މިނިސްޓްރީގެ މިޝަން: މިނިސްޓްރީ އޮފް ޑިފެންސްގެ މިޝަންއަކީ ދިވެހިރާއްޖެއާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ޙިމާޔަތްކޮށް، ޤާނޫނު އަސާސީގެ ދަށުން އެކަށައަޅާ ވެރިކަން ދެމެހެއްޓުމާއި، ޤައުމީ ސަލާމަތުގެ ސިޔާސަތު ރާވާ ހިންގާ ތަންފީޒުކުރުމާއި، ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނާއި ސިޔާސީ ސަރަޙައްދު ދިފާޢުކޮށް ބެލެހެއްޓުމާއި، މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށާއި ސަރުކާރުގެ އެހެނިހެން ދާއިރާތަކަށް ޚިދުމަތްތައް އެންމެ ފުރިހަމަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ނިޒާމްތައް ޤާއިމް ކުރުމާއި، ޤާބިލް މުވައްޒަފުން ހޯދާ، މިޚިދުމަތްތައް ދެމެހެއްޓުމެވެ. އަދި މިނިސްޓްރީ އޮފް ޑިފެންސްގެ ބެލެނިވެރިކަމުގެ ދަށުގައިވާ އިދާރާތައް ބަލަހައްޓާ، އެއިދާރާތަކާ ގުޅިގެން މަސައްކަތްކުރުމެވެ.
ޚިދުމަތް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ގެންގުޅޭ އާންމު މިންގަނޑުތައް:
• މިނިސްޓްރީ އޮފް ޑިފެންސް ހުޅުވިފައި ހުންނާނީ ބަންދު ނޫން ދުވަސްތަކުގެ 08:00 - 14:00 އަށެވެ. މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުގައިވާ އިދާރާތައް ހުޅުވިފައި ހުންނަ ގަޑިތައް އެ އިދާރާތަކުގެ ސަރވިސް ޗާޓަރުގައި ބަޔާންކޮށްފައި ހުންނާނެއެވެ
• ޚިދުމަތެއް ހޯދުމަށް އެދި މިނިސްޓްރީއަށް ލިބޭ ފޯން ކޯލްތަކަށް ރަޙުމަތްތެރިކަމާ، އޯގާތެރިކަމާ، އިޙުތިރާމާއެކު ޖަވާބު ދޭނަމެވެ.
• މިނިސްޓްރީން ހޯއްދަވަން އެދިވަޑައިގަންނަވާ ޚިދުމަތްތައް ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތް ކުރާނަމެވެ.
• މިނިސްޓްރީން ފޯރުކޮށްދޭ ޚިދުމަތްތައް ފުރިހަމަކުރުމަށްޓަކައި ހުށަހެޅޭ ޚިޔާލުތައް އިޚްލާސްތެރިކަމާއެކު ބަލައިގަންނާނަމެވެ.
• މިނިސްޓްރީގެ ކޯލް ސެންޓަރގެ ނަންބަރު 3322601 އަށް ލިބޭ ކޯލުތަކަށް ވީހާވެސް އަވަހަށް ޖަވާބުދޭނަމެވެ. ކޯލް ސެންޓަރ ގެ ކިޔޫގައި މަޑުކުރައްވަން ބޭނުންފުޅުނުވާނަމަ މިނިސްޓްރީގެ މޯބައިލް ނަންބަރު 7522601 އަށް ނަމާއި އައިޑީ ކާޑު ނަންބަރާއި ބޭނުންފުޅުވާ ޚިދުމަތަކާ ބެހޭގޮތުން ކުރު މެސެޖެއް ފޮނުއްވުމުން ވީއެންމެ އަވަހަކަށް ޖަވާބު ދޭނަމެވެ.
• މިނިސްޓްރީއަށް ލިބޭ ސިޓީތަކާއި އީމޭލްތަކަށް ރަސްމީ މަސައްކަތު ދުވަހުގެ 5 ދުވަހާއި 10 ދުވަހުގެ ތެރޭގައި ޖަވާބުދޭނަމެވެ.
ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މިންގަނޑުތަކާއި ހޭދަވާނެ ވަގުތު:
ޚިދުމަތް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މިންގަނޑު / ހޭދަވާނެ ވަގުތު
1 ގްރީން ޒޯން ސަރަޙައްދުތަކުގެ މަގުތަކުގައާއި އެ ސަރަހައްދުތަކުގައި ހުންނަ އުސް އިމާރާތްތަކުގައި، މަސައްކަތްކުރުމަށް ނުވަތަ ހަރަކާތެއް ހިންގުމަށް ހުއްދަ ދޫކުރުން.
