މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ވުޖޫދަށް އައިސްފައިވަނީ 17 ނޮވެމްބަރު 2018 ގައެވެ. ރާއްޖޭގެ ޒުވާނުން ކުރިއެރުވުމާއި، ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމާއި، މުޖުތަމަޢުގެ ބާރުވެރިކަން އިތުރުކުރުމާބެހޭ ސިޔާސަތުތައް ކަނޑައަޅައި، ހިންގާނީ މި މިނިސްޓްރީއިންނެވެ.
ރާއްޖޭގެ ޒުވާނުން ކުރިއެރުވުމާއި، ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމާއި، މުޖުތަމަޢުގެ ބާރުވެރިކަން އިތުރުކުރުމާބެހޭ ސިޔާސަތުތައް ކަނޑައަޅައި، ހިންގުން.
ދިވެހި ޒުވާނުންނަކީ މުޖުތަމަޢަށް ފައިދާހުރި ޒިންމާދާރު ބަޔަކަށް ހެދުމަށްޓަކައި ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ތަންފީޒުކުރުން.
ޒުވާނުންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކަންތައްތައް ތަރައްޤީކޮށް، ޒުވާނުންނަށް އެ ދާއިރާތަކުން ކުރިމަތިވާ މައްސަލަތައް ހައްލުކޮށްދިނުމަށް މަސައްކަތްކުރުން.
ޒުވާނުން ދުޅަހެޔޮ ޞިއްޙަތެއްގައި ބޭތިއްބުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް އެކަމަށް ބާރުއެޅުން.
ޒުވާނުންނަށް ކުރިމަތިވާ ތަފާތު މައްސަލަތަކުގައި ކައުންސެލިންގގެ ޚިދުމަތްދިނުން.
ސްކޫލް ދައުރުނިމި މުޖުތަމަޢަށް ނުކުންނަ ކުދިންނަށާއި، ޚިޔާރުކުރާނެ މަސައްކަތުގެ ދާއިރާ ކަނޑައަޅާފައި ނެތް ޒުވާނުން މަސައްކަތުގެ މާޙައުލަށް އަހުލުވެރިކުރުވައި، އެމީހުންނަކީ މަސައްކަތްތެރި، މުޖުތަމަޢަށް ބޭނުން ހިފޭނެ ބަޔަކަށް ހެދުމަށް ބޭނުންވާ ޕްރޮގްރާމުތައް ރާވައި ހިންގުން.
ޒުވާނުންގެ ތަރުބިއްޔަތާއި ތަރައްޤީއަށް އަމާޒުކޮށްގެން ތަޢުލީމީރޮނގުން ކުރިއަށްދާނެ ގޮތްތައް ޒުވާނުންނަށް އަންގައިދިނުމުގެ ޕްރޮގްރާމްތަކާއި، ދިރިއުޅުމަށް ބޭނުންވާނެ ހުނަރުތަކާބެހޭ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތައް ރާވައި ހިންގުމާއި، އެފަދަ ޕްރޮގްރާމްތައް ރާވައި ހިންގާ ފަރާތްތަކަށް އެހީތެރިވެދިނުން.
ވަޒީފާތަކަށް ޒުވާނުން ޝައުގުވެރިކުރުވުމަށްޓަކައި ވަޒީފާއާބެހޭ މަޢުލޫމާތުތައް އެއްކޮށް، ޒުވާނުންނަށް ލިބޭނެ މަގުފަހިކޮށްދިނުން.
ޒުވާނުންނަށް މަސައްކަތްތެރިކަމުގެ ތަމްރީނުތަކާއި، ޕްރޮގްރާމުތައް ރާވައި ހިންގުމާއި، ހިންގުވުން.
ޒުވާނުންނަށްޓަކައި މުނިފޫހިފިލުވުމުގެ ޕްރޮގްރާމުތައް ރާވައި ހިންގާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
ޒުވާނުން ކުރިއެރުވުމާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށްޓަކައި މަޝްރޫޢުތައް ރާވައި ހިންގުން.
މަސްތުވާތަކެތީގެ ނުރައްކަލުން ޒުވާނުން ސަލާމަތްކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އެހީތެރިވުން.
