އޮންލައިން ޕްލެޓްފޯމެއް ކަމުގައިވާ ޒޫމް މެދުވެރިކޮށް ހިންގި ރިސޯޓުތަކުގެ އިމާމުން ތަމްރީނު ކުރުމުގެ ޕުރޮގުރާމްގެ 5 ބެޗުގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ހޯލުގައި އޮތް މި ރަސްމިއްޔާތުގައި، ބައިވެރިންނާ މުޚާތަބުކުރައްވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވިގޮތުގައި 5 ބެޗުގެ ކިޔެވުން ނިމުނު ކަމުގައިވިއަސް އިތުރު 2 ބެޗެއްގެ ކިޔެވުން ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ރަމަޟާންމަހުގެ ފަހުން މި ބެޗްތަކުގެ ކިޔެވުން ފެށިގެންދާނެ ކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ، ރިސޯޓުތަކުގެ ފަރާތު މިކަމަށް އެދިލައްވާނަަމަ އިތުރު ފުރުޞަތުތަކެއް ފަހިކޮށްދެއްވާނެކަމުގައި މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި މީހުން ބިނާކުރުމުގައި ސަރުކާރުންދެއްވާ އެއްބާރުލުން ބަލައިގަނެ ރައީސް އިބްރާހިިމް މުޙައްމަދު ޞާލިޙު އަދި ނައިބު ރައީސް ފައިޞަލް ނަސީމަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ.