Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ބޮޑުކަންނެލީގެ މަސްވެރިކަމުގައި ކުރިމަތިވެފައިވާ މަސް ގަތުމުގެ މައްސަލަ ހައްލުކުރުމަށް 100 މިލިއަން ރުފިޔާގެ ލޯން ފެސިލިޓިއެއް ޤާއިމުކުރުން

ލޯނު ފެސިލިޓީގެ ބޭނުން ހިފާ ކުންފުނިތަކުން -/25 ރުފިޔާއަށްވުރެ ކުޑަ ނޫން އަގެއްގައި މަސްގަތުމަށް ވަނީ އެއްބަސްވެފައި

މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ ފަރާތުން




ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުއިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ގޮތުން މިމަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއިއެކު ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އެގޮތުން، ފާއިތުވެދިޔަ 5 ދުވަހު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަނާއި، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އަދި ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ ފަރާތްތަކާއިއެކު ކުރެވުނު ސިލްސިލާ މަޝްވަރާތަކަށްފަހު، މަސްވެރިންނާއި މަސް ގަންނަ ފަރާތްތަކުގެ ވިޔަފާރި ދެމެހެއްޓުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ.

މިގޮތުން ކުރެވުނު މަޝްވަރާތަކުގައި މިވަގުތަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވަނީ، ދިވެހިރާއްޖޭގެ ބޮޑުކަންނެލީގެ މަސްވެރިކަމަށްކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން، ދުނިޔޭގެ ބާޒާރުގައި ފިނިކުރި ތާޒާމަހަށް އޮތް ޑިމާންޑް އެތައް ގުނައެއް ދަށްވެގެން ގޮސްފައިވުމާއެކު، މަސްވެރިންނާއި އޮޑިވެރިންގެ އާމްދަނީއަށާއި މަސްވެރިން އަތުން މަސްގަނެ ޕްރޮސެސްކުރާ ފަރާތްތަކުގެ ވިޔަފާރިއަށް މިކަމުގެ ސަބަބުން ހީނަރުކަން އަންނަމުންދާތީކަން އެފަރާތްތަކުން ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ބޮޑުކަންނެލީގެ މަސްވެރިކަމުގައި ކުރިމަތިވަމުންދާ ދަތިތަކަށް ލުޔެއް ހޯދައިދިނުމާއެކު މަސްވެރިކަން ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ފަހިކުރުމަށް އަންނަނިވި ފިޔަވަޅުތައް އެޅުމަށް މިމިނިސްޓްރީއިން ވަނީ އެއްބަސްވެވިފައެވެ.

  1. ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ ކުންފުނިތަކުން ގަނޑުކުރިމަހުގެ ގޮތުގައި މަސް އެކްސްޕޯޓްކުރުމަށް ބޭނުންވާ ކޭޝް ފްލޯ ފޯރުކޮށްދިނުމަށް 100 މިލިއަން ރުފިޔާގެ ލޯނު ފެސިލިޓީއެއް ޤާއިމުކޮށްދިނުން.
  2. އިސްވެދެންނެވުނު ލޯނު ފެސިލިޓީގެ ބޭނުން ހިފާ ކުންފުނިތަކުން -/25 ރުފިޔާއަށްވުރެ ކުޑަ ނޫން އަގެއްގައި މަސް ގަތުން.
  3. ބޮޑުކަންނެލީގެ މަސްވެރިކަމުގައި ޙަރަކާތްތެރިވަމުންދާ ފަރާތްތަކުގެ ތެރެއިން، އިންޖީނު ލޯނު ނުވަތަ އޮޑިބަނުމަށާއި މަރާމާތަށް ލޯނެއް ނަގައި ދައްކަމުންދާ ފަރާތްތަކުގެ ލޯނަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ވަކި މުއްދަތެއްގެ ލުޔެއް ހޯދައިދިނުން.

