Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ދިވެހިރާއްޖޭގައި ޓެކްނޯލޮޖީގެ ސްޓާޓްއަޕް އީކޯސިސްޓަމް އެއް ޤާއިމުކުރުމަށްޓަކައި މައިކްރޯސޮފްޓް އާއި އެކު މަސައްކަތްކުރަނީ

ދިވެހިރާއްޖޭގައި ޓެކްނޯލޮޖީގެ ސްޓާޓްއަޕް އީކޯސިސްޓަމް އެއް ޤާއިމުކުރުމަށްޓަކައި މައިކްރޯސޮފްޓް އާއި އެކު މަސައްކަތްކުރަނީ

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޯލޮޖީ ގެ ފަރާތުން
މައިކްރޯސޮފްޓްގެ ސްޓާޓްއަޕް އީކޯސިސްޓަމް "ހައިވޭ ޓު އަ ހަންޑްރެންޑް ޔުނިކޯންސް" ދިވެހިރާއްޖޭގައި ހިންގުމަށްޓަކައި މިނިސްޓްރީ އާއި މައިކްރޯސޮފްޓް އާއި ގުޅިގެން މަސައްކަތްކުރުމާއި ބެހޭ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ބައިވެރިވީ މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް، މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝަރީފު އާއި އެމް.އީ.އެން.އޭ އާއި ސާކް، މައިކްރޯސޮފްޓް ސްޓާޓްއަޕްގެ ކަންޓްރީ ހެޑް ކަމަށްވާ ލަތިކާ ޕައި އެވެ.

މައިކްރޯސޮފްޓްގެ ސްޓާޓްއަޕް އީކޯސިސްޓަމް "ހައިވޭ ޓު އަ ހަންޑްރެންޑް ޔުނިކޯންސް" އަކީ ޓެކްނޯލޮޖީގެ ދާއިރާގައި ވިޔަފާރިތަކަށް އަލަށް ވަންނަ ކުދިންނަށް ފުރުސަތު ހުޅުވާލުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާ ސްޓާޓްއަޕްތައް ހޮވިގެންދާނީ މައިކްރޯސޮފްޓްއިން ބާއްވާ "އެމާރޖް އެކްސް" މި މުބާރާތުގެ ތެރެއިންނެވެ.

