Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމު ޢުމަރު ޒާހިރު އަވަހާރަވުމާ ގުޅިގެން ހުޅުވާލާފައިވާ ތައުޒިޔާގެ ދަފްތަރުގައި ހޯމް މިނިސްޓަރ ސޮއި ކުރައްވައިފި

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމު ޢުމަރު ޒާހިރު އަވަހާރަވުމާ ގުޅިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ހުޅުވާލާފައިވާ ތައުޒިޔާގެ ދަފްތަރުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ސޮއި ކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ހޯމްއެފެއާޒް އިދާރާ
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމު ޢުމަރު ޒާހިރު އަވަހާރަވުމާ ގުޅިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ހުޅުވާލާފައިވާ ތައުޒިޔާގެ ދަފްތަރުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ސޮއި ކުރައްވައިފިއެވެ.

އާޓް ގެލެރީގައި ހޯމް މިނިސްޓްރީން ހުޅުވާލާފައިވާ ތައުޒިޔާގެ ދަފްތަރުގައި ލިޔުއްވި ބަޔާނުގައި މިނިސްޓަރ ޢިމްރާން ވަނީ ދާޚިލީ ވުޒާރާއަށާއި މިޤައުމަށް ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ އަލްމަރުޙޫމް ޢުމަރު ޒާހިރު ކޮށްދެއްވި އަގުނުކުރެވޭނެ ޚިދުމަތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދާޚިލީ ވުޒާރާއަކީ ނޢޢވ އަލްމަރުޙޫމް ޢުމަރު ޒާހިރު ކާތިބުކަމުން ފެށިގެން ގޮސް 10 އަހަރަށްވުރެ ގިނަ ދުވަހު ވަޒީރުކަންވެސް ކުރައްވާފައިވާ ވުޒާރާއެއްކަން މިނިސްޓަރ ޢިމްރާން ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި ދާޚިލީ ވުޒާރާއިން އެމަނިކުފާނުގެ ޤައުމީ ޚިދުމަތުގެ ޞަފްހާތައް ފެއްޓެވިއިރު، ރަން އަކުރުން ފަވާލެވިފައިވާ ޚިދުމަތުގެ އެޞަފްޙާތަކުގައި، ހޯމް މިނިސްޓްރީން ނިންމާފައިވާ އެންމެ ތާރީޚީ ބައެއް ނިންމުތައްވެސް ހިމެނިފައިވާކަން ފާހަގަ ކުރައްވައި މިނިސްޓަރ ޢިމްރާން ވަނީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ދިނުމާއި އަދި ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތެއްގެ ގޮތުގައި ފަށައިގަތުން ޚާއްސަ ގޮތެއްގައި ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ޢިމްރާނުގެ ބަޔާނުގައި، ދާޚިލީ ވުޒާރާގެ ދާއިރާއިން ބޭރުން ނޢޢވ އަލްމަރުޙޫމް ޢުމަރު ޒާހިރު ޤައުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ އަދި ވަކިން ކުޑަ ޚިދްމަތްތަކެއް ނޫންކަން ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން މާލީ ގޮތުންނާއި ޢުމްރާނީ ގޮތުން ދަތި ދުވަސްވަރެއްގައި، ނޢޢވ އަލްމަރުޙޫމް ޢުމަރު ޒާހިރުގެ މޭސްތެރިކަމުގެ ދަށުން ދިވެހި ޗާޓުގައި ކުރެއްސެވި ދެ ރަށަކީ އެމަނިކުފާނުގެ ވަކިވެ ދިޔުމާއެކުގައިވެސް ކޮށްދެއްވި ޤައުމީ ޚިދުމަތުގެ ދެމިހުންނަނިވި ރަމްޒުތަކެއް ކަމަށް ވަނީ ލިޔުއްވާފައެވެ.

އަދި ވެރިއެއްގެ ގޮތުގައި ހުންނަވައިގެން ކޮށްދެއްވި މިހުރިހާ ޚިދުމަތްތަކެއްވެސް ކޮށްދެއްވާފައިވަނީ މަޤާމުގެ ޖާހަށްވުރެ، މަޤާމުގެ ޒިންމާއަށް ބައްލަވާ ސާދާކަމާއި ތެދުވެރިކަމާއެކުގައި ކަމަށާއި ޚިދުމަތުގެ ދިގު މުއްދަތުގައި ރައްޔިތުންގެ ތެރެއަށް ނިކުމެ ރައްޔިތުންގެ އަޑުއެއްސެވިކަމަށާއި އެމަނިކުފާނު ޚިދުމަތް ކޮށްދެއްވީ އޭގެ އެންމެ ފުރިހަމަ މާނާގައި ޤައުމާއި ދިވެހި ރައްޔިތުންނަށްޓަކައިކަން މިނިސްޓަރ ޢިމްރާން ވަނީ ފާހަގަ ކުރައްވާފައެވެ.

"ދާއިމީ އަރާމަކުން އަރާމު ތިހޯއްދެވީ ހީވާގިކަމާ މުރާލިކަމާއެކު 49 އަހަރުގެ ދިގު ޤައުމީ ޚިދްމަތަކަށްފަހުގައެވެ. އެކަމަށްޓަކައި، މިވުޒާރާގައި މަސައްކަތްކުރެއްވި އަދި ކުރައްވާ އެންމެހައި މުވައްޒަފުންނާއި އަދި ދިވެހި އެންމެހައި ރައްޔިތުންގެ ނަމުގައި އޮތީ މިނެއް ނެތް ޝުކުރެވެ." މިނިސްޓަރ ޢިމްރާން އަބްދުﷲ ލިޔުއްވިއެވެ.

ތައުޒިޔާގެ ދަފްތަރު ނިންމަވާލައްވަމުން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވަނީ ޚިދްމަތްތެރި ޚާދިމުންގެ ވެރި ރަސްކަލާނގެ، ﷲ ޞުބްޙާނަހޫ ވަތަޢާލާ، އަލްމަރްހޫމް ޢުމަރު ޒާހިރަށް ސުވަރުގޭގެ ތަނަވަސް ރަޙްމަތާއި ނިޢުމަތް މިންވަރު ކުރައްވައި އެމަނިކުފާނުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވާފައެވެ.

ތިން ދުވަހުގެ މުއްދަތަށް އާޓް ގެލަރީގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި މިހާތަނަށް ހޯމް މިނިސްޓަރ ޢިމްރާން އަބްދުﷲގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އާއި ނައިބްރައީސް ފައިސަލް ނަސީމްގެ އިތުރުން ކުރިގެ ރައީސް މައުމޫނާއި ސަރުކާރުގެ ބައެއް ވަޒީރުންވެސް ވަނީ ސޮއި ކުރައްވާފައެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމު ޢުމަރު ޒާހިރު އަވަހާރަވުމާ ގުޅިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ހުޅުވާލާފައިވާ ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރުން މާދަމާއިން ފެށިގެން އޮންނާނީ ވެލާނާގެ 10 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ހޯމް އެފެއާޒް ގައެވެ.