Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު އެމެރިކާގެ ސްޓޭޓް ޕާރޓްނަރޝިޕް ޕްރޮގްރާމްގައި ރާއްޖެއިން ބައިވެރިވުމުން ރާއްޖޭގެ ދިފާޢީ ދާއިރާގެ ޤާބިލްކަމާއި ހުޝިޔާރުކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ - މިނިސްޓަރ މާރިޔާ

މިނިސްޓަރ މާރިޔާ ވަނީ މޮންޓޭނާ ނެޝަނަލް ގާޑް ސްޓޭޓް ޕާރޓްނަރޝިޕް ޕްރޮގްރާމްގެ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާފައި

މިނިސްޓްރީ އޮފް ޑިފެންސް އިދާރާ
އެމެރިކާގެ ސްޓޭޓް ޕާރޓްނަރޝިޕް ޕްރޮގްރާމްގައި ރާއްޖެއިން ބައިވެރިވުމުން ރާއްޖޭގެ ދިފާޢީ ދާއިރާގެ ޤާބިލްކަމާއި ހުޝިޔާރުކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، މޮންޓޭނާ ނެޝަނަލް ގާޑް ސްޓޭޓް ޕާރޓްނަރޝިޕް ޕްރޮގްރާމްގައި ރާއްޖެއިން ބައިވެރިވުމާބެހޭ އެއްބަސްވުމުގައި ސޮއިކުރުމަށް އެމްއެންޑީއެފް އިންޓަރގްރޭޓަޑް ހެޑްކުއާޓަރޒްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ، ދުނިޔޭގެ 90 އަށްވުރެ ގިނަ ޤައުމުން ބައިވެރިވެފައިވާ މިޕްރޮގްރާމްގައި ރާއްޖެއިން ބައިވެރިވިކަމީ، ދިވެހިރާއްޖެއާއި އެމެރިކާ ސަރުކާރާ ދެމެދު، ދިފާޢީ އަދި ސަލާމަތީގޮތުން އެއްބާރުލުން އިތުރުކުރަން އެކުލަވާލައި، 2020 ވަނަ އަހަރު ސޮއިކުރި ފްރޭމްވަރކް އެގްރީމެންޓަށް ޢަމަލީ ސިފަ އަންނަމުންދާކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

މިނިސްޓަރ މާރިޔާ ވަނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އެމެރިކާ ސަރުކާރާ ގުޅިގެން ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި، ރާއްޖެއާއި އެމެރިކާގެ ދިފާޢީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަން ފާހަގަކުރައްވާފައެވެ.

އެމެރިކާގެ މޮންޓޭނާ ނެޝަނަލް ގާޑު ސްޓޭޓް ޕާރޓްނަރޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ދިފާޢީ އަދި ސަލާމަތީ މާޙައުލާ އެއްގޮތަށް ބައްޓަންކޮށްފައިވާ ޕްރޮގްރާމެއްކަން ފާހަގަކުރައްވާ، މިނިސްޓަރ މާރިޔާ ވިދާޅުވީ، މިޕްރޮގްރާމްގެ ދަށުން، ރާއްޖޭގެ ސަލާމަތާ ގުޅޭ ތަފާތު ގިނަ ދާއިރާތަކުން އެއްބާރުލުން އިތުރުކުރަން މަގުފަހިވެގެންދާނެކަމަށެވެ. މިދާއިރާތަކުގެ ތެރޭގައި، އިންސާނީ އެހީ ފޯރުކޮށްދިނުމާއި ކާރިސާތަކުގައި އެހީތެރިވުމާއި ލީޑަރޝިޕްގެ ހުނަރު ތަރައްޤީކުރުމުގެ އިތުރުން، ސައިބަރސެކިއުރިޓީ އާއި ކޮމިއުނިކޭޝަން ސެކިއުރިޓީ، މެރިޓައިމް ޑޮމައިން އެވެއާނަސް، އޭވިއޭޝަން ސެކިއުރިޓީ، މިލިޓަރީ މެޑިކަލް އަދި އިންޖިނިއަރިންގ، އޮޕަރޭޝަނަލް ލޮޖިސްޓިކްސް އަދި ކެމިކަލް، ބަޔޮލޮޖިކަލް، ރޭޑިއޮލޮޖިކަލް، ނިއުކްލިއަރ އަދި އެންވަޔަރަމެންޓަލް ޑިފެންސް އަދި ރެސްޕޮންސް ފަދަ ދާއިރާތައް ހިމެނެއެވެ.

އެމެރިކާ ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މޮންޓޭނާ ނެޝަނަލް ގާޑުގެ މޭޖަރ ޖެނެރަލް ޖޯން ރޮނިކްއެވެ.

މިރަސްމިއްޔާތުގައި އެމެރިކާގެ ވަފްދުގެ ބޭފުޅުންނާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލާއި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހިސާން ޙަސަނާއި، ޑިރެކްޓަރ އޮފް އެންޓި-ހިއުމަން ޓްރެފިކިންގ ޢަލީ ޖައިޝަން ޢާމިރާއި ހުރިހާ ރޭންކެއްގެ ސިފައިންވަނީ ބައިވެރިވެވަޑައިގެންފައެވެ.