Skip to main content

 1. ފުރަތަމަ ޞަފްޙާ
 2. އިދާރާތައް
 3. އިދާރާގެ ތަޢާރަފް

 މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޯލޮޖީ


އިދާރާގެ ތަޢާރަފް

ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޯލޮޖީ ވުޒާރާއަކީ ގައުމީ ތަރައްގީގެ ނާރެސްގެގޮތުގައި މުވާސަލާތާއި، ސައިންސްއާއި ޓެކްނޯލޮޖީ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަލަށް އުފެދެވި މިނިސްޓްރީ އެކެވެ.

ވިޝަން

ޓެކްނޯލޮޖީން ބާރުވެރި ވެފައިވާ ޖަޒީރާ ރާއްޖެއެއް.

މިޝަން

ސައިންސާއި ރިސާޗް އެންޑް ޑިވެލޮޕްމަންޓް ކުރިއަރުވާ، ޑިޖިޓަލް ސަރުކާރު، ޑިޖިޓަލް އިގުތިސޯދު، އަދި، ޑިޖިޓަލް މުޖުތަމައެއް ގާއިމުކޮށް، އެންމެން ޝާމިލުވާ، ދެމެހެއްޓެނިވި، ވިލުންތެރި، ގައުމީ ތަރައްގީއަށް ބޭނުންވާ ސިޔާސަތުތަކާއި ގާނޫނީ ނިޒާމު ގާއިމުކޮށް، ކުރިއަރުވާ، ހިންގުން.

މެންޑޭޓް

 1. ދިވެހިރާއްޖޭގައި ކޮމިއުނިކޭޝަނާއި، ސައެންސާއި، ޓެކްނޯލޮޖީގެ ދާއިރާތައް ކުރިއެރުވުމަށް ބޭނުންވާ ޤައުމީ ތަޞައްވުރު އެކުލަވާލައި، އެ ދާއިރާތަކާގުޅޭ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.

 2. ދައުލަތުގެ ޑޭޓާ ސެންޓަރުތައް ޤާއިމްކުރުމާއި، ޑޭޓާ އިންޓަގްރޭޓް ކުރުމާއި، ޑޭޓާ މެނޭޖްކޮށް، ޑޭޓާ ރައްކާކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.

 3. ކޮމިއުނިކޭޝަނާއި، ސައެންސާއި، ޓެކްނޯލޮޖީގެ ދާއިރާއިން ރާއްޖެއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.

 4. އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން (އައި.ޓީ.ޔޫ) އާއި، އޭޝިޔާ ޕެސިފިކް ޓެލެކޮމިއުނިކޭޝަން (އޭ.ޕީ.ޓީ) ކޮންވެންޝަންތަކުގައިވާ އުސޫލުތަކާއެއްގޮތަށް ރާއްޖޭގެ ޓެލެކޮމިއުނިކޭޝަނުގެ ޚިދުމަތާބެހޭ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.

 5. ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަން (ޔޫ.ޕީ.ޔޫ) ކޮންވެންޝަންތަކުގައިވާ އުސޫލުތަކާއެއްގޮތަށް ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތާބެހޭ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.

 6. ޤައުމީ ތަރައްޤީގެ ޕްލޭންގައި އެކަށައަޅާ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް، ކޮމިއުނިކޭޝަނާއި ސައެންސާއި ޓެކްނޯލޮޖީގެ މާސްޓަރޕްލޭން އެކުލަވާލައި ތަންފީޒުކުރުން.

 7. ކޮމިއުނިކޭޝަނާއި، ސައެންސާއި، ޓެކްނޯލޮޖީގެ ދާއިރާތަކުން ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫޢުތައް ރާވައި ހިންގުން.

 8. ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އެއްދުވަހުން އަނެއް ދުވަހަށް މަތިކުރުމަށްޓަކައި ރާއްޖޭގެ މާޙައުލާ ގުޅޭ އިލެކްޓްރިކް ކަރަންޓްފަދަ ހަކަތަ އުފައްދައިދޭ ވަސީލަތްތައް ހޯދައި، އެފަދަ ވަސީލަތްތައް ރާއްޖެއަށް ތަޢާރުފުކުރުމާބެހޭގޮތުން ކުރަންޖެހޭ ކަންތައްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރުން.

 9. ރާއްޖޭގެ މާހައުލާގުޅޭ ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދިދާނެ ވަޞީލަތްތަކާބެހޭ ދިރާސާތައްކޮށް، ކަމާބެހޭ ފަރާތްތަކާގުޅިގެން އެފަދަ ވަޞީލަތްތައް ރާއްޖެއަށް ތަޢާރުފުކުރުން.

 10. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އައު ޓެކްނޯލޮޖީ ރާއްޖެއަށް ތަޢާރުފުކުރުމާއި، އެފަދަ ޓެކްނޯލޮޖީއާބެހޭ މިންގަނޑުތައް ކަނޑައެޅުން.

 11. އެކިއެކި ދާއިރާތަކުން ސައެންސާއި ޓެކްނޯލޮޖީއާގުޅޭ ދިރާސާކުރާނެ ސައެންސްވެރިންނާއި ޓެކްނޮލޮޖިސްޓުން އުފައްދައި، ތަރައްޤީކުރުން.

 12. ރާއްޖޭގައި ކޮމްޕިއުޓަރ ޓެކްނޯލޮޖީ ކުރިއަރުވައި، އެކި ރޮނގު ރޮނގުން ރާއްޖޭގައި ދޭ ޚިދުމަތްތަކުގެ ފެންވަރު ކޮމްޕިއުޓަރ ޓެކްނޯލޮޖީ ބޭނުންކޮށްގެން މަތިކުރެވޭނެ ގޮތްތައް ހޯދުން.

 13. ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގައި ކޮމިއުނިކޭޝަނާއި، ސައިންސާއި ޓެކްނޯލޮޖީގެ ދައުރު ފުޅާކުރުމަށް، އެ ދާއިރާތަކަށް މީހުން އަހުލުވެރިކޮށް، ހޭލުންތެރިކުރުވުން.

 14. ރާއްޖެއަށް އެންމެ ފައިދާކުރަނިވިގޮތަށް ސައެންސާއި ޓެކްނޯލޮޖީގެ ބޭނުން ހިފުމަށްޓަކައި، ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާއިން ދިރާސާތައްކުރުމާއި، އެފަދަ ދިރާސާތައްކުރުމަށް ހިތްވަރުދިނުން.

 15. ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ޤާއިމުކުރާ ޤައުމީ ސައެންސް ފައުންޑޭޝަން ޤާއިމުކޮށް ހިންގުން.

 16. ރާއްޖޭގައި ސައެންސާއި، ޓެކްނޯލޮޖީގެ ޕާކްތަކާއި އިންޓަރެކްޓިވް ސެންޓަރުތަކާއި އިންކިއުބޭޓަރތައް ޤާއިމުކުރުމާބެހޭ ސިޔާސަތުތަކާއި ސްޓްރެޓަޖީތައް ކަނޑައަޅައި، މިފަދަ ތަންތަން ޤާއިމުކޮށް ހިންގުން.

 17. ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާއިން ރިސާޗް އެންޑް ޑިވެލޮޕްމަންޓަށް ސްޓެރެޓެޖީތައް އެކުލަވައިލައި، ރިސަރޗް އެންޑް ޑިވެލޮޕްމަންޓްގެ މަސައްކަތްތައްކުރުމަށް ގްރާންޓް ދިނުން.

 18. ރާއްޖޭގައި ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަޤްވާމީ އެހީ (ގްރާންޓް) ހޯދައި، ސައެންސާއި ޓެކްނޮލޮޖީގެ ވަޞީލަތްތައް އިތުރުކުރުން.

 19. ކޮމިއުނިކޭޝަނާއި، ސައެންސާއި، ޓެކްނޯލޮޖީގެ ދާއިރާއިން އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކާގުޅިގެން އެ ސިޔާސަތުތައް ތަންފީޒުކުރުން.

 20. ކޮމިއުނިކޭޝަނާއި، ސައެންސާއި، ޓެކްނޯލޮޖީގެ ދާއިރާއިން އިންސާނީ ވަސީލަތް ތަރައްޤީކުރުމާބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

 21. ކޮމިއުނިކޭޝަނާއި، ސައެންސާއި، ޓެކްނޯލޮޖީގެ ދާއިރާތައް ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހިމަނައި، ތަރައްޤީކޮށް ހަރުދަނާކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިވެ، މަޢުލޫމާތު ފޯރުކޮށްދިނުން.

 22. ޤައުމީ ތަރައްޤީގެ ޕްލޭންގައި އެކަށައަޅާ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެކުލަވައިލާ ކޮމިއުނިކޭޝަނާއި ސައެންސާއި ޓެކްނޯލޮޖީގެ މާސްޓަރޕްލޭންތަކުގެ ދަށުން ހިންގާ މަޝްރޫޢުތަކާއި، ޙަރަކާތްތަކާމެދު ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުން.

 23. ކޮމިއުނިކޭޝަނާއި، ސައެންސާއި، ޓެކްނޯލޮޖީގެ ދާއިރާއިން ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާދިނުން.

 24. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅުންހުރި، ރާއްޖެއާއި، ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.

 25. ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީގެ ދާއިރާއިން ބައިނަލްއަޤުވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ބައިވެރިވުމާއި، މި މުޢާހަދާތަކާއި އެއްބަސްވުންތަކަށް ޢަމަލުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމާއި، މި މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ދިވެހި ސަރުކާރުގެ ފަރާތުން ކުރަންޖެހޭ ކަންތައްތައް ހިންގައި ވިލަރެސްކުރުން.

 26. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީ ގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.