Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ތަޤްރީރު ޚިޠާބް

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ އޮނަރަބަލް މުޙައްމަދު މަލީޙް ޖަމާލް ދެއްވާ ޚިޠާބް

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޯލޮޖީ ގެ ފަރާތުން




ނަމްބަރު: (PR)474/474/2020/12

ޢާލަމްތަކުގެ ވެރި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރު ކުރަމެވެ. އަދި ދެދުނިޔޭގެ ސާހިބާ މުޙައްމަދުއްރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމެވެ. މި ދުޢާގައި އެކަލޭގެފާނުންގެ އާލް އަޞްޙާބުން ޝާމިލްކުރަމެވެ.

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ ތަޙުނިޔާއާއި ހެޔޮ އެދުންތައް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް އަރިސްކުރަމެވެ. އަދި ޓެލެކޮމިއުނިކޭޝަނާއި އިންފޮމޭޝަން ޓެކްނޯލޮޖީ ގެ ޚިދުމަތް ދޭ ކުންފުނިތަކަށާއި މިޚިދުމަތް ތަރައްޤީކުރެއްވުމުގައި އަވަދިނެތި އުޅުއްވާ އެންމެހާ ފަރާތްތަކަށާއި، މި ޚިދުމަތުގެ ބޭނުން ހިއްޕަވާ އެންމެހާ ފަރާތްތަކަށްވެސް ދުވަހުގެ ތަޙުނިޔާއާއި ދަންނަވަމެވެ. އަދި މިއަހަރުގެ މުވާސަލާތީ ދުވަސް މި އައީ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ތެރޭގައިކަމުން ރަމަޟާން މަހުގެ ހެޔޮ ދުޢާ އާއި ހެޔޮ ދަރުމަ އެންމެހޭ ރައްޔިތުންނަށް ލިބިމުގެ ނަސީބު މިންވަރު ކޮށްދެއްވުން އެދި ﷲ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.

މިއަދު މި ފާހަގަ ކުރެވޭ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަސް މި ފާހަގަ ކުރެވެނީ މުޅި ދުނިޔެ އަދި ރާއްޖެވެސް، ނުރައްކާތެރި ޞިއްޙީ ބަލިމަޑުކަމަކާ ހަނގުރާމަ ކުރަމުންދާ ދަނޑިވަޅުއްގައެވެ. އާދެ، COVID-19 ގެ ބިރުވެރި ވަބާގެ ސަބަބުން މުޅި ދުނިޔެ އެފުށް މިފުށަށްޖެހި، އިންސާނުންގެ ދިރިއުޅުމަށް އެތައް ބަދަލުތަކެއް ގެންނަން މަޖްބޫރުބެފައިވާ ދުވަސްތަކެއްގައެވެ.

މިއަހަރުގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ ޝިޢާރުކަމުގައި ދުނިޔޭގެ މުވާސަލާތީ ޖަމްޢިއްޔާ އައި.ޓީ.ޔޫ އިން ކަނޑައަޅުއްވާފައިވަނީ: "Connect 2030: ICTs for the Sustainable Development Goals (SDGs)"

ދުނިޔޭގެ މުވާސަލާތީ ދުވަހުގެ މިއަހަރުގެ ޝިއާރަކީ، 2030ވަނަ އަހަރަށް އަމާޒު ހިފާ، އ.ދ އިން ކަނޑައަޅާފައިވާ ދެމެހެއްޓެނެވި ތަރައްޤީގެ ލަޑުދަނޑިތަކަށް ވާސިލުވުމުގައި އައި.ސީ.ޓީ ވަސީލަތްތަކުގެ މުހިއްމުކަން ދެނެގަނެ، އިންސާނީ ތަރައްޤީގެ މަސައްކަތްތަށް ބާރު ސްޕީޑްގައި ގެންދިއުމުގައި މިފަދަ ވަސީލަތްތައް އަދާކުރާ ދައުރު ފާހަގަކޮށް، އެ ލަޑުދަނޑިތައް ހާސިލު ކުރުމަށް މިފަދަ ވަސީލަތްތަކުގެ ބޭނުން ހިފުމަށް ގޮވާލާ ޝިއާރެކެވެ. މިގޮތުން އިޤްތިޞާދީ، އިޖްތިމާޢީ އަދި ދެމެހެއްޓެނެވި ތިމާވެއްޓެއް ޤާއިމް ކުރުމަށް އައި.ސީ.ޓީ ވަސީލަތްތައް މެދުވެރިކޮށް ހޯދިދާނެ ރަގަޅު ހައްލުތަކަށް މަސައްކަތް ކުރުމެވެ.