• މާލެ ސިޓީ ކައުންސިލުން ހުއްދަދޫކުރާ މަސައްކަތްތަކަށް މި މިނިސްޓްރީއިން ދޫކުރާ ގްރީންޒޯން ހުއްދައަށް އެދި ހުށަހަޅާނީ އެ ކައުންސިލުންނެވެ. އެހެންކަމުން އެ ސަރަހައްދުތަކުގައި މަސައްކަތެއް ކުރުމަށް މާލޭ ސިޓީ ކައުންސިލްގެ ހުއްދައަކަށް އެދޭ ފަރާތްތަކުން، މި މިނިސްޓްރީގެ ހުއްދަ ހޯދަން ވަކިން ހުށަހަޅާކަށް ނުޖެހޭނެއެވެ. މާލެ ސިޓީ ކައުންސިލުން ހުއްދައަށް އެދި މިނިސްޓްރީއަށް ފޮނުވާ ފޯމުތަކަށް، މިނިސްޓްރީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ރަސްމީ މަސައްކަތު ދުވަހުގެ ގިނަވެގެން 3 ދުވަހުގެ ތެރޭގައި ހުއްދަ ނުވަތަ ޖަވާބު ދެވޭނެއެވެ.
• މާލެ ސިޓީ ކައުންސިލުން ހުއްދަ ނަގަން ނުޖެހޭ މަސައްކަތެއް ގްރީން ޒޯން ސަރަޙައްދެއްގައި ކުރައްވަން ބޭނުންވާނަމަ މިނިސްޓްރީގެ ވެބްސައިޓް www.defence.gov.mv ގައިވާ "ސެކިއުރިޓީ ޒޯންގެ ތެރޭގައި ހިމެނޭ ސަރަޙައްދުތަކުގައި މަސައްކަތްކުރުމަށް ނުވަތަ ޙަރަކާތް ހިންގުމަށް ހުއްދައަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު admin@defence.gov.mv އަށް އީ-މެއިލް ކުރެއްވުމުން، މިނިސްޓްރީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ރަސްމީ މަސައްކަތު ދުވަހުގެ ގިނަވެގެން 3 ދުވަހުގެ ތެރޭގައި ހުއްދަ ނުވަތަ ޖަވާބު ދެވޭނެއެވެ.
2 ރާއްޖެއަށް ކެމިކަލް އެތެރެކުރުމުގެ ހުއްދަދިނުން.
• ރާއްޖެއަށް ކެމިކަލް އެތެރެކުރުމަށް އެދި "މަކުޑި" ސިސްޓަމް މެދުވެރިކޮށް ހުށަހެޅުއްވުމުން، ހުށަހަޅުއްވާފައިވާ ރިކުއެސްޓްގައި މިނިސްޓްރީގެ ފަރާތުން ބަލަންޖެހޭ އެންމެހާ ކަންކަން ބެލުމަށްފަހު، ރަސްމީ މަސައްކަތު ދުވަހުގެ ގިނަވެގެން 6 ދުވަހުގެ ތެރޭގައި ހުއްދަ ނުވަތަ ޖަވާބު ދެވޭނެއެވެ.
• ކެމިކަލް އެތެރެކުރުމަށް އެދި ހުށަހަޅުއްވާއިރު އެ ކެމިކަލެއް ރައްކާކޮށް ބެހެއްޓުމަށްޓަކައި މިނިސްޓްރީން ހުއްދަ ދީފައިވާ ގުދަނެއް ހުންނަންވާނެއެވެ.
• ރާއްޖެއަށް އެތެރެކުރާއިރު ހުއްދަ ނަގަން ނުޖެހޭ ކެމިކަލްތަކުގެ ލިސްޓު މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރެވިފައި ހުންނާނެއެވެ.
3 ރާއްޖެއަށް އެތެރެކުރާ ކެމިކަލް ރައްކާކުރުމަށް ހަދާ ގުދަނަށް ހުއްދަދިނުން.
• ކެމިކަލް ރައްކާކުރުމަށް ހަދާފައިވާ ގުދަނަށް ހުއްދަ ހޯދުމަށް އެދި "މަކުޑި" ސިސްޓަމް މެދުވެރިކޮށް ހުށަހެޅުމުން ގުދަން ޗެކުކުރުމަށް އެމް.އެން.ޑީ.އެފް ގެ ފަރާތުން ދާނެއެވެ. ޗެކްކުރާއިރު ގުދަންހުރީ ކަނޑައެޅިފައިވާ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް ކަމުގައިވާނަމަ ބަންދު ދުވަސްތައް ނުހިމަނާ 5 ދުވަހުގެ ތެރޭގައި ހުއްދަ ދެވޭނެއެވެ. ޗެކް ކުރާއިރު ސަލާމަތީ މިންގަނޑުތަކަށް ހަދާފައިނުވާ ގުދަންތައް، ސަލާމަތީ މިންގަނޑަށް ގެނައުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކުގެ މަޢުލޫމާތު ބަންދު ދުވަސްތައް ނުހިމަނާ 5 ދުވަހުގެ ތެރޭގައި ފޯރުކޮށްދެވޭނެއެވެ.
