Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ޓިޕް ރިޕޯޓުގެ ޓިއަރ 2 އަށް ރާއްޖެ ޕްރޮމޯޓުވެއްޖެ

ޓިއަރ 2 އަށް ޕްރޮމޯޓުވެފައިވަނީ ވިދިވިދިގެން 3 އަހަރު ވޮޗްލިސްޓުގައި އޮތުމަށްފަހު

މިނިސްޓްރީ އޮފް ޑިފެންސް އިދާރާ
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ކޮންމެ އަހަރަކު ނެރުއްވާ ޓްރެފިކިންގ އިން ޕަރސަންސް (ޓިޕް) ރިޕޯޓުގެ ޓިއަރ 2 އަށް ރާއްޖެ ޕްރޮމޯޓުވެއްޖެއެވެ.

އެމެރިކާ ސަރުކާރުންވަނީ، 2017 ވަނަ އަހަރު، ރާއްޖޭގެ ޓްރެފިކިންގ ރެކޯޑަށް ބެެއްލެވުމަށްފަހު، ޓްރެފިކިންގ ވޮޗްލިސްޓުގައި ހިމަނުއްވާފައެވެ. 2020 ވަނަ އަހަރު ރާއްޖެއިން ވަނީ، ހިއުމަން ޓްރެފިކިންގާ ދެކޮޅަށް އާ އެކްޝަން ޕްލޭނެއް އެކުލަވާލައި، ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓިއަރިންގ ކޮމިޓީގެ އޮނިގަނޑާއި ހިންގުން ހަރުދަނާކޮށް، ޓިއަރ 3 އަށް އޮޓޮމެޓިކުން ޑައުންގްރޭޑު ވިޔަ ނުދީ ސަލާމަތްވެފައެވެ. ޓިއަރ 3 އަށް ވެއްޓުމަކީ، އެމެރިކާ ސަރުކާރުން ރާއްޖެއަށް ދެއްވާ ނޮން-ހިއުމެނިޓޭރިއަން އެހީ ކަނޑައިލުމަށް މަގުފަހިވާނެ ކަމެކެވެ.

އެމެރިކާ ސަރުކާރުން ވިދާޅުވީ، ޓިޕް ރިޕޯޓުގައި ރާއްޖެއިން މަތީ ގިންތިއަކަށް ޕްރޮމޯޓުވެފައިވާ ކަމުން ރަމްޒުކޮށްދެނީ، ނުހަނު ދަތި އުނދަގޫ ޙާލަތުގައިވެސް، އިންސާނީ ވަގުފާރިއާ ދެކޮޅަށް، މިދިޔަ އަހަރުގެ ތެރޭގައި، ސަރުކާރުން އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން، ބޮޑު ކުރިއެރުމެއް ޙާސިލްވެފައިވާކަމެވެ.

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ، ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކުގައިވެސް، އިންސާނީ ވަގުފާރިއާ ދެކޮޅަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ދެއްވާ އަޙައްމިއްޔަތުކަމާއި ޚާއްޞަ އިސްކަން ފާހަގަކުރައްވައި، އެމަނިކުފާނަށާއި ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ޝުކުރުއަދާކުރައްވާފައެވެ. އަދި 1 ޑިސެމްބަރ 2019 އިން ފެށިގެން، މިނިސްޓްރީ އޮފް ޑިފެންސުން ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ، ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓިއަރިންގ ކޮމިޓީގެ ރައީސް އަދި ޑިރެކްޓަރ އޮފް އެންޓި-ހިއުމަން ޓްރެފިކިންގ ޢަލީ ޖައިޝަން ޢާމިރާއި ކޮމިޓީގެ ހުރިހާ މެންބަރުންގެ ބުރަ މަސައްކަތްޕުޅާއި، ކޮމިޓީއަށް އެއްބާރުލުން ދެއްވާ ފަރާތްތަކުގެ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަނާވަނީ ޝުކުރުއަދާކުރައްވާފައެވެ.

އިންސާނީ ވަގުފާރިއާ ދެކޮޅަށް ސަރުކާރުން އެކުލަވާލައްވާފައިވާ އެކްޝަން ޕްލޭންގެ ދަށުން، މިދިޔަ އަހަރުގެ ތެރޭގައި، ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ވަނީ ޙާސިލްކޮށްފައެވެ. އޭގެ ތެރޭގައި، އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚާއްޞަ ޝެލްޓަރެއް ގުޅީފަޅުގައި ޤާއިމްކުރުމާއި، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިންގާ ގޮތަށް އެންޓި-ޓްރެފިކިންގ އިން ޕަރސަންސް (އެންޓި-ޓިޕް) އޮފީސް ޤާއިމްކުރުމަށާއި އެކްޝަން ޕްލޭން ތަންފީޛުކުރުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ޤާނޫނު، އ.ދ.ގެ ޓިޕް ޕްރޮޓޮކޯލްއާ އެއްގޮތްކުރަން ޤާނޫނަށް ބަދަލުގެނައުން ހިމެނެއެވެ.