ރާއްޖޭގެ އައި.ސީ.ޓީ މާޙައުލަށް ބަލާލާއިރު، އެކަށީގެންވާ މިންވަރަކަށް ޚިދުމަތާއި އިންފްރާ ސްޓަރަކްޗަރ މިވަނީ ތަރައްޤީ ކުރެވިފައެވެ. ރާއްޖެއާއި ބޭރުދުނިޔެއާއި ސަބްމެރީން ފައިބަރ އޮޕްޓިކް ކޭބަލުން ގުޅާލުމުގެ އިރުތުން، ރާއްޖޭގެ އެތެރޭގައިވެސް މިވަނީ ފައިބަރ ނެޓްވަރކްތައް ޤާއިމްކުރެވިފައެވެ. އަދި ދުވަހުން ދުވަހަށް ފައިބަރ ނެޓްވާރކާ ގުޅާލެވޭ ރަށްތައް އިތުރުވެ މިހާރު ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ފައިބަރ ނެޓްވާރކް މެދުވެރިކޮށް ބްރޯޑްބޭންޑް އިންޓަރނެޓް ޚިދްމަތް ލިބޭކަން އުފަލާއެކު ފާހަގަކުރަމެވެ. ރާއްޖޭގެ އެންމެހާ ކަންކޮޅުތަކަށް މޯބައިލް ފޯނާއި 4ޖީ ގެ ޚިދްމަތް ފޯރާފައި ވާއިރު، އެންމެ ފަހުގެ 5ޖީ ޓެކްނޮލޮޖީގެ ޚިދްމަތްވެސް ރާއްޖޭގެ ފޯރުކޮށްދޭން ވަނީ ފަށާފައެވެ. އެހެންކަމުން، މި ކުޑަކުޑަ ދިވެހިރާއްޖޭގައިވެސް ދެމެހެއްޓެނެވި ތަރަޢްޤީގެ ލަޑުދަނޑިތައް ހާސިލު ކުރުމަށް އައި.ސީ.ޓީ ވަސީލަތްތަކުގެ މުހިއްމުކަން ބޮޑެވެ. އަދި މިފަދަ ލަޑުދަނޑިތައް ހާސިލު ކުރުމަށް މިވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފޭނެގޮތްތައް ބަލާ، އެކި ދާއިރާތައް ތަރައްޤީ ކުރުމަށް ސަރުކާރުން ދަނީ ކެޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ދުނިޔޭގެ މިހާރުގެ ޙާލަތަށް ބަލާއިރު، އައި.ސީ.ޓީ ވަސީލަތްތަކުގެ މުހިއްމުކަން މިވަނީ އިހުނަށް ވުރެ އެތައް ގުނައަކުން ބޮޑުވެފައެވެ. COVID-19 ގެ ހަނގުރާމައިގާ އެންމެ ބޮޑު ދިފާއީ ހަތިޔާރަކަށް ބޭނުން މިކުރެވެނީ އެކަކު އަނެކަކާ ބައްދަލު ނުވެ ގައިދުރުކޮށް ތިބުމެވެ. ދުނިޔޭގެ ގިނަ ޤައުމުތަކެކޭ އެއްފަދައިން މުޅިރާއްޖެވެސް މިއޮތީ ހުއްޓުމަކަށް އައިސް ލޮކްޑައުންގެ ޙާލަތެއްގައެވެ. ހުރިހާ މުއާމަލާތެއް ކުރުމުގައި ވެސް، އިންޓަރނެޓް އާއި އެހެނިހެން އައި.