4 އިމާރާތްތަކުގައި ޤާއިމްކުރާ ފަޔަރ ސޭފްޓީ ސިސްޓަމްގެ ކުރެހުންތައް ފާސްކޮށްދިނުމާއި، ސިސްޓަމްތައް ޗެކްކޮށް ލިޔުން ދޫކުރުން.
• ފަޔަރ ސޭފްޓީ ސިސްޓަމްތަކުގެ ކުރެހުން ފާސްކޮށް ދިނުމަށް އެދި ހުށަހަޅުއްވާނަމަ ސިޓީއަކާއެކު ކުރެހުން ހުށަހަޅުއްވަން ވާނެއެވެ.
• ފަޔަރ ސޭފްޓީ ސިސްޓަމްތައް ޗެކްކުރަން ހުށަހަޅުއްވާނަމަ، އިމާރާތާއި، ޗެކުކުރަން ބޭނުންވާ ސިސްޓަމްތަކުގެ މައުލޫމާތާއެކު ހުށަހަޅުއްވަން ވާނެއެވެ.
• މިދެންނެވި ޚިދުމަތްތަކަށް އެދި admin@defence.gov.mv އަށް ހުށަހެޅުއްވުމުން، މިނިސްޓްރީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ބަންދު ދުވަސްތައް ނުހިމަނާ 7 ދުވަހުގެ ތެރޭގައި ޖަވާބުދެވޭނެއެވެ.
5 ތެލުގެ ވިޔަފާރި ކުރުމަށްޓަކައި ތެޔޮ ރައްކާކުރުމަށް ހަދާ ތަންތަނަށް ހުއްދަ ދިނުން.
• ތެޔޮ ރައްކާކުރުމަށް ހަދާ ތަންތަނުގެ ކުރެހުން އެޕްރޫވްކުރުމަށް ހުށަހަޅުއްވާނަމަ ސިޓީއާއެކު ކުރެހުން ހުށަހަޅުއްވަން ވާނެއެވެ.
• ތެލުގެ ވިޔަފާރި ކުރުމަށްޓަކައި ތެޔޮ ރައްކާކުރުމަށް ހަދާ ތަންތަނަށް ހުއްދަ ހޯދުމަށް ހުށަހަޅުއްވާނަމަ، މިނިސްޓްރީގެ ވެބްސައިޓްގައިވާ "ތެލުގެ ބާވަތްތަކުގެ ވިޔަފާރި ކުރުމާއި، ގުދަން ކުރުމާއި، އުފުލުމުގެ ހުއްދައަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ވާނެއެވެ.
• މިދެންނެވި ޚިދުމަތްތަކަށް އެދި admin@defence.gov.mv އަށް ހުށަހެޅުއްވުމުން، މިނިސްޓްރީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ބަންދު ދުވަސްތައް ނުހިމަނާ 7 ދުވަހުގެ ތެރޭގައި ޖަވާބުދެވޭނެއެވެ.
ނޯޓް: ހުއްދަ ދެވެނީ އެތަނެއް ޗެކް ކުރުމަށްފަހުގައި ކަމަށްވާތީ، އަތޮޅުތެރޭގައިނަމަ، އިތުރު ވަގުތު ނަގާނެއެވެ.
6 ތެޔޮ އުފުލާ އުޅަނދުފަހަރަށް ހުއްދަ ދިނުން.
• ތެޔޮ އުފުލާ އުޅަނދުފަހަރަށް ހުއްދަ ހޯދުމަށް ހުށަހަޅުއްވާނަމަ، މިނިސްޓްރީގެ ވެބްސައިޓްގައިވާ "ތެލުގެ ބާވަތްތަކުގެ ވިޔަފާރި ކުރުމާއި، ގުދަން ކުރުމާއި، އުފުލުމުގެ ހުއްދައަށް އެދޭފޯމް" ފުރިހަމަ ކުރެއްވުމަށްފަހު ހުށަހަޅުއްވާނީ admin@defence.gov.mv އަށެވެ.
• ޚިދުމަތައް އެދި ހުށަހެޅުއްވުމުން، މިނިސްޓްރީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ބަންދު ދުވަސްތައް ނުހިމަނާ 7 ދުވަހުގެ ތެރޭގައި ޖަވާބުދެވޭނެއެވެ.
ނޯޓް: ހުއްދަ ދެވެނީ އެއުޅަނދެއް ޗެކް ކުރުމަށްފަހުގައި ކަމަށްވާތީ، އަތޮޅުތެރޭގައިނަމަ، އިތުރު ވަގުތު ނަގާނެއެވެ.
7 އަލިފާން ނިވާ ނިޒާމުތައް ޤާއިމް ކުރުމުގެ މަސައްކަތްކުރާ ފަރާތްތަކަށް ހުއްދަދިނުން.
