Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު މޫސުމީ ބަދަލުތަކާއި އެފަދަ ހާދިސާތަކުން ލިބިދާނެ ގެއްލުން ހަނިކުރުމަށްޓަކައި ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރުމަކީ މުހިންމުކަމެއް – ސްޓޭޓް މިނިސްޓަރ މާހިރު ޢީސާ

މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމާއެކު އެފަދަ ހާދިސާތަކުން ލިބިދާނެ ގެއްލުން ހަނި ކުރުމަށްޓަކައި ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް މުޙައްމަދު މާހިރު ޢީސާ ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ހޯމްއެފެއާޒް އިދާރާ




މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމާއެކު އެފަދަ ހާދިސާތަކުން ލިބިދާނެ ގެއްލުން ހަނި ކުރުމަށްޓަކައި ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް މުޙައްމަދު މާހިރު ޢީސާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހީންގެ އެއްބައިވަންތަކުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޖުމްހޫރީ މައިދާނުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ ސުނާމީ ކާރިސާއަކީ ކުރިން އެނގުމަކާ ނުލައި ގުދުރަތީ ގޮތުން ދިމާވި ކުއްލި ކާރިސާއެއް ކަމަށެވެ. އެހެން ނަމަވެސް ޖައްވު ހޫނު ވުމުގެ ސަބަބުން މިއަދު ދުނިޔެ ކުރިމަތިލާން ޖެހިފައިމިވަނީ ކުރިމަގުގައި ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ކުރިމަތިވެދާނެފަދަ ކާރިސާއަކާ ކަމަށާއި އެފަދަ ހާދިސާތަކުން ލިބިދާނެ ގެއްލުން ހަނި ކުރުމަށްޓަކައި ގައުމީ ފެންވަރުގައި އަދި ބައިނަލްއަގުވާމީ ފެންވަރުގައި އެއްބައެއްވަންތަކަމާއެކު މަސައްކަތް ކުރުމަކީ މިވަގުތަށް ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ ޙާލަތަށް ބަލާއިރު ވާރޭވެހޭ މިންވަރާއި ދުވަސްވަރު ކޮންމެވެސް ވަރަކަށް ބަދަލުވަމުންދާ ކަމަށާއި ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު ބައެއް އަހަރުތަކުގެ ހުޅަނގުމޫސުމުގެ ވިއްސާރަ ދިގުލާފައިވާކަން ފާހަގަ ކުރެވޭ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ކަންތައްތަކުން ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމަށްޓަކައި ދުރާލާ ފިޔަވަޅު އަޅަންޖެހޭ ކަމަށާއި އެފަދަ ކަންކަމަށް ތައްޔާރުވެ ތިބުމަކީ އެންމެންގެ ޤައުމީ އަދި ފަރުދީ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރގެ ވާހަކައިގައި ދިވެހިންގެ ތެރޭގައި ފެތުރެމުންދާ ދީނީ ހަރުކަށި ފިކުރާ އިސްލާމް ދީނަށް ކުޑައިމީސް ބަސްބުނުމަކީ ދިވެހީންގެ އެއްބައިވަންތަ ކަމަށް ބުރޫ އަރަމުންދާ ކަމެއްކަން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ދިވެހިގައުމުގެ މުސްތަގުބަލުގެ ޖީލުތަކުގެ ކުރިމަގު އުޖާލާ ކުރުމަށްޓަކައި އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ ސިފަތަކާ ގުޅޭ މައުލޫމާތު ޤައުމީ މުޤައްރަރުގައި ހިމެނުމަކީ މުހިންމު ކަމެއްކަން ފާހަގަ ކުރައްވާ ދިވެހިގައުމުގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި އެއްބައިވަންތަކަން އިސްކޮށް ޤައުމުގެ ކުރިއެރުމާއި ލާބައަށް އެންމެން އަތުގުޅާލައިގެން މަސައްކަތް ކުރުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ.