މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީއިން 25 ޖަނަވަރީ ވީ ހޯމަ ދުވަހު މިވަނީ ކުޑަ ކުދިންނަށް ހާއްސަކޮށްގެން ކުރެހުމުގެ މުބާރާތެއް އިއުލާންކޮށްފައެވެ. މި ކުރެހުމުގެ މުބާރާތަކީ 9 ފެބުރުއަރީގައި ފާހަގަ ކުރެވޭ ބައިނަލްއަގުވާމީ ސޭފަރ އިންޓަރނެޓް ދުވަހާއި ގުޅުވައިގެން އިއުލާންކުރެވުނު މުބާރާތެކެވެ.
މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ކުޑަ ކުދިން ވީހާވެސް ބޮޑަށް އިންޓަރނެޓުގެ ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމެވެ. މި މުބާރާތަކީ ކުރެހުމެއްގެ ޒަރިއްޔާއިން ރައްކާތެރި އިންޓަރނެޓެއްގެ މުހިއްމުކަން އެކުދިންނަށް ދެނެގަންނަން ލިބޭ ވަރަށް މުހިއްމު ފުރުސަތެކެވެ. އިންޓަރނެޓުގައި މިހާރު ކުޑަ ކުދިންނަށް ދިމާވާ އެކި ކަހަލަ މައްސަލަތަކާއި، ލިބޭ ގެއްލުންތަކާއި، މިފަދަ މުހިއްމު ކަންކަން އެކުދިން އަމިއްލަޔަށް ދެނެގަތުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ.
މި ކުރެހުމުގެ މުބާރާތުގައި ބައިވެރިވެވޭނީ 3 އުމުރުފުރާއެއްގެ ކުދިންނަށެވެ. އެއީ 7 އަހަރުން ދަށުގެ ކުދިންނާއި، 7 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނަށާއި އަދި 12 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށެވެ. މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ ކުރެހުމުގެ ފޮޓޯއެއް ނެންގެވުމަށްފަހު މިނިސްޓްރީއިން ފޯރުކޮށްދީފައިވާ އޮންލައިން ފޯމަށް ގޫގުލް އެކައުންޓު މެދުވެރިކޮށް ލޮގިން ކުރުމަށްފަހު، އޭގައިވާ ސުވާލުތަކަށް ޖަވާބު ދިނުމަށްފަހު ކުރެހުން އެއަށް އަޕްލޯޑުކޮށްލެވޭނެއެވެ.
މި މުބާރާތް ކުރިއަށްގެންދެވޭނީ 25 ޖަނަވަރީ 2021އިން 15 ފެބުރުއަރީ 2021ގެ 16:00ގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ އުމުރުފުރާއަކުން 1ވަނަ، 2ވަނަ އަދި 3ވަނަ ހޮވާނެއެވެ. މުބާރާތުގައި ހުށަހެޅޭ ކުރެހުންތައް ޖަޖުކުރާނީ މިނިސްޓްރީއިން ކަނޑައަޅާ ފަނޑިޔާރުންގެ ޕެނަލަކުންނެވެ. މުބާރާތުން ވަނަ ހާސިލުކުރާ ކުދިން ފެބުރުއަރީ މަހުގެ ފަހުކޮޅު އިއުލާންކުރެވިގެންދާނެއެވެ.
މިނިސްޓްރީގެ އުއްމީދަކީ މި މުބާރާތުގެ އެހީގައި ކުޑަ ކުދިންގެ މައުލޫމާތު މި ދާއިރާއިން އިތުރަށް މުއްސަނދިވެ، އެކުދިން އިންޓަރނެޓު މާހައުލުގައި ރައްކާތެރިވެތިބުމަށް ދޭ އިސްކަން އިތުރުވުމެވެ.