• މިޚިދުމަތަށް އެދި ހުށަހަޅުއްވާނީ މިނިސްޓްރީގެ ވެބްސައިޓްގައިވާ "އަލިފާނުން ރައްކާތެރިވުމުގެ މަސައްކަތްކުރުމުގެ ހުއްދައަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު admin@defence.gov.mv އަށެވެ.
• ޚިދުމަތައް އެދި ހުށަހެޅުއްވުމުން، މިނިސްޓްރީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ބަންދު ދުވަސްތައް ނުހިމަނާ 7 ދުވަހުގެ ތެރޭގައި ޖަވާބުދެވޭނެއެވެ.
8 އަލިފާން ނިވާ ނިޒާމުތަކުގައި ބޭނުންކުރާ ތަކެތި މިނިސްޓްރީގެ މިންގަނޑަށް ފެތޭތޯ ބަލާ ލިޔުން ދޫކުރުން. • މިޚިދުމަތަށް އެދި ހުށަހަޅުއްވާނީ މިނިސްޓްރީގެ ވެބްސައިޓްގައިވާ "ފަޔަރ ސޭފްޓީ އިކްއިޕްމަންޓް / ސްޕެސިފިކޭޝަން އެޕްރޫވްކުރުމަށް ހުށަހަޅާ ފޯމް" ފުރިހަމަކުރެއްވުމަށްފަހު admin@defence.gov.mv އަށެވެ.
• ޚިދުމަތައް އެދި ހުށަހެޅުއްވުމުން، މިނިސްޓްރީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ބަންދު ދުވަސްތައް ނުހިމަނާ 7 ދުވަހުގެ ތެރޭގައި ޖަވާބުދެވޭނެއެވެ.
9 ބޯޓުފަހަރުގެ ސަލާމަތާ ރައްކާތެރިކަމަށް ބަހައްޓާ ފްލެއާރ އެތެރެކުރުމަށް ހުއްދަ ދިނުން.
• މިޚިދުމަތަށް އެދި ހުށަހަޅުއްވާނީ މިނިސްޓްރީގެ ވެބްސައިޓްގައިވާ "ފަޔަރ ވަރކްސްގެ ބާވަތްތައް އެތެރެކުރުމާއި ބޭނުންކުރުމުގެ ހުއްދަ އަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު admin@defence.gov.mv އަށެވެ.
• ފޯމާއެކު މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އިޢުތިރާޒެއް ނެތްކަމުގެ ސިޓީއެއް މިނިސްޓްރީއަށް ހުށަހަޅުއްވަން ވާނެއެވެ.
• ޚިދުމަތައް އެދި ހުށަހެޅުއްވުމުން، މިނިސްޓްރީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ބަންދު ދުވަސްތައް ނުހިމަނާ 7 ދުވަހުގެ ތެރޭގައި ޖަވާބުދެވޭނެއެވެ.
10 މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ސަލާމަތީ ކަންކަން ބަލަހައްޓާ ސަރަޙައްދުތަކުގައި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ނުވަތަ ޑްރޯން އޮޕަރޭޓްކުރުމުގެ ހުއްދަ ދޫކުރުން.
• ޑްރޯން އޮޕަރޭޓްކުރުގެ ހުއްދަ ބޭނުންވާ ފަރާތްތަކުން އެކަމަށްއެދި މިނިސްޓްރީގެ ވެބްސައިޓް ގައިވާ "ޑްރޯން އޮޕަރޭޓްކުރުމުގެ ހުއްދައަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު admin@defence.gov.mv އަށް އީ-މެއިލް މެދުވެރިކޮށް ހުށަހެޅުއްވުމުން، މިނިސްޓްރީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ބަންދު ދުވަސްތައް ނުހިމަނާ 3 ދުވަހުގެ ތެރޭގައި ހުއްދަ ނުވަތަ ޖަވާބު ދެވޭނެއެވެ.
• މާލެ ނުވަތަ މާލެކައިރީ ސަރަހައްދެއްގައި ޑްރޯން އަރުވާނަމަ ހުއްދައަށްއެދޭ ފޯމާއެކު ޑްރޯން އަރުވާ ސަރަހައްދުގެ ޗާޓެއް ހުށަހަޅުއްވަންވާނެއެވެ.
11 އަލިފާނުގެ ހާދިސާތަކާއި ކަނޑުމަތީގައި އުޅަނދުފަހަރު އެކްސިޑެންޓްވެ ހިނގާ ހާދިސާތަކުގެ ރިޕޯޓު ދޫކުރުން.
• މި ޚިދުމަތަށް އެދި ހުށަހަޅުއްވާނީ ސިޓީއަކުން admin@defence.gov.mv އަށެވެ.
