގަވައިގެން ހިތްވަރާއެކު މަސައްކަތް ކުރައްވާ، ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަމުގައި މުހިންމު ދައުރެއް އަދާކުރައްވާ ފަރާތްތަކެއްވެސް އެބަ ތިއްބެވި. އެފަރާތްތަކުން ކުރައްވާ މަސައްކަތްތަކަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.

ދަނޑުވެރިކަން އިތުރަށް ފުޅާކުރުމަށްޓަކައި ރޭވުންތެރިކަމާއެކު ތަފާތު ގިނަ މަސައްކަތްތަކެއް އަންނަނީ ކުރެވެމުން. މިގޮތުން އުތުރުގެ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރު ފަދައިން، ރާއްޖޭގެ ދެކުނުގައިވެސް ދަނޑުވެރިކަމަށް ޚާއްޞަ ސެންޓަރެއް ޤާއިމްކުރުމަށާއި، ދަނޑުވެރިކަމުގެ ކޯޕަރޭޓިވްސްތައް ހަރުދަނާކުރުމަށް މަސައްކަތްތަކެއް މިހާރުވަނީ ފެށިފައި. އަދި ދަނޑުވެރިކަމަށް ޤާނޫނީ ބާރު ހޯދައި ދިނުމަށްޓަކައި ކަމާ ގުޅުންހުރި ޤާނޫނުތަކާއި ޤަވާޢިދުތައް އެކުލަވާލުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. މިގޮތުން ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާ ބެހޭ ޤާނޫނު މިހާރު ވަނީ ތަސްދީގު ކުރެވި އެޤާނޫނާއި ގުޅޭ ޤަވާޢިދުތައް ނިންމުމުގެ މަރުޙަލާގައި. މީގެ އިތުރުން ދަނޑުވެރިކަމުގެ ޢާންމު ޤާނޫނާއި، ދިވެހިރާއްޖެއަށް ދިރޭ ޖަނަވާރު އެތެރެކުރުމުގެ ޤާނޫނު އެކުލަވާލުމުގެ މަސައްކަތް މިދަނީ ކުރަމުން.

ރާއްޖޭގެ ރުއްތަކަށް ކުރިމަތިވެފައިވާ ކޮކޮނަޓް ހިސްޕިޑް ބީޓްލްގެ މައްސަލައާއި، އަލަ އޮޅު ތަކަށް ދިމާވެފައިވާ ޓާރޯ ލީފް ބްލައިޓްގެ މައްސަލައަކީ ދަނޑުވެރިންނަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް. ބަލިތަކާއި ދުރު، ރުކުގެ އައު ޖީލެއް އުފެއްދުމަށްޓަކައި މިއަދު މިވަނީ ޚާއްޞަ މަސައްކަތްތަކެއް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ފެށިފައި. އަދި ހަމައެއާއެކު ޓާރޯލީފް ބްލައިޓްއަށް ޓޮލަރަންޓް އަދި ރެސިސްޓެންޓް އަލައިގެ މުޑުވައްތައް ދަނޑުވެރިންނަށް ތަޢާރަފްކޮށްދިނުމަށް ރާއްޖޭން ބޭރުން މުޑުވައް ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން.

ދަނޑުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތަކަށް ސަރުކާރުގެ އެކި މުޢައްސަސާތަކުންނާއި އަމިއްލަ ކުންފުނިތަކުން އަދި އެހީދޭ ޖަމްޢިއްޔާ ޖަމާޢަތްތަކުން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ދަނޑުވެރިންނާއި ދަނޑުވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށާއި މިނިސްޓްރީއާއި އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ ހީވާގި މުވައްޒަފުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.
ދަނޑުވެރިކަން ތަރައްޤީ ކުރުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމަށާއި މިކަމުގައި ފުރިހަމަ ލަފަޔާއި އިރުޝާދު އަބަދުވެސް އަޅުގަނޑަށް ދެއްވަމުންގެންދަވާތީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ނުހަނު އިޙްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ ދަނޑުވެރިންނާއި ދަނޑުވެރި ޢާއިލާތަކުން ހީވާގި ކަމާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ބަރަކާތް ލައްވައި، ރާއްޖޭގެ ދަނޑުވެރިކަން އިތުރަށް ހަރުދަނާ ކުރުމުގެ ޤާބިލްކަން އަޅަމެން އެންމެންނަށް މިންވަރު ކުރެއްވުން. ވައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

ލިޔެކިޔުން