މަސްތުވާތަކެއްޗާއި، އެހެނިހެން ނޭދެވޭ އިޖްތިމާޢީ ބަލިތަކުން ދުރުހެލިކުރުވައި، ޒުވާނުންގެ ކިބައިގައި ޤައުމީ ރޫޙާއި މުޖުތަމަޢުގެ މަސްލަޙަތު ކުރިއެރުވުމުގެ ޘަޤާފަތް އަށަގަންނުވައި ހަރުދަނާކުރުމަށް ބޭނުންވާ ޕްރޮގްރާމުތައް ރާވައި ހިންގުން.
މުޖުތަމަޢުގައި ހިންގާ އެކިއެކި ކަންކަމުގައި ޤައުމީ ފެންވަރުގައި ޒުވާނުންނަށް ބައިވެރިވެވޭނެ ގޮތްތަކެއް ހަމަޖައްސައިދިނުމުގައި އެހީތެރިވެދިނުން.
ޒުވާނުންނާ ގުޅޭ އެކިއެކި ހަރަކާތްތައް ޤައުމީ ފެންވަރުގައި ހިންގުމާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގޭ ޒުވާނުންނާބެހޭ ކަންތައްތަކުގައި ރާއްޖޭގެ ފަރާތުން ބައިވެރިވުން.
ބޭރުގެ ޤައުމުތަކާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން ޒުވާނުންގެ ހަރަކާތްތައް ތަރައްޤީކުރުމަށް މަސައްކަތްކުރުން.
ރާއްޖޭގެ ކްލަބް، ޖަމްޢިއްޔާ، ޖަމްޢިއްޔާތަކުން ޒުވާނުންގެ ތަރައްޤީއަށް ހިންގާ ހަރަކާތްތަކަށް، ފަންނީ ރޮނގުންނާއި ތަކެތީގެގޮތުން އެހީވެދިނުން.
ޤާނޫނު ނަންބަރު 2003/1 "ޖަމްޢިއްޔާތަކާބެހޭ ޤާނޫނު" ގައިވާ ގޮތުގެމަތިން، ޖަމްޢިއްޔާތަކާއި، ޖަމާޢަތްތަކާއި، ކްލަބްފަދަ ތަންތަން ރަޖިސްޓްރީކޮށް، އެފަރާތްތައް ރާއްޖޭގެ ތަރައްޤީއަށް ފައިދާހުރި ގޮތެއްގައި ހަރަކާތްތެރިވުމަށް އެހީތެރިވެދިނުން.
ރާއްޖޭގެ ކްލަބް، ޖަމްޢިއްޔާ، ޖަމްޢިއްޔާތަކުގެ ރަޖިސްޓްރާރގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަން ކުރުމާއި، ކްލަބް ޖަމްޢިއްޔާތަކުގެ ދަފްތަރު ބެލެހެއްޓުން.
ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ރާއްޖޭގެ ތަރައްޤީއަށް މަސައްކަތްކުރުމަށްޓަކައި ރަޖިސްޓަރީކޮށްފައިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތައްކަމުގައި ބެލެވޭ ކޮމިއުނިޓީ އޯގަނައިޒޭޝަންތައް ކުރިއެރުވޭނެ ގޮތްތަކާއި ހިތްވަރު ދެވޭނެ ގޮތްތައް ހޯދައި، ބަލައި، އެވަގުތަކަށް އެޅެންހުރި ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ރާވައި، ޤާނޫނާއި ގަވާއިދުތައް ތަންދޭ ގޮތެއްގެ މަތިން އެކަންތައް ކުރުން.
ކޮމިއުނިޓީ އޯގަނައިޒޭޝަންތަކުގެ ދައުރު ފުޅާކޮށް، އެތަންތަން ތަރައްޤީކޮށް، ކުރިއެރުވުމަށް މަސައްކަތްކުރުން.
ކޮމިއުނިޓީ އޯގަނައިޒޭޝަންތަކުގެ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީއާއި މާލީ އެހީ، ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯދިދާނެ ގޮތްތަކާއި ބެހޭގޮތުން، އެފަރާތްތަކަށް މަޝްވަރާއާއި މަޢުލޫމާތުދީ، އެފަދަ އެހީއާބެހޭ ކަންތައްތައް ވިލަރެސްކޮށް، އެފަދަ އެހީ ބޭނުން ކުރެވެމުންދާ ގޮތް ބެލުން.
ޖަމާޢަތްތަކުގެ ހަރަކާތްތަކަށް ރައްޔިތުން ޝައުޤުވެރިކުރުވުމާއި، ޖަމާޢަތްތަކުގެ ހަރަކާތްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުން.