• ކަނޑުމަތީގެ ހާދިސާއަކާގުޅިގެން އިންޝުއަރެންސްގެ ބޭނުމަށް ރިޕޯޓެއް ހޯއްދަވަން އެދި ހުށަހަޅުއްވާނަމަ، އެ އުޅަނދެއްގެ ރަޖިސްޓްރީގެ ކޮޕީއާއި، އުޅަނދުގެ ވެރިފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީއާއި، ސަލާމަތީ ސެޓްފިކެޓުގެ ކޮޕީއާއި އުޅަނދުގެ ކެޕްޓަންގެ ލައިސަންސް ނުވަތަ ސަނަދުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.
• ޚިދުމަތައް އެދި ހުށަހެޅުއްވުމުން، މިނިސްޓްރީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ބަންދު ދުވަސްތައް ނުހިމަނާ 7 ދުވަހުގެ ތެރޭގައި ރިޕޯޓް ދޫކުރެވޭނެއެވެ.
12 ކަނޑުމަތީގެ ހާދިސާތަކުން ރައްކާތެރިވުމާ ބެހޭގޮތުންނާއި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާ ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ހިންގައިދިނުން.
• މި ޚިދުމަތަށް އެދި ހުށަހަޅުއްވާނީ ސިޓީއަކުން admin@defence.gov.mv އަށެވެ.
• ޚިދުމަތައް އެދި ހުށަހެޅުއްވުމުން، މިނިސްޓްރީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ބަންދު ދުވަސްތައް ނުހިމަނާ 7 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެއެވެ.
13 މިނިސްޓްރީން އިޢުލާން ކޮށްފައިވާ ބިޑަކާ ބެހޭގޮތުން މަޢުލޫމާތު އޮޅުން ފިލުއްވުމަށް ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުން. މަޢުލޫމާތު އޮޅުން ފިލުއްވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށްއެދި tender@defence.gov.mv އަށް އީމެއިލް ކުރެއްވުމުން، ބަންދު ދުވަސްތައް ނުހިމަނާ 3 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެއެވެ.
14 މިނިސްޓްރީއަށް ހުށަހަޅުއްވާފައިވާ ބިލަކާ ބެހޭގޮތުން މަޢުލޫމާތު އޮޅުން ފިލުއްވުމަށް ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުން. މަޢުލޫމާތު އޮޅުން ފިލުއްވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށްއެދި accounts@defence.gov.mv އަށް އީމެއިލް ކުރެއްވުމުން، ބަންދު ދުވަސްތައް ނުހިމަނާ 3 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެއެވެ.
15 މިނިސްޓްރީން ބަލައިގަންނަ ފައިސާ ބަލައިގަތުން. މިނިސްޓްރީ އާއި އެމް.އެން.ޑީ.އެފް އަށް ބަލައިގަންނަ ފައިސާ ބަލައިގަންނާނީ ސަރުކާރު ބަންދުނޫން ދުވަސްތަކުގައި މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރިޕޭ ޕޯޓަލް މެދުވެރިކޮށެވެ. ބަނޑޭރިޕޭ ޕޯޓަލް މެދުވެރިކޮށް ފައިސާދެއްކުމަށް ހުށަހެޅުއްވުމަށްފަހު ރަސްމީ ގަޑީގައި ގުޅުއްވާނީ 3313124 އަށެވެ. ފައިސާ ދެއްކުމަށްއެދި ހުށަހެޅުއްވުމަށްފަހު ގުޅުއްވާތާ ލަސްވެގެން 1 ގަޑިއިރުގެ ތެރޭގައި ފައިސާ ބަލައިގަތުމަށް އެޕްރޫވަލް ދެވޭނެއެވެ.
16 ސިވިލް ސަރވިސްގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކަށް ޖަވާބު ދިނުން.
• މިނިސްޓްރީގެ ވަޒީފާތަކަށް މުވައްޒަފުން ހޯދުމަށް ސަރުކާރުގެ ގެޒެޓްގައާއި މިނިސްޓްރީގެ ވެބްސައިޓްގައި އިއުލާންކުރުމުން އެޕްލިކޭޝަން ފޯމާއި ލިޔުންތައް ފޮނުއްވާނީ މިނިސްޓްރީގެ އީމެއިލް careers@defence.gov.mv އަށެވެ.
• އެޕްލިކޭޝަން ފޯމާއި ލިޔުންތައް ލިބުނުކަން ޔަގީން ކުރެއްވުމަށް ނުވަތަ މަޢުލޫމާތު ހޯއްދެވުމަށް، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން (އެޗް.އާރު) ގެ އީމެއިލް hr@defence.gov.mv އަށް ނުވަތަ careers@defence.gov.mv އަށް ލިޔުއްވުމުން، ނުވަތަ އެޗް.އާރު ގެ ފޯނު ނަންބަރު 3313724 އަށް ނުވަތަ ކޯލް ސެންޓަރގެ ނަންބަރު 3322601 އަށް ގުޅުއްވުމުން ޖަވާބުދެވޭނެއެވެ.
