Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ބައިނަލްއަޤްވާމީގޮތުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ސްޓްރެޓީޖިކް އިންޓެލިޖަންސްގެ ދައުރު ވަރަށް ބޮޑު: މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ

މިނިސްޓަރ މާރިޔާ ވަނީ 14 ވަނަ އިންޑޯ-ޕެސިފިކް އިންޓެލިޖަންސް ޗީފްސް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި

މިނިސްޓްރީ އޮފް ޑިފެންސް އިދާރާ




ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް މަގުދައްކާ އަދި އާންމު ރައްޔިތުންގެ ދިރިއުޅުން ބައްޓަންކުރުމުގައި ސްޓްރެޓީޖިކް އިންޓެލިޖަންސްގެ ދައުރު ވަރަށް ބޮޑު ކަމަށާއި، ބައިނަލްއަޤްވާމީގޮތުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އިންޓެލިޖަންސްގެ ޙިއްސާ ވަރަށް ބޮޑު ކަމަށް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، 20 އަށް ވުރެ ގިނަ ޤައުމުގެ ޑިފެންސް އިންޓެލިޖަންސްގެ އިސްވެރިން ބައިވެރިވެޑައިގެންނެވި އަދި މިމަހުގެ 6 އިން 8 އަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ 14 ވަނަ އިންޑޯ-ޕެސިފިކް އިންޓެލިޖަންސް ޗީފްސް ކޮންފަރެންސް ހުޅުވުމަށް، ހޯމަދުވަހު ހެނދުނު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަހަރުގެ ކޮންފަރެންސްގެ މަޢުޟޫޢަކީ "އޯވަރކަމިންގ ގްލޯބަލް އިންޓެލިޖަންސް ޗެލެންޖަސް ތުރޫ ޕާޓްނަރޝިޕްސް"، ނުވަތަ ބައިނަލްއަޤްވާމީ އިންޓެލިޖަންސް އިދާރާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ޕާޓްނަރުންނާ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އެކަމަނާ ވަނީ، 2 ބިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ އަދި ކަނޑުމަގުން ކުރާ ވިޔަފާރީގައި އެންމެ ކުރިއަރާފައިވާ އިންޑިޔާ ކަނޑު ހިމެނޭ ސަރަޙައްދުގައި އިސްތިރާޖީގޮތުން އައިސްފައިވާ މައިގަނޑު ބަދަލުތަކާއި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ދޭދޭ ޤައުމުތަކުން ގުޅިގެން، އިންޓެލިޖަންސް މަޢުލޫމާތާއި ބެސްޓް ޕްރެކްޓިސް ޙިއްސާކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަދަ ގޮންޖެހުންތަކާ ދެކޮޅަށް ޓްރެއިނިންގްތައް ހިންގުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އަބަދުވެސް ބާރުއަޅުއްވާ ކަމެއް ކަމަށާއި، މި ކޮންފަރެންސް މެދުވެރިކޮށް، އެކަން ކުރުމަށް އިތުރު ދޮރުތައް ހުޅުވިގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް، މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.

99.7 އިންސައްތަ ފެނުގެ މައްޗަށް އެކުލެވިފައިވުމުގެ އިތުރުން، އެއްހާހަށްވުރެ ގިނަ ރަށުގެ ތެރެއިން، އެއްބައި ރަށްރަށުގައި މީސްކޮޅު މަދު، އަދި ތޮއްޖެހި ފިތިފައި އޮންނަ މާލެއަކީ ވެރިރަށްކަމުގައިވާ ރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގެ ސަލާމަތާއި ރައްކާތެރިން ކަށަވަރުކުރުމުގައި، ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށްޗެސް މިނިސްޓަރ ވަނީ އަލިއަޅުއްވާލައްވާފައެވެ.