ސީ.ޓީ ވަސީލަތްތަކުގެ ބޭނުން މިވަނީ ނުހަނު ބޮޑުވެފައެވެ. ޖަލްސާތަކާއި އޮފީސްތަކުގެ އެންމެހާ މަސައްކަތްތައް ކުރެވެނީ އިންޓަރނެޓް މެދުވެރިކޮށް އޮންލައިން ޒަރިއްޔާއިންނެވެ. އަދި، ހަމައެހެންމެ، މި ނުރައްކާތެރި ރޯގާ ކޮންޓްރޯލް ކުރުމުގައި ކުރަންޖެހޭ ގިނަ މަސައްކަތްތައްވެސް ކުރަނީ މިގޮތަށެވެ. އެހެން ގިނަ ޤައުމުތަކެކޭ އެއްފަދައިން، ރާއްޖޭގައިވެސް މިހާރު ވަނީ އޮންލައިން ކޮށް ޞިއްޙީ އަދި، ތަޢްލީމީ ޚިދްމަތްތައްވެސް ފޯރުކޮށްދޭން ފަށާފައެވެ. މި ފަދަ ޙާލަތެއްގައި ދުނިޔެ އަދި ދިވެހިރާއްޖެވެސް ވީ ހިނދު، ﷲ ގެ ރަޙްމަތްފުޅުން ރާއްޖޭގެ މުވާސަލާތީ ނިޒާމު އެދެވޭ ފެންވަރެއްގައި ޤާއިމް ވެފައި އޮތުމަކީ ވަރަށްވެސް ބޮޑު ހިތްހަމަ ޖެހުމެވެ. މުވާސަލާތީ ޚިދްމަތްތައް ބޭނުންކުރާ މިންވަރު އެތައްގުނައަކަށް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ސަރުކާރުގެ އެދުމާއި އެއްގޮތަށް، ރާއްޖޭގެ މުވާސަލާތީ ކުންފުނިތަކުން، ރަގަޅު ފެންވަރެއްގައި ޚިދުމަތްތައްދީ އަދި ދަމަހަށްޓަން ކުރަމުން ގެންދާ ބުރަ މަސައްކަތްތަކަށް ޝަކުރު އަދާ ކުރަމެވެ. އަދި، ދިމާވެފައިވާ އިޤްތިޞާދީ ދަތި ޙާލަތަށް ރިޢާޔަތްކޮށް ރައްޔިތުންނަށް ލުއިތައްލިބޭނޭ ގޮތަށް ޑޭޓާ އެލަވަންސް ތަކާއި ޑިސްކައުންޓްތައް ތަޢާރަފް ކޮށްފައިވާކަންވެސް އުފަލާއެކު ފާހަގަ ކުރަމެވެ.

