އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ، މިހާރަށްވުރެ ވަރުގަދަ އަދި ވިލުންވެރި ޤައުމެއް ކަމަށް ދިވެހިރާއްޖެ ހެދުމަށެވެ. މި މަސައްކަތުގައި އަޅުގަނޑުމެންނާއެކު ޙިއްސާވާ 8 އިދާރާއަކީ:
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އެންޓި-ޓްރެފިކިންގ އިން ޕަރސަންސް (އެންޓި-ޓިޕް) އޮފީސް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު (އެވްސެކޮމް) ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) މޯލްޑިވްސް އިމިގްރޭޝަން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އެންޓި-ޓްރެފިކިންގ އިން ޕަރސަންސް (އެންޓި-ޓިޕް) އޮފީސް މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސް
ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ޤާނޫނު އަސާސީއާއި ޤާނޫނުތައް ޙިމާޔަތްކުރުމާއި، ޤާނޫނީ ވެރިކަން ދެމެހެއްޓުމާއި، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން.
މިނިސްޓްރީ އޮފް ޑިފެންސް އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއެވެ. މި މިނިސްޓްރީއާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ތިރީގައި މިވަނީއެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކަލެއް ނުވަތަ އުނިކަމެއް އަތުވެދާނެ ކޮންމެ ކަމަކުން، ދިވެހި ދައުލަތާއި ޤާނޫނީ ވެރިކަން ދިފާޢުކޮށް ޙިމާޔަތްކުރުން. އަދި އެފަދަ ކަމެއް މީހަކު ނުވަތަ ބަޔަކު ކުރާނަމަ އެކަމެއް މަނާކޮށް ވަގުތުން ހުއްޓުވައި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރާއްޖޭގެ އާކިޕެލެޖިކަލް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވު ދިފާޢުކޮށް، ޙިމާޔަތްކުރުން. އަދި މިކަންކަމާބެހޭގޮތުން ހެދިފައިވާ ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމުގައި، ދިވެހި ސަރުކާރަށް އެހީތެރިވުން.
ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި އަދި ސިޔާސީ ސަރަޙައްދުގެ އެއްގަމާއި، ކަނޑާއި ވައިގެ ތެރެއިން، ބޭރު ޤައުމުތަކުގެ އުޅަނދުތަކާއި، މަތިންދާ ބޯޓު ފަހަރު ދަތުރުކުރުމުގައި ޤާނޫނާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެކަމެއް ބަލައި، އެކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ހޯދައި ސަލާމަތްކުރުމާއި، ކަނޑާއި އެއްގަމުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުން.
އަލިފާނުގެ ނުރައްކަލުން، ރައްޔިތުންނާއި އެމީހުންގެ މުދާ ސަލާމަތްކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
ރާއްޖެއަށް ދިމާވާ ޤުދުރަތީ ބޮޑެތި ހާދިސާތަކާއި، އެނޫންވެސް ނުރައްކާތެރި ބޮޑެތި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމާއި، އަދި އެފަދަ ހާދިސާއަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރުމާއި، އެކަން އާންމު ޙާލަތަކަށް ގެނައުމުގައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އިސްވެ ހަރަކާތްތެރިވުން.
ދިވެހިރާއްޖޭގެ ފަރާތުން ސޮއިކޮށް ތަޞްދީޤުކޮށްފައިވާ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި، މިނިސްޓްރީ އޮފް ޑިފެންސުން ކުރުން ލާޒިމުކުރާ އެންމެހައި ކަންކަން ހިންގައި ތަންފީޒުކުރުން.
ރާއްޖޭގެ ކަނޑާއި ވައިގެ ބަނދަރުތަކުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ބެލެހެއްޓުން.
ރާއްޖޭގެ ކަނޑާއި ވައިގެ ބަނދަރުތަކަށް އަންނަ އަދި ފުރާ އުޅަނދުފަހަރާއި އެ އުޅަނދުފަހަރުން އެތެރެކުރެވޭ އަދި ބޭރުކުރެވޭ ތަކެއްޗާއި، އަންނަ އަދި ފުރާ މީހުންނާއި، ބަނދަރު ހިމެނޭ ސަރަޙައްދުތަކަށް ވަދެނިކުމެވާ މީހުންނާއި، ވެއްދޭ އަދި ނެރެވޭ ތަކެތި ބެލުމާއި މިފަދަ ކަންކަން ބެލެހެއްޓުމުގައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އެހީތެރިވެދިނުން.