• އެޕްލިކޭޝަން ފޯމާއި ލިޔުންތައް ލިބުމުން، އެތަކެތި ލިބިފައިވާކަން ބަންދު ދުވަސްތައް ނުހިމަނާ 3 ދުވަހުގެ ތެރޭގައި ހުށަހެޅިފަރާތަށް ލިޔުމުން އަންގާނެއެވެ.
17 މިނިސްޓްރީއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގައި ވަޒީފާ އަދާކުރި މުވައްޒަފުންނަށް، އެ މުވައްޒަފުން ވަޒީފާއަދާކުރިގޮތުގެ ލިޔުން ހޯދުމަށް އެދި މިނިސްޓްރީއަށް ހުށަހަޅާ ލިޔުންތަކަށް ޖަވާބުދިނުން.
• މިކަމަށްއެދި ސިޓީއަކުން ނުވަތަ އީމެއިލް މެދުވެރިކޮށް admin@defence.gov.mv ހުށަހެޅުއްވުމުން، އެފަރާތަކީ މިނިސްޓްރީގައި ވަޒީފާ އަދާކޮށްފައިވާ މުވައްޒަފެއްނަމަ، ބަންދު ދުވަސްތައް ނުހިމަނާ 3 ދުވަހުގެ ތެރޭގައި އެފަރާތަކަށް ލިޔުން ދޫކުރެވޭނެއެވެ.
• އެފަރާތަކީ އެމް.އެން.ޑީ.އެފްގައި ވަޒީފާއަދާކޮށްފައިވާ ފަރާތެއްނަމަ، ބަންދު ދުވަސްތައް ނުހިމަނާ 14 ދުވަހުގެ ތެރޭގައި އެފަރާތަކަށް ލިޔުން ދޫކުރެވޭނެއެވެ.
18 ދިވެހިރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކުގެ އެއަރޕޯޓު ސެކިއުރިޓީ ޕްރޮގްރާމްތަކަށާއި، ދިވެހިރާއްޖޭގެ މަދަނީ ވައިގެ ބަނދަރު ތަކުގެ ކުރެހުންތަކަށާއި، ވައިގެ ބަނދަރުތަކަށް ގެނެވޭ ބަދަލުތަކަށާއި، ދިވެހިރާއްޖެ އަށް އޮޕަރޭޓްކުރާ ބޭރުގެ އެއަރލައިންތަކާއި ރާއްޖޭގެ އެއަރލައިންތަކުގެ އެއަރލައިން އޮޕަރޭޓަރ ސެކިއުރިޓީ ޕްރޮގްރާމްތަކަށާއި، އޭވިއޭޝަން ސެކިއުރިޓީ ތަމްރީން ދޭ މަރްކަޒްތަކަށާއި އެތަމްރީންތައް ދޭ މުދައްރިބުންނަށާއި، އޭވިއޭޝަން ސެކިއުރިޓީ ސްކްރީނަރުންނަށާއި، އޭވިއޭޝަން ސެކިއުރިޓީ އިންސްޕެކްޓަރުންނަށް ހުއްދަ ދިނުން.
މިކަމަށްއެދި ސިޓީއަކުން ނުވަތަ އީމެއިލް މެދުވެރިކޮށް dasa@defence.gov.mv އަށް ހުށަހެޅުއްވުމުން؛
• ހުށަހަޅާތާ 3 ދުވަސް ތެރޭގައި ރިވިއޫ ކުރުމުގެ މަސައްކަތް ފަށްޓާ ހުށަހެޅި ފަރާތަށް އެކަން އަންގާނެއެވެ.
• DASA އިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ބަންދު ދުވަސްތައް ނުހިމަނާ ގިނަވެގެން 30 ދުވަހުގެ ތެރޭ ޕްރޮގްރާމް ތަކަށް ހުއްދަ ނުވަތަ ޖަވާބު ދެވޭނެއެވެ.
• DASA އިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ބަންދު ދުވަސްތައް ނުހިމަނާ ގިނަވެގެން 15 ދުވަހުގެ ތެރޭ ކުރެހުން އެޕްރޫވްކުރެވޭނެއެވެ.
ތަމްރީނު ދޭ މަރުކަޒުތަކަށާއި، މުދައްރިބުންނަށާއި، ސްކްރީނަރުންނަށާއި، އިންސްޕެކްޓަރުންނަށް ޑާސާއިން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު ބަންދު ދުވަސްތައް ފިޔަވައި ގިނަވެގެން 45 ދުވަހުގެ ތެރޭގައި ހުއްދަ ދެވޭނެއެވެ.
