ވިލިމާލޭގައި ހުންނަ އެމް.އެން.ޑީ.އެފް ކޯސްޓް ގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމް.އާރު.ސީ.ސީ) ގައި ޓްރެއިނިންގ ފެސިލިޓީއެއް ބިނާކުރުމާ ބެހޭގޮތުން، ޖަޕާނާއި ޔޫ.އެން އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އާ ދެމެދު، އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ބުދަދުވަހުގެ މެންދަރުފަހު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ މާރިޔާ ވަނީ، މި މުހިންމު މަޝްރޫޢަށް ޚަރަދުކުރައްވާ ޖަޕާނު ސަރުކާރަށާއި އެޤައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ޖަޕާނަކީ ދިވެހިރާއްޖޭގެ ތަރައްޤީގައި ވަރަށް މުހިންމު އަދި އެހާމެ ގާތް ބައިވެެރިއެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، މިއަދު ދިވެހި މުޖްތަމަޢުގެ ހުރިހާ ދާއިރާއެއްގައިވެސް، ޖަޕާނުގެ އެހީތެރިކަމާއި އޯގާތެރިކަމުގެ ހެކިތައް ފެންނަން ހުރިކަމަށެވެ.
ޖަޕާނަކީވެސް ޖަޒީރާ ޤައުމެއްކަން ފާހަގަކުރައްވާ މިނިސްޓަރ މާރިޔާ ވިދާޅުވީ، ދެޤައުމުގެ ގުޅުމަކީ އެއް ޖަޒީރާ ޤައުމުން އަނެއް ޖަޒީރާ ޤައުމަށް އެހީވެދިނުމުގެ ރީތި މިސާލު ރަަމްޒުކޮށްދޭ ގުޅުމެއް ކަމަށެވެ.
ކޯވިޑް-19 އާ ގުޅިގެން، ކަނޑުފޭރުމާއި، މަސްކަނޑުތަކުން ވައްކަންކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާއި، މަސްތުވާތަކެއްޗާއި އިންސާނީ ވަގުފާރ ިފަދަ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތައް އިތުރުވެފައިވާކަން ފާހަގަކުރައްވައި، މިނިސްޓަރ މާރިޔާ ވިދާޅުވީ، 99.7 އިންސައްތަ ކަނޑުގެ މައްޗަށް އެކުލެވިފައިވާ ދިވެހިރާއްޖޭގެ ކަނޑުމަތީގެ ސަލަމާތާއި ރައްކާތެރިކަމާއި އަމާންކަން އިތުރަށް ވަރުގަދަކޮށް، ކަށަވަރުކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.
އެމް.އާރު.ސީ.ސީ އަކީ ކޯސްޓް ގާޑުގެ "ސަރޗް އެންޑް ރެސްކިޔު" އޮޕަރޭޝަންތައް ވިލަރެސްކުރާ މައި މަރުކަޒުކަން ފާހަގަކުރައްވައި މިނިސްޓަރ މާރިޔާ ވަނީ، މި ޓްރެއިނިންގ ފެސިލިޓީގެ ސަބަބުން، ގިނަ ޢަދަދެއްގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިވެ، ކޯސްޓް ގާޑުގެ ޤާބިލްކަން އިތުރަށް ވަރުގަދަވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.
ރާއްޖެއަށް ބޭނުންތެރި މިފަދަ މަޝްރޫޢުތަކާއި ތަމްރީނު ޕްރޮގްރާމްތައް ރާވައި، ހިންގައި އަދި އެކަމަށް މަގުފަހިކޮށްދިނުމުގައި ޔޫ.އެން.އޯ.ޑީ.ސީން އަދާކުރާ މުހިންމު ދައުރަށްޓަކައި، އެއިދާރާއަށް މިނިސްޓަރ މާރިޔާ ޝުކުރު އަދާކުރެއްވިއެވެ.
މިދިޔަ އޯގަސްޓްމަހު، ޖަޕާނުގެ އެހީތެރިކަމާއެކު، ޔޫ.އެން.އޯ.ޑީ.ސީން މެދުވެރިވެގެން، އެމް.އާރު.ސީ.ސީއަށް ހަދިޔާކުރި ފަންނީ އާލާތްތަކުގެ ސަބަބުން، އެސެންޓަރުގެ މަސައްކަތަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މިރަސްމިއްޔާތުގައި ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އާއި، ޔޫ.އެން.އޯ.ޑީ.ސީގެ ކްރައިމް ޕްރިވެންޝަން އެންޑް ކްރައިމް ޖަސްޓިސް އޮފިސަރ އޮފް ދަ ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމް މަސަޓޯމޯ ޔަމަގޫޗީއާއި، ސްޓޭޓް މިނިސްޓަރ ފިޮރ ފޮރިން އެފެއަރސް އަޙްމަދު ޚަލީލާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ބައިވެރިވެވަޑައިގެންނެވިއެވެ.