މުސްލިމް ވަރލްޑް ލީގުގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ޑޮކްޓަރ މުޙައްމަދު ބިން ޢަބްދުލްކަރީމް އަލް ޢީސާ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު މިނިސްޓްރީ އޮފް ޑިފެންސްގައި އޮތް މިބައްދަލުވުމުގައި، މިނިސްޓަރ މާރިޔާ ވަނީ، ދުނިޔޭގައި އަމާންކަމާއި ޞުލްޙަމަސަލަސްކަން ޤާއިމްކޮށް، ބައިނަލްއަޤްވާމީ ޖަމާޢަތުގައި އިސްލާމްދީނުގެ ތަޞައްވުރު ރަނގަޅުކޮށް، އިސްލާމްދީނުގެ އަޞްލު އުޞޫލުތަކާމެދު ހޭލުންތެރިކުރުވުމަށާއި، ދޭދޭ ޤައުމުތަކުގެ މެދުގައި އެކުވެރިކަމާއި އުޚުއްވަތްތެރިކަމުގެ ގުޅުންތައް ދަމަހައްޓައި، ހަރުކަށި ފިކުރާއި ޓެރަރިޒަމް ފަދަ ނުރައްކާތަކުން ދުނިޔެ ސަލާމަތްކުރުމަށްޓަކައި، މުސްލިމް ވަރލްޑް ލީގުން ކުރަމުންދާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށްޓަކައި ސެކްރެޓަރީ ޖެނެރަލްއަށް ޝުކުރު އަދާކުރައްވާފައެވެ.
މިބައްދަލުވުމުގައި، ދެބޭފުޅުންވަނީ ހަރުކަށި ފިކުރާއި ޓެރަރިޒަމާ ހުރި ގުޅުން ފަދަ މުހިއްމު މަޢުޟޫތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މިބައްދަލުވުމުގައި، ސެކްރެޓަރީ ޖެނެރަލް ޝެއިޚް ޑރ. މުޙައްމަދު ބިން ޢަބްދުލްކަރީމް އަލް ޢީސާ ވަނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ހަރުކަށި ފިކުރާއި ޓެރަރިޒަމާ ދެކޮޅަށް ގެންގުޅުއްވާ "ޒީރޯ ޓޮލަރެންސް" ސިޔާސަތަށް ތަޢުރީފުކުރައްވާފައެވެ. އަދި "ހޯލް އޮފް ގަވަމަންޓް އެންޑް ހޯލް އޮފް ސޮސައިޓީ" އެޕްރޯޗް މެދުވެރިކޮށް، ޤައުމީ ފެންވަރުގައި، ހަރުކަށި ފިކުރާއި ޓެރަރިޒަމާ ދެކޮޅަށް، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.
މިބައްދަލުވުމުގައި، މިނިސްޓަރ މާރިޔާގެ އިތުރުން، ދިވެހރިާއްޖެއިން ސައުދީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލާއި، ނެޝަނަލް ކައުންޓަރ-ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޒަކަރިއްޔާ މަންޞޫރާއި، މިނިސްޓަރ އޮފް ޑިފެންސްގެ މިލިޓަރީ ސެކްރެޓަރީ ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލްމަތީން އަޙްމަދާއި، އެމްއެންޑީއެފްގެ ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަންގެ ޕްރިންސިޕަލް ޑިރެކްޓަރ ލެފްޓިނަންޓް ކާނަލް އަޙްމަދު ޝަރީފާއި އެން.ސީ.ޓީ.ސީގެ ޑިރެކްޓަރ ލެފްޓިނެންޓް ކާނަލް އިބްރާހީމް ނަޢީމްވަނީ ބައިވެރިވެވަޑައިގެންފައެވެ.