Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ ބިންގަލަކީ ރާއްޖޭގައި އެތައް އަހަރެއްވަންދެން ހައްލުނުވެ އޮތް ބޮޑު އިޖުތިމާއީ މައްސަލައެއް ހައްލުކުރުމުގެ ބިންގާ- މިނިސްޓަރ ޢިމްރާން

މިނިސްޓަރ މިހެން ވިދާޅުވީ ކުޑަހުވަދޫގައި ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު

މިނިސްޓްރީ އޮފް ހޯމްއެފެއާޒް އިދާރާ




ދ.ކުޑަހުވަދޫގައި މިއަދު އެޅި ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ ބިންގަލަކީ ރާއްޖޭގައި އެތައް އަހަރެއްވަންދެން ހައްލުނުވެ އޮތް ބޮޑު އިޖުތިމާއީ މައްސަލައެއް ހައްލުކުރުމުގެ ބިންގާކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ. ބިންގާ އަޅުއްވައިދެއްވުމަށްފަހު މިނިސްޓަރ ވިދާޅުވީ އެއީ އެބިންގަލުގެ މައްޗަށް ރާއްޖޭގެ އިޖުތިމާއީ ވެށި ހަރުދަނާ ކުރުމުގެ މުހިއްމު ބިނާއެއް ބިނާކުރެވިގެންދާނެ ބިންގާކަމަށެވެ. މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވީ ދިވެހިރާއްޖޭގެ މިއަދުގެ ހާލަތުގައި ބޮޑަތި އިޖުތިމާއީ އެތައް ކަމެއް އެބަހުރިކަމަށެވެ. އަދި އެކަންކަން ހައްލުކުރުމަށް އަޅުގަނޑުމެން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކަށް ބަލާލާއިރު އަޅުގަނޑުމެންގެ މިޤައުމުގައި ކުރިއަރާ ތަރައްޤީވެ ކުރިއަށްދިއުމުގެ ގިނަ ވިސްނުންތައް އެބަހުރިކަމަށެވެ. ނަމަވެސް އޭގެތެރެއިން އަޅުގަނޑުމެންނަށް އެންމެބޮޑަށް ޤަބޫލުކުރެވެނީ އިޤްތިޞާދީ ތަނަވަސްކަމާއި, މާލީ ފުދުންތެރިކަމާއި ތިޔާގިކަން އޮތުން އެއީ ހިތްހަމަޖެހުމާއި އުފާ ލިބުމުގެ އެންމެ މުހިއްމު ސަބަބެއްކަމުގައި ކަމަށެވެ.

"އެކަމަށްޓަކައި އެންމެނަށް ވާދަކުރެވި ހުރިހާ ވަގުތެއް ހޭދަކުރެވި އަޅުގަނޑުމެންގެ ހުރިހާ ހަކަތައެއް ދުއްވާލެވެނީ ތިޔާގިކަމާއި ތަނަވަސްކަމަށް. ލޮލަށް ފެންނަ ތަރައްޤީއާއި ކުރިއެރުމަށް. އެހެންނަމަވެސް އިންސާނީ މުޖުތަމައެއް އުފާވެރި ހިތްހަމަޖެހޭ މުޖުތަމައަކަށްވާނީ އިޤްތިސާދީ ތަނަވަސްކަމާއި, ތިޔާގިކަމާ އެއްވަރަށް ނުވަތަ އެއަށްވުރެ ކުރިއަށް އިޖުތިމާއީ ދުޅަހެޔޮކަމާއި, ބަދަހިކަމާއި ރައްކާތެރިކަން ހޯދައިގެން." މިނިސްޓަރ ވިދާޅުވިއެވެ.

ދުނިޔޭގެ ކުރިއަރާފައިވާ މުޖުތަމައުތަކުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ އެފަދަ މުޖުތަމައުތަކުގައި އުފެދިގެންދާ އިޖުތިމާއީ ރައްކާތެރިކަމާއި, ބަދަހިކަމާއި ދުޅަހެޔޮކަމަކީ އެތަންތަނުގެ އިޤްތިސާދީ ކުރިއެރުމަށްވުރެ ބޮޑަށް ކުރިއަރާފައިހުރި ކަންކަންކަމަށެވެ. އެހެންކަމުން އަޅުގަނޑުމެންގެ ޤައުމުގައިވެސް ކުރިއަރާ އުފާވެރި މުޖުތަމައުއެއް ލިބެން ބޭނުންކަމުގައިވާނަމަ އެމަގުން ހިނގުން އެއީ ކޮންމެހެން ކުރަންޖެހޭނެކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އަޅުގަނޑުމެން މިއަދު މިކުރިމަތިލާ މައްސަލަތަކަށް ހައްލު ހޯދޭނީ ހުރިހާ އެންމެން އެކުވެ, ގުޅި ލާމެހިގެންކަމަށެވެ. ރާއްޖޭގެ ވީރާނާވެ ހަލާކުވެފައިވާ އިޖުތިމާއީ ވެށި އަނބުރާ ރުޖޫއަކުރެވޭނީ ސަރުކާރާއި ރައްޔިތުންނާއި, ޖަމްއިއްޔާ ޖަމާއަތްތަކާއި, މުޅި ދައުލަތުގައި ހިމެނޭ ހުރިހާ އެންމެން އެކުވެ ގުޅި ލާމެހިގެންކަމަށެވެ.

“އެއީ އަޅުގަނޑުމެންނަށް ކުރިއަރައިގެން ދެވޭނެ ގޮތަކީ. ހަރުދަނާ މުޖުތަމައެއް ބިނާކުރުމަށް އެންމެ ފުރަތަމަ ބޭނުންވަނީ ރަނގަޅު ފަރުދެއް ބިނާކުރުން. އެއަށްފަހު އެފަރުދުގެ މައްޗަށް ބިނާވާ ހެޔޮލަފާ ރަނގަޅު އާއިލާއެއް ބިނާކުރުން. އެއާއެކުގައި ބަދަހި ދުޅަހެޔޮ އިޖުތިމާއީ ރަނގަޅު މުޖުތަމައެއް ބިނާކުރުން. އޭގެ މައްޗަށް ޤައުމެއް ބިނާވެގެންދާނީ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢިމްރާން ވިދާޅުވީ އަޅުގަނޑު ހިތުން އެންމެން ގުޅިގެން އެކުވެ މިކުރާ މަސައްކަތަކީ މިއީކަމަށެވެ. މިސަރުކާރު ހަވާލުވެ މިދެންނެވި މައްސަލަތަކުގެ ހާލަތު ދެނެގަނެ ހައްލު ހޯދުމުގެ މަސައްކަތްތައް ފަށައިގަންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިއަދު މިއެޅުނު ބިންގަލަކީ ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ މައްޗަށް ކުރެވުނު މަސައްކަތްތަކުގެ މުހިއްމު އެއް މަސައްކަތުގެ ބިންގާކަމަށެވެ. މިމަސައްކަތް ފުރިހަމަވެ ކާމިޔާބުވާނީ ކުޑަހުވަދޫގެ ރައްޔިތުންގެ އެއްބާރުލުމާއެކުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ކުޑަހުވަދޫއަކީ މިކަމަށް ވަރަށް ލާއިޣު ރަށެއްކަމަށެވެ.