އައި.ސީ.ޓީ ދާއިރާއިން ރާއްޖެއަށް އިތުރު ތަރައްޤީ ގެނެސްދެއްވުމަށް ދިވެހި ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް ގެ މޭސްތިރިކަމުގެ ދަށުން ސަރުކާރުން ގިނަ މަސައްކަތް ތަކެއް ދަނީ ކުރައްވަމުންނެވެ. މިގޮތުން މުވާސަލާތީ ޚިދްމަތްތަކުގެ އެންމެ އެދެވޭ ފައިދާ ހޯދުމަށްޓަކައި ސަރުކާރުން ފޯރުކޮށްދޭ ޚިދްމަތްތައް އިތުރަށް ތަރައްޤީކޮށް، އައި.ސީ.ޓީ މެދުވެރި ކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ވެސް ފަސޭހަކަމާއެކު ޙިދުމަތް ލިބިދިނުމުގެ މަސައްކަތްތަކެއް އެބަކުރެވެއެވެ.

ދުނިޔޭގެ އެހެން ޤައުމުތަކޭވެސް އެއްފަދައިން ރާއްޖޭގައިވެސް މުވާސާލާތީ ޚިދުމަތްތަކުގެ ބޭނުން އަޅުގަނޑުމެން ހިފާ މިންވަރު ދުވަހުން ދުވަހަށް ދަނީ ހަލުވިކަމާއެކު އިތުރުވަމުންނެވެ. އަދި ޤަބޫލު ކުރެވޭ ގޮތުގައި، ދުނިޔަށް މިދިމާވި ބޮޑު ޙާލަތައްފަހު ކުރިއަށް އޮތް ދުވަސްތަކުގައި މުވާސަލާތީ ޚިދްމަތް ތަކުގެ ބޭނުން ހިފާނެ މިންވަރު އެތައް ގުނައަކަށް ގިނަވެގެންދާނެއެވެ. އޮންލައިން މީޓިންގ ތަކާއި، އިންޓަނެޓް ގެ ޒަރިއްޔާއިން މަސައްކަތް ކުރުމާއި، ކިޔެވުމާއި، ވިޔަފާރީގެ މުއާމަލާތްތަކާއި އެހެން ޚިދްމަތްތައް ހޯދުންވެސް ވާނީ އާއްމުކަމަކަށް ކަމަށް ޤަބޫލު ކުރެވެއެވެ. ޢާއިލީ ގުޅުންތަކާއި އެހެނިހެން އިޖްތިމާޢީ ގުޅުންތައް ބަދަހި ކުރުމުގައިވެސް އިންޓަނެޓްގެ ބޭނުން އިތުރުވެގެންދާނެއެވެ.

މުވާސަލާތީ ޚިދުމަތްތައް ބޭނުންކުރައްވާ ފަރާތްތަކަށް އަޅުގަނޑުގެ އިލްތިމާސަކީ މުޖްތަމަޢުގެ ލާބައާއި ފައިދާއަށް އައި.ސީ.ޓީ ގެ ވަޞީލަތްތައް، ރައްކާތެރިކަމާއިއެކު، ހުރިހާ ބޭފުޅުންވެސް ބޭނުންކުރެއްވުމެވެ. އަދި ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަހާއި ގުޅުވައިގެން، ޚިދުމަތްދެއްވާ އެންމެހާ ފަރާތްތަކަށް އަޅުގަޑު މި އިލްތިމާސްކުރަނީ ރަޢިސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅާއެއްގޮތަށް ޓެލެކޮމިއުނިކޭޝަން އާއި އައި.ސީ.ޓިގެ ވަސީލަތްތަކާއި އައު ހޯދުންތަކުގެ އެހީގައި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންކަން އިތުރަށް ތަރައްޤީކޮށްދެއްވައި އެންމެ މަތީ ހަރުފަތާހަމައަށް ގެންގޮސް ދެއްވުމަށެވެ. އަދި މުޖުތަމަޢުގެ އެންމެހާ ފަރުދުންގެ ތަރައްޤީއަށް ވިސްނައިގެން އ.ދ އިން ކަނޑައަޅުއްވާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ގެ ލަޑުދަނޑިތަކަށް ދިވެހިރާއްޖެއިން ވާސިލުވުމުގައި އައި.ސީ.ޓީ ވަސީލަތްތަކުގެ އެންމެ ފުރިހަމަ ބޭނުންހިފޭނެ ގޮތަށް ޚިދްމަތްތަށް ތަރައްޤީ ކޮއްދެއްވުމެވެ.

އަޅުގަޑުގެ ޢިޚްލާޞްތެރި ދުޢާއަކީ އައި.ސީ.ޓީ ވަސީލަތްތަކުގެ އެހީގައި ރާއްޖެއަށް ކުރިއެރުން ހޯއްދަވައިދެއްވުމަށް ރައިސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން އަޅުގަޑުމެން މިކުރާ މަސައްކަތްތަކަށް މާތްﷲ ތައުފީޤް ދެއްވުމެވެ. އަދި މި ނުރައްކާތެރި ކޮވިޑް ރޯގާގެ އަޑިގަނޑުން އަރައިގަތުމަށް އައި.ސީ.ޓީ އާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން އަޅުގަނޑުމެން އެންމެން ގުޅިގެން މިކުރާ މަސައްކަތަށް އަވަސް ކާމިޔާބީއެއް މާތްﷲ ފަހިކޮށްދެއްވުމެވެ. އަޅުގަނޑުމެންގެ ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން މާތްﷲ މިންވަރުކުރައްވާށިއެވެ! އާމީން.


24 ރަމަޟާން 1441 17 މެއި 2017