Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު މިނިސްޓަރ އޮފް ޑިފެންސް "ސެނަހިޔާ ނޮދަން" ކްލިނިކް ހުޅުއްވައިދެއްވުން

"ސެނަހިޔާ ނޮދަން" ކްލިނިކަކީ ސިފައިންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ލިބިގެންދިޔަ ދިރުމެއް: މިނިސްޓަރު މާރިޔާ

މިނިސްޓްރީ އޮފް ޑިފެންސް އިދާރާ




"ސެނަހިޔާ ނޮދަން" ކްލިނިކަކީ ސިފައިންގެ ވެލްފެއަރގެ ކަންކަން ދުވަހަކަށްވުރެ ދުވަހެއް ރަނގަޅުކޮށް، ވީހާވެސް ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމަށް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ތަޞައްވުރަށް ލިބިގެންދިޔަ ދިރުމެއް ކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ، ފާދިއްޕޮޅު މާފިލާފުށީގައި ހުންނަ ސިފައިންގެ ޓްރެއިނިންގ ސެންޓަރުގައި "ސެނަހިޔާ ނޮދަން" ގެ ނަމުގައި ކްލިނިކެއް ހުޅުވައިދެއްވާ، ދެއްކެވި ވާހަކަފުޅުގައެވެ.

މިކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، ކޮންމެ ސިފައިންގެ މީހަކީ ޤާބިލް، ޕްރޮފެޝަނަލް، ހަށިހެޔޮ، "ފައިޓިންގ ފިޓް" ސޯލްޖަރއެއްގެ ގޮތުގައި ބިނާކުރުމަށްޓަކައި، ދޭންޖެހޭ ތަމްރީނުތައް ދީ، ޤައުމަށް ކުރިމަތިވެދާނެ ނުރައްކަލުގެ ޙާލަތްތަކާ ކުރިމަތިލުމަށް ތައްޔާރުކުރަނީ ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ކަމަށެވެ. އަދި ޤައުމީ ވާޖިބަކަށް ސިފައިން ތައްޔާރުކުރާއިރު، ޞިއްޙީގޮތުން ސިފައިންނަށް ލިބޭ ޒަޚަމްތަކާއި ހާނިއްކަތަކާއި މިނޫންވެސް ޞިއްޙީ ފަރުވާއަށް ބޭނުންޖެހިއްޖެ ޙާލަތެއްގައި، އެޚިދުމަތް އެންމެ އެކަށޭނަގޮތުގައި ފޯރުވައިދިނުމަކީ، ޤައުމީ ސަލާމަތާވެސް ގުޅިފައިވާ މުހިންމު މަސްއޫލިއްޔަތެއް ކަމަށް ވެސް މިނިސްޓަރުގެ ވާހަކަ ފުޅުގައި ވިދާޅުވި އެވެ.

"މި ކްލިނިކަކީ، ސިފައިންނަށް ޞިއްޙީގޮތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް، ރައްކާތެރިކަމާއެކު، ފޯރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގައި ލިބުނު ކުރިއެރުމެއް. މިކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލަށާއި، ޖެނެރަލް އޮފިސަރުންނަށް ތަހުނިޔާއާއި މުބާރިކްބާދީ ދަންނަވަން." މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރު ވަނީ ކޯވިޑް-19ގެ މި ދަތި އުނދަގޫ ހާލަތުގައިވެސް، ވަރަށް ގުޅިގެން، އެހާމެ ފުރިހަމައަށް މިކްލިނިކްގެ މަސައްކަތް ނިންމާފައިވާތީ، ސިފްކޯއަށާއި، އެމް.އެން.ޑީ.އެފްގެ ސަރޖަން ޖެނެރަލް ކާނަލް ޑޮކްޓަރ ޢަލީ ޝާހިދަށާއި މެޑިކަލް ކޯގެ ސިފައިންނަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވައިފައެވެ. ކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯރސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، ސީ.ޑީ.އެސް.އެސްގެ ޖެނެރަލް އޮފިސަރ ކޮމާންޑިންގ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދު އާއި އެމް.އެން.ޑީ.އެފްގެ ޖެނެރަލް އޮފިސަރުންގެ އިތުރުން ނޯދަން އޭރިޔާ ކޮމާންޑަރ ކާނަލް އިސްމާއީލް ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.