Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ޖަވާބުދާރީވުން

މިބައްދަލުވުމުގައި މިނިސްޓަރ މާރިޔާ އާއި އެމް.އެން.ޑީ.އެފްގެ ބޭފުޅުންވަނީ ކޮމިޓީން އެދިވަޑައިގެންނެވި ގޮތަށް ތަފްޞީލީ މަޢުލޫމާތު ދެއްވާފައި

މިނިސްޓްރީ އޮފް ޑިފެންސް އިދާރާ




އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ޖަވާބުދާރީވުމަށް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި އެމްއެންޑީއެފްގެ ބޭފުޅުންވަނީ، ކޮމިޓީން މިއަދު ހެނދުނު ބޭއްވި ބައްދަލުވުމަށް ޙާޟިރުވެވަޑައިގެންފައެވެ.

މިބައްދަލުވުމުގައި، މިނިސްޓަރ މާރިޔާ އާއި އެމް.އެން.ޑީ.އެފްގެ ބޭފުޅުންވަނީ ކޮމިޓީން އެދިވަޑައިގެންނެވި ގޮތަށް ތަފްޞީލީ މަޢުލޫމާތު ދެއްވާފައެވެ. މިގޮތުން، އުތުރު ތިލަފަޅު އެއްބަސްވުމަކީ، 11-10 އެޕްރީލް 2016 އަށް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި، އެޤައުމުގެ ސަރުކާރާއެކު ސޮއިކުރެއްވި "އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން ބިޓްވީން މޯލްޑިވްސް އެންޑް އިންޑިޔާ"ގެ ތެރޭގައި ހިމެނިފައިވާ 10 ދާއިރާގެ ތެރެއިން އެއް ދާއިރާކަންވަނީ ފާހަގަކުރައްވާފައެވެ. އުތުރު ތިލަފަޅުގެ އެއްބަސްވުން ހިމެނޭހެން، ދިފާޢީ ރޮނގުން އިންޑިޔާ ސަރުކާރާ ގުޅިގެން، މިހާތަނަށް އަދުގެ ސަރުކާރުން ކުރައްވާފައިވާ ކަންކަމަކީ، މިއެކްޝަން ޕްލޭނަށް ޢަމަލީ ސިފަ ގެނައުމަށްޓަކައި ކުރައްވާފައިވާ ކަންކަމެވެ.

ޒަމާނުއްސުރެ، އެމްއެންޑީއެފް ކޯސްޓްގާޑަށް އަމިއްލަ ޑޮކްޔާޑަކާއި ބަނދަރެއްގެ ބޭނުން އިންތިހާޔަށްވަނީ ބޮޑުވެފައެވެ. މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، 99.7 އިންސައްތަ ކަނޑުގެ މައްޗަށް އެކުލެވިފައިވާ މިޖަޒީރާ ޤައުމުގައި ހިނގާ ކަނޑުމަތީގެ ހާދިސާތަކުގައި މީހުންގެ ފުރާނަޔާއި މުދާ ސަލާމަތްކުރުމުގަޔާއި، ބަލިމީހުން އެއްރަށުން އަނެއްރަށަށް ގެންދިޔުމުގައި ޙަރަކާތްތެރިވަނީ ކޯސްޓްގާޑުގެ ސީ އެމްބިއުލަންސް ފަދަ އުޅަނދުތައް ކަމަށްވާއިރު، ޤަވާޢިދުން މަރާމާތާއި މެއިންޓެނަންސަށް ބޭނުންވާ މިއުޅަނދުތަކަށް، ސީދާ ރާއްޖޭގެ އަމިއްލަ ޑޮކްޔާޑަކުން އެޚިދުމަތްދިނުމުން، ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ލިބިގެންދާ ބޮޑެތި ލުއިފަސޭހަތައް ހިމެނެއެވެ. ހަމައެހެންމެ، ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތަކާއި މަސްތުވާތަކެއްޗާއި އިންސާނީ ވަގުފާރި ފަދަ ޖަރީމާތައް ހިންގާ ފަރާތްތައް އަތުލައިގަންނަން ކޯސްޓްގާޑުން ބޭނުންކުރާ "ކޯސްޓްގާޑްޝިޕް ހުރަވީ" ފަދަ އުޅަނދުތައް، މަރާމާތަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވަން ކުރަންޖެހޭ ބޮޑެތި ޚަރަދުތަކާއި އެތައް ވަގުތެއް ސަލާމަތްވުމުގެ އިތުރުން، އެއުޅަނދުތައް ނެތް ދަނޑިވަޅުގައި ސަލާމަތީގޮތުން ރާއްޖެއަށް ކުރިމަތިވާ ނުރައްކާ ކުޑަވުން ހިމެނެއެވެ.

އިސްވެ ދެންނެވުނު ސަބަބުތައް މިހެން ހުރުމާއެކު، ކޯސްޓްގާޑަށް އަމިއްލަ ޑޮކްޔާޑަކާއި ބަނދަރެއް ހޯދުމަށް، 2013 އިން ފެށިގެން މިހާތަނަށް، ކޮންމެ ސަރުކާރަކުންވަނީ މަސައްކަތްޕުޅު ކުރައްވާފައެވެ. މިގޮތުން، 2013 ގައި އޭރުގެ ދިފާޢީ ވަޒީރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގަޔާއި، 2015 ގައި އޭރުގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫނު އިންޑިޔާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވި ކުރެއްވުމުގައި، އުތުރުތިލަފަޅު މަޝްރޫޢާ ބެހޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ. އަދި 2016ގެ އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ޙަވާލުކުރެއްވި އޭރުގެ ދިފާޢީ ވަޒީރު އާދަމް ޝަރީފް ޢުމަރާއި އަދުގެ ސަރުކާރު ހިމެނޭހެން، ކޮންމެ ސަރުކާރަކުންވެސް މިމަސައްކަތް ކުރައްވާފައިވަނީ ކަމުގެ މުހިއްމުކަމާއި ބޭނުންތެރިކަން ނުހަނު ބޮޑުވެފައިވާތީ، އެކަމަށް އެކަށޭނަ ޙައްލެއް ހޯދައިދިނުމުގެ ގޮތުންކަން މިނިސްޓަރ މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ. މިބައްދަލުވުމުގައި ދެކެވުނު ހުރިހާ ވާހަކައެއްގެ އޯޑިޔޯ ރެކޯޑިންގ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް އާންމުކުރެވިފައެވެ.