Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންގެ ސަމާލުކަމަށް

ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންގެ ސަމާލުކަމަށް

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިދާރާ




ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންގެ ސަމާލުކަމަށް 11 ޖުލައި 2021، މާލެ. ކޮވިޑް-19 އާއި ގުޅިގެން ސްރީލަންކާއަށް ދަތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް 7 ޖުލައި 2021 ގައި ވަނީ ލުއިތަކެއް ދީފައެވެ. މިގޮތުން ދީފައިވާ ލުއިތަކުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.

  1. ސްރީލަންކާއަށް ދަތުރުކުރުމުގެ ހުއްދަ ހޯދުން:
  • ސްރީލަންކާއަށް ދަތުރުކުރުމުގައި ޓޫރިސްޓް ރޫޓު އިޚްތިޔާރުކުރައްވާނަމަ، އިތުރު ހުއްދައެއް ހޯދުމަކާ ނުލައި، https://www.srilanka.travel/helloagain ވެބްސައިޓުގައި ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ETA (އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން) ހޯއްދަވައިގެން ދަތުރުކުރެއްވޭނެއެވެ.
  • ޕޮރޮޖެކްޓަކާ ގުޅިގެން، ނުވަތަ މުހިއްމު ބައްދަލުވުންތަކަށް ނުވަތަ މަޝްވަރާތަކަށް، ސްރީލަންކާގެ ސަރުކާރުގެ އިދާރާއަކުން ނުވަތަ ސްރީލަންކާގެ އަމިއްލަ އޮގަނައިޒޭޝަނަކުން ދަޢުވަތުދީގެން ދާ ފަރާތްތަކާއި، ރެސިޑެންސް ވިސާ އޮންނަ ފަރާތްތަކުން، ޓޫރިސްޓް ރޫޓު ނޫން ގޮތަކަށް ދަތުރުކުރާނަމަ، ދަތުރުކުރެވޭނީ އެ ޤައުމުގެ ފޮރިން މިނިސްޓްރީގެ ހުއްދައަކާއެކުއެވެ. ހުއްދަ ހޯއްދެވުމަށް ގުޅުންހުރި ހުރިހާ ލިޔެކިޔުންތަކާއެކު ހުށައަޅާނީ entry.permission@mfa.gov.lk މި އީމެއިލް އެޑްރެހަށެވެ.
  1. ދަތުރުކުރުމުގެ ކުރިން:
  • ސްރީލަންކާއަށް ދަތުރުކުރާ ހުރިހާ ފަރާތްތަކުންވެސް، ދަތުރުކުރުމުގެ ކުރިން 72 ގަޑިއިރުގެ ތެރޭ ހައްދާފައިވާ ކޮވިޑް-10 ނެގެޓިވް PCR ނަތީޖާއެއް ގެންދަންޖެހޭނެއެވެ.
  • ކޮވިޑް-19 ވެކްސިން ޖައްސަވާފައިވާފަރާތްތަކުން ވެކްސިނޭޝަން ކާޑުގެ އަޞްލު ގެންދަންޖެހޭނެއެވެ.
  1. ސްރީލަންކާއަށް ދަތުރުކުރާ ދުވަހު:
  • ސްރީލަންކާއަށް ދަތުރުކުރާދުވަހު، އެއާޕޯޓުގެ އޮފިޝަލުންނަށް، PCR ޓެސްޓުގެ ނަތީޖާއާއި، ވެކްސިން ކާޑު ދައްކަންޖެހޭނެއެވެ. އަދި ހެލްތު ޑެކްލަރޭޝަން ފޯމެއް ފުރަންޖެހޭނެއެވެ.
  • އެއާޕޯޓުގެ އެންމެހާ ކަންކަން ނިމުމުން، އެމީހަކު ހުންނަން ހަމަޖެހިފައިވާ ރައްކާތެރި ލެވެލް – 1 ގެ ހޮޓަލަށް، ނުވަތަ ކަރަންޓީނު ހޮޓަލަކަށް ނުވަތަ ކަރަންޓީނު މަރުކަޒަކަށް ގެންދެވޭނެއެވެ. އަދި 2 އަހަރުން މަތީގެ ފަރާތެއް ނަމަ، “Arrival PCR” ޓެސްޓު ހަދަންޖެހޭނެއެވެ. 2 އަހަރުން ދަށުގެ ކުދިން މި ޓެސްޓު ހަދަންޖެހޭނީ އެކުގައި ދަތުރުކުރާ މީހަކު މި ޓެސްޓުން ފޮޒިޓިވް ވެއްޖެނަމައެވެ.
  1. ކަރަންޓީނުކުރުމާ ގުޅޭ އުޞޫލުތައް:
  • ކޮވިޑް-19 ގެ ވެކްސިން ފުރިހަމަކުރިތާ 14 (ސާދަ) ދުވަސް ފަހުން ދަތުރުކުރާ ފަރާތްތަކާއި އަދި އެކުގައި ދަތުރުކުރާ 2 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން، ސްރީލަންކާއަށް އެތެރެވާ ދުވަހު، ހައްދާ “Arrival PCR” ޓެސްޓުން ނެގެޓިވް ވެއްޖެނަމަ، އިތުރު ކަރަންޓީނަކާ ނުލައި ދޫކޮށްލެވޭނެއެވެ. އަދި ދޫކޮށްލުމުން އެކަން އޭރިއާ މެޑިކަލް އޮފިސަރަށް ވަގުތުން އަންގަންޖެހޭނެއެވެ. މި ފަރާތްތަކުން، ސްރީލަންކާއަށް ދަތުރުކުރިތާ 7 (ހަތެއް) ވަނަ ދުވަހު، އެ ޤައުމުގެ ހެލްތު މިނިސްޓްރީން ޤަބޫލުކުރާ ލެބޯޓަރީއަކުން އިތުރު PCR ޓެސްޓެއް ހައްދަންޖެހޭނެއެވެ.
  • ކޮވިޑް-19 ގެ ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކާއި، ވެކްސިން ފުރިހަމަކުރިނަމަވެސް، ފުރިހަމަކުރިތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ދަތުރުކުރާ ފަރާތްތަކާއި އަދި އެކުގައި ދަތުރުކުރާ 2 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން، ރައްކާތެރި ލެވެލް 1 ގެ ހޮޓަލެއްގައ، ނުވަތަ ކަރަންޓީނު ހޮޓަލެއްގައ ނުވަތަ ކަރަންޓީނު މަރުކަޒެއްގައި 14 (ސާދަ) ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަންޖެހޭނެއެވެ. މި ފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ މި މުއްދަތަށްފަހު ހައްދާ “Exit PCR” ޓެސްޓުގެ ނެގެޓިވް ނަތީޖާއާ އެކުގައެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި އެ ފަރާތެއް ވެކްސިން ފުރިހަމަކުރިތާ 14 (ސާދަ) ދުވަސް ހަމަވެއްޖެނަމަ، ނެގެޓިވް PCR ޓެސްޓަކާއެކު ކަރަންޓީނުން ދޫކޮށްލެވޭނެއެވެ. އަދި ދޫކޮށްލުމުން އެކަން އޭރިއާ މެޑިކަލް އޮފިސަރަށް ވަގުތުން އަންގަންޖެހޭނެއެވެ.

ވީމާ، ސްރީލަންކާއަށް ދަތުރުކުރައްވަން ޤަޞްދުކުރައްވާ ދިވެހިން މިކަމަށް ސަމާލުކަންދެއްވުމަށް ދަންނަވަމެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލު އައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މަޢުލޫމާތު ސާފުކުރެއްވުމަށްވެސް އެދެމެވެ.