ޤާނޫނާ ޚިލާފަށް ހިންގޭ ޢަމަލަކުން މަދަނީ ވައިގެ ދަތުރުފަތުރަށް އަރައިފާނެ ބުރުލަކުން އެ ސިނާޢަތް ރައްކާތެރިކުރުމަށްޓަކައި ޢަމަލު ކުރާނެ ރައްކާތެރިކަމާ ގުޅުންހުރި ޤައުމީ މިންގަނޑުތައް ކަނޑައަޅައި، މި ކަންކަމާ ގުޅުންހުރި އިދާރާތަކުން އެ މިންގަނޑުތައް ތަންފީޒު ކުރަމުންދާކަން ކަށަވަރުކުރުން.
"ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން" ގެ ސޭފްގާރޑިންގ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އެގެއިންސްޓް އެކްޓްސް އޮފް އަންލޯފުލް އިންޓަފިއަރެންސް އާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާ ގުޅުންހުރި، ދިވެހި ދައުލަތުން ކުރަންޖެހޭ ކަންކަން ކުރުމާއި އެކަންކަމާގުޅޭ ނިޒާމްތައް ޤާއިމްކޮށް ހިންގައި ބެލެހެއްޓުން.
އެންބިއުލާންޗުގެ ޚިދުމަތް ދިނުމުގެ އެންމެހައި އިންތިޒާމް ހަމަޖެއްސުމާއި، އެއްތަނުން އަނެއްތަނަށް ކަނޑުމަގުން ބަލިމީހުން އުފުލުމަށް ކުރަންޖެހޭ އެންމެހައިކަންކަން ކުރުން.
އެންބިއުލާންޗުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުފަހަރު ދުއްވުމާއި، އެ އުޅަނދުފަހަރު ބަލަހައްޓައި މަރާމާތުކުރުމާއި، އެ އުޅަނދުފަހަރުގެ ރަޖިސްޓްރީއާއި، މިނޫންވެސް އެ އުޅަނދުފަހަރާބެހޭ ލިޔެކިއުންތައް ބެލެހެއްޓުމާއި، އެ އުޅަނދުފަހަރަށް ބޭނުންވާނެ ލޮޖިސްޓިކް ސަޕޯޓް ފޯރުކޮށްދިނުމާއި، އެ އުޅަނދުފަހަރަށް ފަޅުވެރިން ހަމަޖެއްސުމާއި އެފަރާތްތަކަށް ތަމްރީނު ދިނުން.
ދިވެހިރާއްޖޭގެ ދިފާޢާއި، ޤައުމީ ސަލާމަތާބެހޭ ސިޔާސަތުތައް އެކަށައެޅުމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ ވެރިޔާއަށް ލަފާދީ، އެހީތެރިވުން.
ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް، ރާއްޖޭގެ ސިޔާދަތާއި ޤައުމީ ސަލާމަތަށް އަދި ޤާނޫނީ ވެރިކަމަށް ނުރައްކަލެއް ނުވަތަ އުނިކަމެއް އަތުވެދާނެ ކަންކަމާބެހޭ މަޢުލޫމާތު އެއްކޮށް ދިރާސާކޮށް، އެކަމާބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
ޤައުމީ މަޞްލަޙަތާއި އަދި އަމަންޢާންމަށް ގެއްލުމެއްވެދާނެ ކޮންމެ ކަމަކުން ދިވެހި ދައުލަތް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އެހީތެރިވުން.
ޤާނޫނު ނަންބަރު 2013/12 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު)ގެ ދަށުން މިނިސްޓްރީން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
ރާއްޖޭގެ އިމިގްރޭޝަނާބެހޭ އެންމެހައި ސިޔާސަތުތައް ކަނޑައަޅައި ހިންގައި ތަންފީޒުކުރުން.
މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސް
ދިވެހިރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި އަންނަނިވި ކަންކަން ކުރުން:
މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ކުރިމަތިވެދާނެ ޙާލަތްތަކާއި ކަންކަން ދެނެގަނެ، އެފަދަ ޙާލަތްތަކާއި ކަންކަމުގައި ވަގުތުން ފިޔަވަޅުއަޅައި އެކަންކަން ހުއްޓުވޭނެ ނިޒާމުތައް މަދަނީ ވައިގެ ބަނދަރުތަކުގައި ޤާއިމުކުރުން.
މަދަނީ ވައިގެ ބަނދަރުތަކުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ރައްކާތެރި މާޙައުލެއް ޤާއިމުކޮށް ދެމެހެއްޓުމަށްޓަކައި ވައިގެ ބަނދަރުތަކުގެ އެންމެހައި ސަރަޙައްދުތަކާއި، ވައިގެ ބަނދަރުތަކުގައި ހެދިފައިވާ ހާބަރުތަކާއި، ވަށައިގެންވާ ސަރަޙައްދުތަކުގައި ފޯރިމަރައި ބެލެހެއްޓުމާއި، ވައިގެ ބަނދަރުތަކުގައި ޖައްސާ އަދި ފުރާ އުޅަނދުފަހަރާއި، ވައިގެ ބަނދަރުތަކުގެ ތަކެއްޗާއި ތަންތަން ރައްކާތެރިކޮށް ބެލެހެއްޓުން.
މަދަނީ ވައިގެ ބަނދަރުތަކުން ފުރައިގެންދާ އުޅަނދުފަހަރާއި، ދަތުރުކުރާ ފަސިންޖަރުންނާއި ކުރޫންނާއި، އެމީހުން ގެންދާ ތަކެތި ބަލައި ފާސްކުރުން.
މަދަނީ ވައިގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ކުރިމަތިވެދާނެ ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތުގެ ޕްލޭންތަކާއި، އިމަރޖެންސީ ރެސްޕޯންސް އަދި ކޮންޓިންޖެންސީ ޕްލޭންތައް ހަދައި، ފަރިތަކޮށް، އަދި ތަންފީޒުކުރުން.
ދިވެހިރާއްޖޭގެ ނޭޝަނަލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް ގައި ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން ތައްޔާރުކޮށްފައިވާ އެއަރޕޯޓް ސެކިއުރިޓީ ޕްރޮގްރާމް އާއި އެއްގޮތަށް ދިވެހިރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކުގައި ކަންކަން ބެލެހެއްޓުން.
މަދަނީ ވައިގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ މަސައްކަތްތަކަށް އެކަށޭނަ ޒަމާނީ ވަޞީލަތްތަކާއި މެޝިންތައް ހޯދުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.
މަދަނީ ވައިގެ ބަނދަރުތަކުގައި ބޭނުންކުރެވޭ ސެކިއުރިޓީ ފާހުގެ ނިޒާމް ޤާއިމްކޮށް، އެނިޒާމް ހިންގުން.
ދިވެހިރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތައް ޓެރަރިޒަމާއި ޣައިރު ޤާނޫނީ ޢަމަލުތަކުން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ބޭނުންވާ މީހުން ބިނާކުރުމާއި، އޭވިއޭޝަން ކޮމާންޑްގެ އިންސާނީ ވަސީލަތް، ނޭޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޓްރެއިނިންގ ޕްރޮގްރާމްގައި ކަނޑައެޅިފައިވާ މިންގަނޑުތަކާއި އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ތަމްރީނުކޮށް ތަރައްޤީކުރުން.
މަދަނީ ވައިގެ ބަނދަރުތަކުގައި ހިންގާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ތަޙުޤީޤުކުރުމުގައި ކަމާބެހޭފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތައް ރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކުގައި ތަންފީޒުކުރުން.
މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތައް، ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއެކު ތަންފީޒުކުރުން.
އެންޓި ޓެރަރިޒަމާއި، ކައުންޓަރ ޓެރަރިޒަމާ ގުޅުންހުރި އެންމެހައި ކަންތައްތަކުގައި ޤައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއް ގޮތުގައި މަސައްކަތްކުރުން.
ޓެރަރިޒަމުގެ ޢަމަލުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ފިޔަވަޅު އެޅުމުގައި ގެންގުޅޭ މިންގަޑުތައް ބަލައި ދިރާސާކޮށް، އެ މިންގަޑުތަކާއެއްގޮތަށް ރާއްޖޭގައި ކައުންޓަރ ޓެރަރިޒަމާއި އެންޓި ޓެރަރިޒަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ބައްޓަންކުރުން.
ދައުލަތުގެ އިދާރާތަކަށް ލިބޭ ޓެރަރިޒަމާ ގުޅުންހުރި މަޢުލޫމާތު އެއްކޮށް، އެނަލައިޒްކުރުން.
ޓެރަރިޒަމަށް ވާގިވެރިވުމުގެ ގޮތުން ހިންގާ ޢަމަލުތަކާއި، އެފަދަ ޢަމަލުތައް ހިންގުމަށް ފައިސާ ހޯދާ މަގުތަކާއި، އެފަދަ ފައިސާ ދައުރުކުރާ ފަންޑުތަކާބެހޭ މަޢުލޫމާތު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުން.
ޓެރަރިޒަމުގެ ޢަމަލު ހިންގާ ފަރާތްތަކާއި އެފަދަ ޢަމަލު ހިންގުމަށް އެހީތެރިވާ ފަރާތްތަކާއި، ޓެރަރިޒަމަށް ފައިސާ ޚަރަދުކުރާ ފަރާތްތަކުގެ މުދަލާއި ފައިސާ ހިފެހެއްޓުމާބެހޭ އުޞޫލުތަކާއި މިންގަނޑުތައް ކަނޑައެޅުން.
އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނަޅާފައިވާ ފަރާތްތަކަށް ފައިސާދީގެންނާއި، މަޢުލޫމާތާއި ތަމްރީނުދިގެންނާއި، މިނޫންވެސް ގޮތްގޮތުން ވާގިވެރިވެ އެހީތެރިވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުން.
އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނަޅާފައިވާ ފަރާތްތަކުން ރާއްޖޭގެ ޞުލްޙަމަސަލަސްކަމާއި، އަމާންކަމަށް ނުރައްކާކުރުމަށް ހިންގާ ކަންތައްތަކާބެހޭ މަޢުލޫމާތު އެއްކޮށް، އެ މަޢުލޫމާތު ހިއްސާކުރަންޖެހޭ ފަރާތްތަކާ ހިއްސާކުރުން.
އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނަޅާދިއުމަށް މެދުވެރިވާ ސަބަބުތަކާއި، ޙާލަތްތަކާއި، އިޖްތިމާޢީ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާބެހޭ ދިރާސާތައް ހަދައި، މިފަދަ ވިސްނުންތައް މުޖުމަޢުގައި އަށަގެންނެވުން ކުޑަކުރުމަށްޓަކައި އިޖްތިމާޢީ ދާއިރާގެ ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތަކާއި ޖަމްޢިއްޔާތަކާ ގުޅިގެން މަސައްކަތްކުރުން.
އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނަޅާފައިވާ ފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް އަމާޒުކޮށްގެން ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމާއި، ޓެރަރިޒަމުގެ ޢަމަލުތައް ހިންގާފައިވާ ފަރާތްތަކާއި، އެފަދަ ޢަމަލުތަކުގައި ބައިވެރިވެފައިވާ ފަރާތްތަކަށް (ޖަލުތަކުގައި ތިބި ޤައިދީންވެސް ހިމެނޭގޮތައް) ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުން.
އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނަޅާފައިވާ ފަރާތްތަކުން މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންދިނުން ހުއްޓުވުމަށްޓަކައި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ފެންވަރުގައި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލުކުރުން.
ކަންކަމުގައި ތިމާ ދެކޭގޮތް މުޖުތަމަޢުގައި އަށަގެންނެވުމަށް ބާރުގެ ބޭނުންކޮށްގެން ނުވަތަ ހަތިޔާރުގެ ބޭނުންކޮށްގެން ހިންގާ ހަރަކާތްތައް ހުއްޓުވުމަށްޓަކައި، ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅުން.