"އެމާރޖް އެކްސް" މި މުބާރާތުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވިޔަފާރިތަކަށް ލިބިގެންދާނެއެވެ. އަދި މީގެ ތެރެއިން އެންމެ ރަނގަޅު ވިޔަފާރިތަކަށް އަމިއްލަ ޓެކްނޯލޮޖީ ވިޔަފާރީގެ މައުލޫމާތު އިންވެސްޓަރުންނާއި ވެންޗަރ ކެޕިޓަލިސްޓުންނާއި ހިއްސާކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. ހަމަ އެއާއިއެކު މީގެ ތެރެއިން އެންމެ ރަނގަޅު 3 ޓެކްނޯލޮޖީ ވިޔަފާރި އިންވެސްޓަރުންނާއި ވެންޗަރ ކެޕިޓަލިސްޓުން ހޮވާނެއެވެ. "އެމާރޖް އެކްސް" މި ޕްރޮގްރާމްގައި ބައިވެރިވާ ސްޓާޓްއަޕް ތަކަށް ދުނިޔޭގެ ފެންވަރުގެ ވާހަކަދެއްކުންތެރިން ބައިވެރިވާ ރީޖަނަލް އީވެންޓްގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. އަދި 1 އަހަރުގެ މުއްދަތައް މެންޓޯޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި މެންޓޯޝިޕް ޕްރޮގްރާމުގެ ތެރެއިން އަމިއްލަ ޓެކްނޯލޮޖީ ވިޔަފާރި އިތުރަށް ހަރުދަނާކޮށް ފުޅާކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މައުލޫމާތު ވެބިނަރސް އަދި ވޯކްޝޮޕްސް މެދުވެރުކޮށް ފޯރުކޮށްދެވިގެންދާނެއެވެ. މި މަސައްކަތަކީ ރާއްޖެއަކީ ރީޖަނަލް ޓެކްނޯލޮޖީ ހަބް އަކަށް ހެދުމަށްޓަކައި އަދި ރާއްޖޭގެ މި ދާއިރާގައި ހަރަކާތްތެރިވާ ކުދިންނަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެކެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ވަނީ ބައެއް މުހިއްމު ކަންތައްތަކަށް އަލިއަޅުވާލާފައެވެ. މިގޮތުން މީގެ 15 އަހަރު ކުރީގައި މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޯލޮޖީގެ ނަމުގައި މިނިސްޓްރީއެއް އުފެދިގެން ދިޔަ ކަމާއި، އޭރު ރާއްޖެއަކީ ޓެކްނޯލޮޖީގެ ރޮނގުން އޭޝިއާ ސަރަހައްދަށް ބަލާއިރު ވަރަށް ކުރީ ސަފުގައި ހިމެނުނު ޤައުމެއް ކަމާއި، އެހެންނަމަވެސް މިނިސްޓްރީ އުވިގެންދިއުމާއި އެކު ދުވެލި ފަހަތައް ޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. މިފަދައިން ކަންތައް ހިނގައިދިޔަ ނަމަވެސް ސަރުކާރުގެ މުއައްސަސާތަކުގެ ޓެކްނޯލޮޖީ ބޭނުންތައް އެން.ސީ.އައި.ޓީގެ އެއްބާރުލުމާއިއެކު ކުރިއަށްގެންދެވުނުކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ދިވެހިރާއްޖެއަކީ ޓެކްނޯލޮޖީގެ ވަސީލަތްތައް ވަރަށް ގިނައިން އިންޕޯޓުކުރާ ޤައުމެއް ކަމާއި، ޓެކްނޯލޮޖީ އާއި ދޯޅު ވުމުގައި ޕްރައިވެޓް ސެކްޓަރގެ މަސައްކަތްތައް މިގޮތުން ފާހަގަކޮށްލެވޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގައި އަމިއްލަ ވިޔަފާރި މަތީ ހަރުފަތަކަށް ގެންދަން ބޭނުންވާ ޒުވާން ހުނަރުވެރި ކުދިންވެސް އެބަތިބިކަމާއި، މިނިސްޓްރީއިން އަބަދުވެސް މަސައްކަތް ކުރަނީ މި ޒުވާނުންގެ އުއްމީދުތައް ހާސިލްކުރުމުގެ މަގު ތަނަވަސްކޮށްދެވޭތޯކަމުގައެވެ. މިގޮތުން މުސްތަޤުބަލުގައި މައިކްރޯސޮފްޓް ފަދަ ބޮޑެތި އެހެން ޓެކްނޯލޮޖީ ކުންފުނިތަކާއި އެކުވެސް މިފަދަ މަސައްކަތް ކުރުމަށް މިނިސްޓްރީއިން ވިސްނަމުންދާކަމަށް ފާހަގަކޮށްލެއްވިއެވެ.

ޓެކްނޯލޮޖީގެ ދާއިރާއިން ރާއްޖޭގައި ވިޔަފާރިތައް ހުޅުވާ ޒުވާނުން އެ މީހުން އުފައްދާ ޓެކްނޯލޮޖީއަކީ ހަމައެކަނި ރާއްޖޭގައި ބޭނުންކުރަން ހެދޭ އެއްޗެއްގެ ގޮތުގައި ވިސްނުމުގެ ބަދަލުގައި، އަޅުގަނޑުމެންނާއި ރަހުމަތްތެރި އެހެނިހެން ޤައުމުތަކަށްވެސް ބޭނުންކުރެވޭ ފަދަ ޓެކްނޯލޮޖީ ހައްލުތަކަށް ސަމާލުކަން ދޭން އެބަޖެހޭ ކަމަށްވެސް މިނިސްޓަރުގެ ވާހަކަ ކުރުކޮށްލަމުން ފާހަގަކޮށްލެއްވިއެވެ.