ސަރުކާރުގެ އެކިއެކި އިދާރާތަކުންނާއި، ކޮމިއުނިޓީ އޯގަނައިޒޭޝަންތަކުންނާއި، ޕްރައިވެޓް ސެކްޓަރުން ކުރާ ގިނަ މަސައްކަތްތަކަކީ، ޤައުމީ ތަރައްޤީގެ އަމާޒުތަކަށް ވާޞިލްވުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށްވާތީ، މި ތިން ފަރާތުގެ ގުޅުން ތަރައްޤީކޮށް ދެމެހެއްޓުމަށް މަސައްކަތްކުރުން.
ރާއްޖޭގެ ތަރައްޤީގެ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި ސަރުކާރުގެ އިދާރާތަކުން ހިންގާ ހަރަކާތްތަކާއި، ޕްރައިވެޓް ސެކްޓަރުން ހިންގާ ހަރަކާތްތަކާއި، ކޮމިއުނިޓީ އޯގަނައިޒޭޝަންތަކުން ހިންގާ ހަރަކާތްތައް ގުޅިގެން ކުރިއަށް ގެންދެވޭނެ ނިޒާމެއް ޤާއިމުކޮށް، މިފަދަ ހަރަކާތްތައް ވިލަރެސް ކުރުން.
ސަރުކާރުގެ އިދާރާތަކުން، ކޮމިއުނިޓީ އޯގަނައިޒޭޝަންތަކުގެ އެއްބާރުލުމާއެކު ކުރިޔަށް ގެންދަން ބޭނުންވާ މަޝްރޫޢުތަކުގައި، ސަރުކާރުގެ ކަމާބެހޭ އިދާރާއާއި ކޮމިއުނިޓީ އޯގަނައިޒޭޝަންތަކާ ދެމެދު، މެދުވެރިއެއްގެ ދައުރު އަދާކުރުން.
ސަރުކާރުގެ ވަކި ދާއިރާއަކާ ނުގުޅޭ ކަންތައްތަކުގައި، ސަރުކާރުން ކޮމިއުނިޓީ އޯގަނައިޒޭޝަންތައް މެދުވެރިކޮށް ކުރިޔަށް ގެންދަން ބޭނުންވާ މަޝްރޫޢުތައް އެފަދަ ޖަމާޢަތްތަކާއި ގުޅިގެން ހިންގުން.
އަމިއްލަ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ޤައުމީ ފޯރަމެއް ޤާއިމުކުރުން.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި، ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކްލަބް ޖަމްޢިއްޔާތަކުގެ މަސައްކަތްތައް ހިންގުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ކުޅިވަރު ޖަމްޢިއްޔާތަކާއި، ޖަމާޢަތްތަކުގެ މަސައްކަތް ހިނގާނުހިނގާގޮތް ބެލުން.
ކުޅިވަރުކުޅޭ ޤައުމީ ފެންވަރުގެ ތަންތަން އުފެއްދުމާއި، ޒުވާނުންގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ އެފަދަ ތަންތަން ޢިމާރާތްކުރުން.
މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ޒުވާނުންގެ މަރުކަޒުތަކާއި، ކުޅިވަރުކުޅޭ ޢާންމު ދަނޑުތަކާއި، ބިންތަކާއި، ޢިމާރާތްތަކާއި، ކުޅިވަރުކުޅޭ ކޯޓުތަކާއި، ކުޅިވަރުގެ ވަސީލަތްތައް، ކުޅިވަރުގެ ބޭނުންތަކަށް ދޫކުރާނެ އުސޫލުތައް އެކުލަވާލައި، އެކަންތައްތައް ހިންގުން.
މުޖުތަމަޢުގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށްގެން ޢާންމުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ހިންގުމުގައި އެހީތެރިވެދިނުން.
މިނިސްޓްރީގެ މަސައްކަތްތަކާ ގުޅުންހުރި ދާއިރާތަކުން ރާއްޖެއާއި، ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
ޤާނޫނު ނަންބަރު 2015/30 (ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނު)ގެ ދަށުން އުފައްދާފައިވާ ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ އިދާރީ އިންތިޒާމުތައް ބެލެހެއްޓުން.
މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ހިނގަމުންދާނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ދަށުންނެވެ.
މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ މަސައްކަތްތައް
ޤާނޫނު ނަންބަރު 2015/30 (ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނު)ގެ 37 ވަނަ މާއްދާގައި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ މަޤްޞަދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ މަޤްޞަދުތައް ޙާޞިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.