ޤައުމީ ފެންވަރުގައި ކައުންޓަރ ޓެރަރިޒަމަށް ތައްޔާރުވެފައިވާ މިންވަރު ބެލުމުގެ ގޮތުން ޓެރަރިޒަމްގެ ހަމަލާތަކަށް ރެސްޕޮންޑް ކުރާނެގޮތުގެ ފަރިތަކުރުންތައް ބޭއްވުން.
ކައުންޓަރ ޓެރަރިޒަމުގެ ސިޔާސަތުތަކާއި، ސްޓްރެޓްޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި، ޤައުމީ ސަލާމަތާބެހޭ މަޖިލީހަށް ލަފަޔާއި، އިރުޝާދުދިނުން.
ކައުންޓަރ ޓެރަރިޒަމްގެ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް ތަންފީޒުކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި، އެ އިދާރާތަކުގެ މެދުގައި ވިލަރެސްކުރުން.
ޓެރަރިޒަމާގުޅޭ މަޢުލޫމާތު އެއްކުރުމުގައި ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާނެގޮތްތައް ކަނޑައެޅުން.
ޓެރަރިޒަމާ ދެކޮޅަށް "ކައިނެޓިކް" އޮޕަރޭޝަންތައް ހިންގުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި، އެފަދަ އޮޕަރޭޝަންތައް ހިނގަމުންދާއިރު ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ ބައިނަލްއަޤްވާމީ މަސައްކަތްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން.
ބައިނަލްއަޤްވާމީ، ސަރަޙައްދީ އަދި ޤައުމީ ފެންވަރުގައި ޓެރަރިޒަމާގުޅޭ ޢިލްމީ ދިރާސާކޮށް، ދިރާސީ ކަރުދާސް ލިޔެ ޝާއިޢުކުރުން.
ޓެރަރިޒަމުގެ ނުރައްކަލާ ބެހޭގޮތުންނާއި، ޓެރަރިޒަމުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައްތަކާއި ބެހޭގޮތުން ދައުލަތުގެ އިދާރާތަކަށާއި، ސިނާއީ މަރުކަޒުތަކަށާއި، ޓޫރިސްޓް ރިސޯޓުތަކަށާއި، އިޖްތިމާޢީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނަށާއި، ޢާންމު ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދީ، ހޭލުންތެރިކަން އިތުރުކުރުން.
އެންޓި ޓެރަރިޒަމާއި ކައުންޓަރ ޓެރަރިޒަމާބެހޭ ކަންކަމުގައި ބޭރުގެ ފަރާތްތަކުން އެހީތެރިކަން ހޯދުމާއި، އެފަރާތްތަކާއެކު މަސައްކަތްކުރުން.
ޓެރަރިޒަމާބެހޭ ޤާނޫނާއި، ޓެރަރިޒަމާ ގުޅުންހުރި ޤާނޫނުތައް ސަލާމަތީ ބާރުތަކުންނާއި އެހެނިހެން އިދާރާތަކުން ތަންފީޒުކުރަމުން ގެންދާގޮތް އޮޅުންފިލުވައި، ހަރުދަނާކުރަންޖެހޭ ކަންކަން ދެނެގަނެ، އެކަންތައްތައް ރައީސުލްޖުމްހޫރިއްޔާއަށާއި ޤައުމީ ސަލާމަތާބެހޭ މަޖިލީހަށް ހުށަހެޅުން.
ރާއްޖެއިން ބޭރަށްދާ ދިވެހިންގެ ޕާސްޕޯޓާބެހޭ ގަވާއިދުތައް ހަދައި، ދިވެހިންގެ ޕާސްޕޯޓާބެހޭ އެންމެހައި ކަންތައްތައް ހިންގުން.
ދިވެހިރާއްޖެއަށް ބީދޭސީން އައިސްގޮސްވުމާބެހޭ ގަވާއިދުތައް ހަދައި، މި ގަވާއިދުތައް ހިންގުން.
ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީން ގެނައުމުގެ ކޯޓާ ދޫކުރުމާއި، ބިދޭސީން ގެނައުމަށް ހުއްދަ ދިނުމާއި، އެކަމާގުޅިގެން ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުން.