19 މަދަނީ މަތިންދާބޯޓު ފަހަރުގައި އެއަރލައިންގެ ޤަވާއިދުތަކާއި އެއްގޮތަށް ހަތިޔާރު އުފުލުމުގެ ހުއްދަ ދިނުން. މި ޚިދުމަތަށް އެދި ހުށަހަޅުއްވާނީ ސިޓީއަކުން dasa@defence.gov.mv އަށެވެ. DASA އިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ބަންދު ދުވަސްތައް ނުހިމަނާ ގިނަވެގެން 02 ދުވަހުގެ ތެރޭ އަދި ރާއްޖެއިން ބޭރުގެ އުދުހުންތަކަށް ބަންދު ދުވަސްތައް ނުހިމަނާ ގިނަވެގެން 07 ދުވަހުގެ ތެރޭގައި ހުއްދަ ނުވަތަ ޖަވާބު ދެވޭނެއެވެ.
20 އޭވިއޭޝަން ސެކުއިރިޓީ މަސައްކަތްތަކުގައި ބޭނުންކުރެވޭ އިކުއިޕްމަންޓުތަކުގެ ޓެކްނިކަލް ސްޕެސިފިކޭޝަނަށް ހުއްދަ ދިނުމާއި އެތަކެތި އެއަރޕޯޓްތަކުގައި ބޭނުންކުރުމުގެ ހުއްދަ ދިނުން. މި ޚިދުމަތަށް އެދި ހުށަހަޅުއްވާނީ ސިޓީއަކުން dasa@defence.gov.mv އަށެވެ.
• އިކުއިޕްމަންޓްތަކުގެ ޓެކްނިކަލް ސްޕެސިފިކޭޝަންއަށް، ބަންދު ދުވަސްތައް ނުހިމަނާ ގިނަވެގެން 7 ދުވަސް ތެރޭގައި ހުއްދަ ނުވަތަ ޖަވާބު ދެވޭނެއެވެ.
• އިކުއިޕްމަންޓްތައް އެއަރޕޯޓްތަކުގައި ބޭނުން ކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުން، ބަންދު ދުވަސްތައް ނުހިމަނާ ގިނަވެގެން 7 ދުވަހުގެ ތެރޭގައި ހުއްދަ ނުވަތަ ޖަވާބު ދެވޭނެއެވެ.
21 ނޭޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް (އެންކާސްޕް)، ނޭޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޓްރޭނިންގ ޕްރޮގްރާމް އަދި ނޭޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ކޮލިޓީ ކޮންޓްރޯލް ޕްރޮގްރާމް، އައިކާއޯގެ (17 އަދި 9 ) އެނެކްސްތަކަށް ގެނެވޭބަދަލުތަކާއި އެއްގޮތްވާގޮތުގެ މަތީން ތައްޔާރުކޮށް، މުރާޖާކޮށް، ގެންނަންޖެހޭ އިސްލާޙްތައް ގެނެސް، ޕްރޮގްރާމް ފާސްކޮށް، ކަމާއިބެހޭ އިދާރާތަކަށް ކަނޑައެޅިފައިވާ އުސޫލުން ޕްރޮގްރާމް ފޮނުވާ ޕްރޮގްރާމް ތަންފީޒް ކުރުމަށް އެންގުން. އައިކާއޯގެ އެނެކްސްތަކަށް ގެންނަ ބަދަލުތަކާއި ގުޅިގެން ޕްރޮގްރާމްތަކަށް ގެނެވޭ ބަދަލުތައް އޭވިއޭޝަން ސެކިއުރިޓީ އާއި ގުޅުންހުރި ފަރާތްތަކަށް އަހަރަކު އެއްފަހަރު ހިއްސާ ކުރެވޭނެއެވެ.
ބައިނަލްއަގްވާމީ އަދި ޤައުމީ ލެވެލްގައި އޭވިއޭޝަން ސެކިއުރިޓީ ތްރެޓްތަކާއި ގުޅިގެން ޕްރޮގްރާމް އަށް ގެނެވޭ ބަދަލުތައް ކަމާބެހޭ ފަރާތްތަކަށް ވަގުތުން އެންގޭނެއެވެ.
22 ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ކުރިމަތި ވެދާނެ ނުރައްކާތަކާއި ބެހޭ މައުލޫމާތު ދިވެހިރާއްޖޭގެ އިންޓެލިޖެންސް އިދާރާ ތަކުންނާއި ބައިނަލްއަޤްވާމީ އިދާރާތަކުން ލިބިގަތުމާ، ރިސްކް އެސެސްކޮށް ތްރެޓް ލެވެލް ކަނޑައަޅައި ނުރައްކާތަކާއި ބެހޭ މައުލޫމާތު، ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ކަމާބެހޭ ފަރާތްތަކާއި، ހިއްސާކުރުން. ކަމުގެ ކުޑަ ބޮޑު މިނަށް ބަލާ ތްރެޓް ލެވެލްއަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ ކަމާއިބެހޭ ފަރާތްތަކަށް ވަގުތުން އެންގޭނެއެވެ.
23 ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރު ފަތުރުގެ ނިޒާމުގެ ސަލާމަތާއިބެހޭ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ހެދިފައިވާ އުސޫލުތަކާއި ސިޔާސަތުތަކާއި ގަވާއިދުތައް ތަންފީޒް ކުރުމުގައި އެހީތެރިކަމާއި، އިރުޝާދާއި ލަފާ ފޯރުކޮށްދިނުން. މި ޚިދުމަތަށް އެދި ހުށަހަޅުއްވާނީ ސިޓީއަކުން dasa@defence.gov.mv އަށެވެ.
އެދިވަޑައިގެންފައިވާ ޚިދުމަތެއްގެ ބާވަތުން ބަންދު ދުވަސްތައް ނުހިމަނާ ގިނަވެގެން 2 ދުވަހާއި 15 ދުވަހުގެ ތެރޭގައި އެހީތެރިކަން، ނުވަތަ އިރުޝާދާއި ލަފާ ފޯރުކޮށްދެވޭނެއެވެ.
24 އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (ICAO) ގެ އޭވިއޭޝަން ސެކިއުރިޓީ އާއި ގުޅޭ ފޯކަލް ޕޮއިންޓް އޮފް ކޮންޓެކްގެ ހައިސިއްޔަތުން މުޢާމަލާތް ކުރުން. ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން ސެކިއުރިޓީ ކަންތައްތަކާއި ގުޅޭގޮތުން އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (ICAO) އިން ކަނޑައަޅާ ވަގުތަށް ޙިއްސާކުރަން ޖެހޭ މަޢުލޫމާތުތައް ޙިއްސާ ކުރެވޭނެއެވެ.
25 މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެދަށުން ހޯދަން އެދޭ މަޢުލޫމާތު ދިނުން. މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ގޮތަށް ހުށަހަޅާ ހުށަހެޅުންތަކަށް އެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ޖަވާބު ދެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް އިންފޮމޭޝަން އޮފިސަރ (ފޯން: 9977885) އާ ގުޅުއްވުމުން ސާފުކޮށްދެވޭނެއެވެ.
ސަރވިސް ޗާޓަރުގައި ނުހިމެނޭ ކަންތައްތައް: މި ސަރވިސް ޗާޓަރަކީ އަޅުގަނޑުމެން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި އެކުލަވާލެވިފައިވާ އެއްޗަކަށްވާތީ، ބައެއް ބާވަތުގެ ކަންތައްތައް މި ޗާޓަރުން އިސްތިސްނާވާނެއެވެ. އޭގެތެރޭގައި މިނިސްޓްރީ ހިންގުމުގައި އިދާރީގޮތުން ގެންނަ ބަދަލުތަކާއި އަޅާ ފިޔަވަޅުތަކާ ބެހޭގޮތުން ހުށަހެޅޭ ސުވާލަށް ޖަވާބު ދިނުމާއި، ޤައުމީ ސަލާމަތާ ގުޅުންހުރި ކަންތައްތަކާއި، ޕޮލިސީ ނިންމުމެއް ބޭނުންވާފަދަ ކަންކަމާ ގުޅޭގޮތުން ހުށަހެޅޭ ސުވާލަށް ޖަވާބު ދިނުންފަދަ ކަންކަން ހިމެނޭނެއެވެ.
މިނިސްޓްރީއާ ގުޅުއްވުމަށް: ޚިދުމަތްތަކާ ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވުމަށް: • ފޯން ނަންބަރު: 3322601 (ކޯލް ސެންޓަރ ނަންބަރު)
ބަންދު ނޫން ދުވަސްތަކުގެ 08:00 - 14:00 އަށް މަތީގައިވާ ފޯން ނަންބަރުން ގުޅޭނެއެވެ. • ކޯލް ސެންޓަރ ފޯން ކިޔޫގައި މަޑުކުރައްވަން ބޭނުންފުޅު ނުވާނަމަ މެސެޖް ފޮނުއްވާނެ ނަންބަރު: 7522601 • ފެކްސް: 3325525 • އީމޭލް: admin@defence.gov.mv • ވެބްސައިޓް: www.defence.gov.mv
ޚިދުމަތަކާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ މިނިސްޓްރީގެ ވެބްސައިޓްގައި އޮތް ޝަކުވާ ހުށަހަޅާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު admin@defence.gov.mv އަށް އީމޭލް ކޮށްދެއްވާށެވެ. މިދެންނެވި ފޯމު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
https://www.gov.mv/dv/service-forms/dispute-grievance-application-form
- ފުރަތަމަ ޕަބްލިޝް ކުރީ: 31 އޯގަސްޓް 2021 * އެންމެފަހުން އަޕްޑޭޓް ކުރީ: 12 އޮކްޓޫބަރު 2021