މިފިޔަވަޅުތަކުގެ ސަބަބުން، މިހާރު ބޮޑުކަންނެލީގެ މަސްވެރިން ބާނާ މަސް ގަތުމުގައި ކުރިމަތިވެފައިވާ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެކަމުގައި މިމިނިސްޓްރީއިން ޤަބޫލުކުރަމެވެ. އަދި، ކޮވިޑް-19ގެ ނުރައްކަލުން އަރައިގަނެވެންދެން މަސްވެރިންނާއި މަސް ގަންނަ ކުންފުނިތައް ހުއްޓުމަކަށް ނައިސް ހިންގުމަށް މަގުފަހިވެގެންދާނެކަމުގައި މިމިނިސްޓްރީއިން ދެކެމެވެ.

ނޯޓް: ދިވެހިރާއްޖޭގައި ކުރާ މަސްވެރިކަމުގެ ތެރެއިން، ދޮށީގެ މަސްވެރިކަމާއި ބޮޑު ކަންނެލީގެ އަތުނަނުގެ މަސްވެރިކަމަކީ، އެކްސްޕޯޓް ބާޒާރަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ދެމަސްވެރިކަމެވެ. ދޮށީގެ މަސްވެރިކަމުގައި ބާނާ ކަޅުބިލަމަހުގެ މައިގަނޑު ބާޒާރަކީ ތައިލެންޑް އަދި ޔޫރަޕެވެ. މިމަސްވެރިކަމުގައި ބާނާ މަސް ދިވެހިރާއްޖެއިން އެކްސްޕޯޓްކުރަނީ ގަނޑުކުރިމަހުގެ (ފްރޯޒަން މަހުގެ) ގޮތުގައި ނުވަތަ ދަޅުމަހުގެ ގޮތުގައެވެ. މިދެބާވަތަކީވެސް ގިނަ ދުވަހަށް ރައްކާކުރެވޭ ގޮތަށް ތައްޔާރުކުރެވޭ ދެ ބާވެތެވެ.

އަތުނަނުގައި ބާނާ ބޮޑު ކަންނެއްޔަކީ ފިނިކުރި މަހުގެ ގޮތުގައި (ފްރެޝް) ޔޫރަޕަށް އަދި އެމެރިކާއަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތެކެވެ. ކަޅުބިލަމަހާއި ޚިލާފަށް ބޮޑު ކަންނެއްޔަކީ، ފިނިކުރި މަހުގެ ގޮތުގައި އެކްސްޕޯޓްކުރާ ބާވަތަކަށްވާތީ އެއީ [ޝެލްފް ލައިފް] ކުރު އަވަހަށް ރޯލްވާ ދެބާވަތެވެ. އަދި މިބާވަތްތައް ޔޫރަޕުގައި ޓާގެޓްކުރެވެނީ، ރެސްޓޯރަންޓް/ ކެފޭ، ނުވަތަ ސުޕަމާކެޓްތަކާއި ހޯލް ސޭލްކުރާ ފަރާތްތަކަށެވެ.

ދިވެހިރާއްޖޭގައި މަސް އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓްކުރާ ޔޫރަޕުގައި ހަލުއި މިނެއްގައި މިހާރު ފެތުރެން ފަށާއިފައިވާ ކޮވިޑް-19ގެ ސަބަބުން ޔޫރަޕުގެ ގިނަ ގައުމުތަކެއްގައި [ލޮކް ޑައުން] އިއުލާނުކޮށް ކެފޭ، ރެސްޓޯރަންޓް ފަދަ ވިޔަފަރިތައް ވަގުތީގޮތުން ބަންދުކުރުމަށް ނިންމުމާއި ގުޅިގެން އަދި ބައެއް ސަރަޙައްދުތަކުގައި ބޭރަށް ނިކުމެ އުޅުން އެއްކޮށް މަނާކުރުމާއި ގުޅިގެން ޔޫރަޕުގައި [ފްރެޝް] މަހުގެ ވިޔަފާރި ދަށްވެ، ދިވެހިރާއްޖޭގެ މަސްވެރިކަމަށް ފާއިތުވެދިޔަ 2 ހަފްތާގައި ބޮޑު ގެއްލުމަކާއި ވަނީ ކުރިމަތިލާންޖެހިފައެވެ. މިއާ ޚިލާފަށް ގިނަ ދުވަހަށް ރައްކާކުރެވޭ ފްރޯޒަން މަހަށް ނުވަތަ ދަޅުގައި ބަންދުކުރާ މަހުގެ ޑިމާންޑްވަނީ މައްޗަށް ގޮސްފައެވެ.