ވައިގެ މަގުންނާއި ކަނޑުމަގުން ފަސިންޖަރުންނާއި ފަޅުވެރިން ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދިނުމާއި ރާއްޖެއަށް އަންނަ އުޅަނދުފަހަރަށް އެންޓްރީ ކްލިއަރަންސްއާއި އެގްޒިޓް ކްލިއަރަންސް ދިނުން.
ޓޫރިސްޓުންގެ ގޮތުގައި ރާއްޖެއަށް އެތެރެވާ މީހުންނާއި ރާއްޖޭގައި މަސައްކަތްކުރުމަށް ގެނެވޭ މީހުންނާއި އެހެނިހެން ކަންކަމުގައި ރާއްޖެއަށް އެތެރެވާ މީހުންގެ މަޢުލޫމާތު ބެލެހެއްޓުން.
ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމާއި އެމީހުން ރާއްޖޭގައި ހަރަކާތްތެރިވާގޮތް މޮނިޓަރކޮށް ބެލެހެއްޓުން.
ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅޭ ބިދޭސީން އެމީހުންގެ ޤައުމަށް ފޮނުވާލުމުގެ އެންމެހައި ކަންތައްތައް ކަމާބެހޭ ފަރާތްތަކާ ވިލަރެސްކޮށްގެން ކުރުން.
ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅޭ ބިދޭސީން އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާލެވެންދެން ބޭތިއްބުމަށް ހަދަންޖެހޭ ސެންޓަރުތައް ހަދައި އެތަންތަން ހިންގައި ބެލެހެއްޓުން.
ރާއްޖޭގައި މީހުން ޓްރެފިކްކުރުން ހުއްޓުވުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ހިންގައި ވިލަރެސްކުރުން.
ދިވެހިރާއްޖޭގެ ސަރަޙައްދުތަކުގެ ހައިޑްރޯގްރަފިކް ސަރވޭތައްކޮށް، މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން.
ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް ކުރާ ހައިޑްރޯގްރަފިކް ސަރވޭތަކުގެ މަޢުލޫމާތު ހޯދައި، މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން.
ސަރުކާރުގެ އިދާރާތަކުން ކުރިއަށްގެންދާ މަސައްކަތްތަކަށް ބޭނުންވާ ހައިޑްރޯގްރަފިކް މަޢުލޫމާތު ފޯރުކޮށްދިނުމާއި، އެ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާދިނުން.
ދިވެހިރާއްޖޭގެ ސަރަޙައްދުތަކުގެ ނިޔަމިކަމުގެ ޗާޓުތައް ކުރަހައި އަދާހަމަކޮށް ޢާންމުކުރުމާއި، ނޯޓިކަލް ޕަބްލިކޭޝަންތައް ޝާއިޢުކޮށް އަދާހަމަކުރުން.
ދިވެހިރާއްޖޭގެ ސަރަޙައްދުތަކުގައި ކަނޑު ދަތުރުފަތުރު ކުރުމަށް ބޭނުންވާ ނިޔަމިކަމުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އެފަދަ މަޢުލޫމާތު ޢާންމުކުރުން.
ދިވެހިރާއްޖޭގެ ކަނޑުތަކުގެ އޮއިވަރާއި ދިޔަވަރަށް އަންނަ ބަދަލުތަކާއި، ރަށްތަކަށާއި ގިރިފަރުތަކާއި ކަނޑުފަޅުތަކަށް އަންނަ ބަދަލުތައް ދެނެގަތުން.
ހައިޑްރޯގްރަފީގެ ދާއިރާގެ ބައިނަލްއަޤުވާމީ އޯގަނައިޒޭޝަންތަކާއި ޖަމްޢިއްޔާތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލްކުރުމާއި، ހައިޑްރޯގްރަފީގެ ދާއިރާއިން ރާއްޖެއާއި، ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
ރާއްޖޭގައި ހައިޑްރޯގްރަފީގެ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަޤްވާމީ އެހީ (ގްރާންޓް) ހޯދައި، ވަސީލަތްތައް އިތުރުކުރުމަށް މަސައްކަތްކުރުން.
ހައިޑްރޯގްރަފީގެ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމާއި، އެ ދާއިރާއިން އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.